ފެނަކައިން ބިޑް ކުރުމުގެ ކުރިން އިންޖީނު ގަތެވެ. މަޝްރޫއު ހަވާލުކޮށް އެއްބަސްވުން ބާތިލް ކުރިނަމަވެސް ސަޕްލަޔަރަށް ފައިސާ ދޫކުރި އެވެ. ފެނަކަ ސައީދު އާއިލާ މީހުންގެ ކުންފުނިތައް ފުރާލި އެވެ. މުޅިން ހިންގީ ކޮރަޕްޝަނެވެ.
މދިޔަ 19 ވަނަ ރައްޔިތުން މަޖިލީސް ނިމެންދިޔައިރު އޮތީ ދެބައި ވެފަ އެވެ. ދެ ފެކްޝަން އުފެދިފަ އެވެ. ފެކްޝަންގެ އެއް ފަރާތުގައި ތިބީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުންނެވެ. އަނެއް ފަރާތުގައި ތިބީ ނަޝީދުގެ ގާތް އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ "ސަރުކާރު" މެންބަރުންނެވެ. ގައުމު އޮތީ ދެ ފެކްޝްގެ ހަނގުރާމައިގެ މެދުތެރޭގަ އެވެ. އޭގެ ފަސް އަހަރުފަހުން އެމްޑީޕީގެ ވެރިކަން ނިމެންދެން ވެސް ދެއްކީ އެ ވާހަކަ އެވެ. ހިންގާލާ ޓީމުގެ މޮޅު ވާހަކަ އެވެ. މި ޓީމުގެ މުގުލުގައި ހުންނެވީ ފެނަކަ ކުންފުނީގެ އޭރުގެ އެމްޑީ އަހުމަދު ސައީދު "މަޝްހޫރު ފެނަކަ ސައީދު" އެވެ. ފެނަކައަށް ބޮޑެތި ތުހުމަތުތަކެއް ކުރި ނަމަވެސް މަޖިލީސް އޮތީ "ފެނަކަ" ވެފަ އެވެ. މަޖިލީސް މެންބަރުން ދައްކަމުން ދިޔައީ ފެނަކަ ހިންގާ ގޮތުގެ މޮޅު ވާހަަކަ އެވެ. މަޝްރޫއުތައް ގިނަ ކަމުގެ ވާހަކަ އެވެ. އެކަމަކު އޭރުވެސް ފެނަކަ ސައީދު ރާއްޖޭން ބޭރުގެ ހަރުދާސް ކުންފުނި ހަދައިގެން އުޅޭ ވާހަކަ ތުންތުން މަތިން ދެކެވުނެވެ. ފެނަކަ ސައީދު ދަތުރު ކުރަން އަގު ބޮޑެތި ކާރެއް ގަތް ވާހަކަ ދެއްކި އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި މަސައްކަތް ފަށައި އެ މަސައްކަތް ނުނިންމައި ދިގު ދަންމާލާ ގޮތް މަޖިލީހުގެ ބައެއް މެންބަރުން ނިޒާމީ ނުކުތާ ނަންގަވައިގެން ދެއްކި އެވެ. މަސައްކަތާ ނުކުޅަދާނަ ވާހަރަށް ގިނަ މުވައްޒަފުން ނަގައި ޖީބަށް ފައިސާ އޮހޭ ގޮތަށް އެތެރޭގައި މަަސައްކަތް ބައްޓަން ކުރަމުން ދިޔަ ގޮތް ކިޔައި ދިނެވެ. އެކަމަކު ވެރިކަން ނިމި، މަޖިލީހުގެ ދައުރު ހަމަވެ "އޭ ރިޕޯޓެއް" އަމިއްލައަށް ޗާޕުކޮށްގެން ދިޔައީ އެވެ. ފެނަކައިން ކަމެއް ކުރި ކަމަކަށް ނުވި އެވެ. އެންމެ ކުޑަމިނިމުން ފެނަކައިގެ އޮޑިޓެއް ހަދާލަން ވެސް ނުކުރޭ ވަރަކަށް އެ މަޖިލީސް އޮތީ ފެނަކައިން ގަނެލާފަ އެވެ. މަޖިލީސް އޮތީ ފެނަކައިގެ ސްޕައިޔަރަށް ހަދާފަ އެވެ. އެކަމަކު، އެ ކަމުގެ މުއާލާތް ކެނޑުނުތާ މާދުވަސް ފަހުން ނެރުނު ފެނަކައިގެ އޮޑިޓުން އެނގެން އެ އޮތީ އެ ދުވަސްވަރު ދެއްކި ވާހަކައާއި އިވުނު އަޑުތަކުގެ 99 ޕަސެންޓް ތެދުކަމުގެ ކޮޕީ އެކެވެ.
ފެނަކައިގެ މި ހުރިހާ ވާހަކަތަކެއް ފެންމަތި ކުރި އެއް ބޭފުޅަކީ ކޮންމެވެސް ސަބަބަކާހުރެ އެ ކުންފުނީގެ ތެރޭން ލޫދިގަނެގެން ނުކުމެ ވަޑައިގަތް ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ވަހީދު، އެންސްޕާ އިބްރޭ ނުވަތަ މަދަނަ އިބުރޭ އެވެ. މިހާރު ވެސް އެމްޑީޕީގެ އިސް ހަރަކާތްތަކުގައި "ސައިލެންޓުކޮށް" ހުންނެވި އެންސްޕާ އިބުރޭ އެމްޑީ ސައީދު އަށް ގިނަ ތުހުމަތުތަކެއް ކުރި އެވެ. ނަމަވެސް އެކަމަމުން ވެސް ސައީދުއަށްވީ ކަމެއް އެޅި ފިޔަވަޅެއް ހަރާމެވެ. އެއްވެސް ފިޔަވަޅެއް ނާޅައި ފެނަކަ ސައީދު ހަމަ ކޮރަޕްޝަންގެ އިންޖީނު ހިންގަވަން އޭރުގެ ވެރިން ބޭތިއްބީ އެވެ. ފެނަކަ ސައީދު ކުރައްވާ ކަންކަމުގެ ރަސީދުތައް ބައްލަވަން އޭރުގެ ފިނޭންސް މިނިސްޓަރު އަހުމަދު އަމީރު ވެސް ހުންނެވީ އެވެ.
މިހާރު ތިލަވެގެން ނެރެފައިވާ ފެނަކައިގެ އޮޑިޓް ރިޕޯޓު ދިރާސާކޮށްލުމުން ފެންނަ ބޮޑު މަންޒަރު ގޮސް ހުއްޓެނީ މިހާރު އިގްތިސޯދަށް ކުރިމަތިވެފައިވާ ބޮޑު ދަތިކަމުގެ އެންމެ ބޮޑު ސަބަބަކީ ފެނަކަ އަށްވުމުގެ ފުރުސަތު ބޮޑުކަމެވެ. މި އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ ކުންފުނިން ދިޔައީ މި ހިޔާނާތުގެ މަޅި މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ފައްތަމުންނެވެ. ފެނަކަ އިން ރާއްޖޭގެ 152 ރަށެއްގައި ހިދުމަތްދޭއިރު މީގެ ކޮންމެ ރަށެއްގައި ވެސް މި ކުޅިގަނޑު ކުޅުނެވެ.
އެ ކުންފުނިން 2023-2021 ގެ ނިޔަލަށް 8.8 ބިލިއަން ރުފިޔާ މުދަލާއި ހިދުމަތް ހޯދަން ވަނީ ހަރަދުކޮށްފަ އެވެ. މިއީ ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓާ އެއްވަރުގެ ހަރަދެކެވެ. މިދިޔަ ފަސް އަހަރު ބޭރުގެ އެހީއާއެކު ހިންގި ޕީއެސްއައިޕީ ބަޖެޓުގެ ޖުމްލަ ވެސް އުޅެނީ 12 ބިލިއަން ރުފިޔާ ވަރުގަ އެވެ.
ފެނަކަ ކޮރަޕްޝަން ފައިލްގައި އެންމެ ފާހަގަކޮށްލެވޭ "ހިޑިން" ސޮފުހާއަކީ މުދަލާއި ތަކެތި އެއް ތަނުން އަނެއް ތަނަށް އުފުލުމާއި ކެއިން ބުއިމުގެ ހަރަދުތައް ކުރެވުނު ގޮތެވެ. މި ބައިގެ އޮޑިޓް ރިޕޯޓަށް ބަލައިލުމުން އެނގެނީ ކުންފުނިން އަމިއްލަ އަށް 10 ލޭންޑިން ކްރާފްޓް ގަންނަ ވަރުގެ ބޮޑު ހަރަދެއް ކޮށްފައިވާ ކަމެވެ. ތަކެތި އެއްތަނުން އަނެއް ތަނަށް ގެންނަން މިފަދަ 612 އެއްބަސްވުމެއް ހަދާފައިވެ އެވެ. މި އެއްބަސްވުންތަކާއެކު ޖުމްލަ 191 މިލިއަން ރުފިޔާ އަށް މަސައްކަތް ހަވާލުކޮށްފައިވެ އެވެ. އަދި މީގެތެރޭން 344 އެއްބަސްވުން ހަދާފައިވަނީ ބާޒާރުގެ އަގަށްވުރެ 47 މިލިއަން ރުފިޔާ ބޮޑުކޮށެވެ. އަނެއް ބަޔަކީ މުވައްޒަފުންނަށް ކާން ދިނުމެވެ. މި 150 ރަށުގައި ހިންގި މަޝްރޫއުތައް ކުރިއަށް ދިޔައިރު ދުވަސްވަރު މަސް ދޯނިތައް ހުރީ އެހެލާފަ އެވެ. މަސްވެރިކަން އޮތީ ހުއްޓިފަ އެވެ. ސަބަބަކީ ދޯނިތައް ދޫކޮށް ހުރިހާ މީހުން ފެނަކަ ވަޒީފާ އަށް ވެއްދުމެވެ.
މި އެންމެންނަށް ކާންދިން ގޮތް ވެސް އޮޑިޓް ރިޕޯޓުގައިވެ އެވެ. ކާން ދިނުމުގައި ސައިޓްތަކުގައި ތިބި މީހުންނަށްވުރެ އިތުރަށް 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިކަން ކުރާ ގޮތުގެ އެންމެ ރީތި މިސާލަކީ ސްކޫލްތަކަށް ހިންގި "ހެނދުނު ނާސްތާ" ޕްރޮގްރާމް އެވެ. ކުދިން ހެނދުނު ސައި ނުބޮއެ ސްކޫލަށް ދިޔަ ނަމަވެސް ހުރިހާ ކުދިންނަށް ފުދޭ ވަރަށް ހެދުނުގެ ސައި ގެންދާނެ އެވެ. އަދި ފަހުން އެ އަނބުރާ ގެންގޮސް އެއުކާލަނީ އެވެ.
މި ފައިލުން ނޭނގޭ އެތައް ވާހަކައެއް މީގެ ކުރިން "މިރާ" ގެ ރިޕޯޓްތަކުގައި ވަނީ ގެނެސްދީފަ އެވެ. އޮޑިޓުގައި މިބައި ނެތް ނަމަވެސް އެންމެން ދަންނަ ބޮޑު އެއް ވާހަކައެއް އޮވެ އެވެ. އެއީ ލ. ގަމުން އިސްދޫއަށް ފެނަކައިން އެޅިގާ އުފުލި ގޮތުގެ ވާހަކަ އެވެ. ގަމުން ފަސް ރުފިޔާއަށް ގަންނަ އެޅިގާ ފެނަކަ އިސްދޫ ސައިޓަށްދާއިރު ހުންނަނީ 20ރ. އާއި 22ރ. އާ ދެމެދަށް އަގު އުފުލިފަ އެވެ. މިކަމުގެ ފައިދާ ލިބުނު މެންބަރުންނަށް އެ ކަން ރަނގަޅަށް އެނގޭނެ އެވެ.
މަޝްރޫއެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަކީ އެ މަސައްކަތެއް ނިންމާލުމެވެ. ނަމަވެސް ފެނަކައިން ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން 78 މަޝްރޫއެއް 2023 ގައި ބާތިލް ކުރިއިރު މަސައްކަތް ނުނިމެވެ. އެކަމަކު މަސައްކަތް ނުނިމުނު ނަމަވެސް 48 އެއްބަސްވުން ހެދި ފަރާތަށް 33 މިލިއަން ރުފިޔާ ވަނީ އެޑްވާންސުގެ ގޮތުގައި ދީފަ އެވެ. މި ފައިސާ ހޯދަން އޮޑިޓަ ޖެނެރަލް އެދުނު ނަމަވެސް އެ މީހުން ހޯދޭނެ ކަމާމެދު މިހާރު ސުވާލު އުފެދެ އެވެ. ނުހޯދޭނެ އެއް ސަބަބަކީ އެބަޔަކު ކުލަ ބަދަލުކޮށްގެން މިހާރުގެ ސަރުކާރުގެ ހިޔަނީގައި ތިބުމުގެ ފުރުސަތު އޮތުމެވެ.
ފެނަކަ ފައިލުން އެނގޭ ގޮތުގައި ތެލުން ވައްކަން ކުރުން ވެސް އޮތީ މެކުހަށް ޖަހާފަ އެވެ. މި އޮޑިޓުގެ މުއްދަތުގައި ޖުމްލަ 127 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައިވެ އެވެ. މި ތެލުގެ ތެރޭން 15 މިލިއަން ރުފިޔާގެ ތެޔޮ ގަތީ އެމްޓީސީ އާއި ސްޓެލޯއިންނެވެ. އަދި 111 މިލިއަން ރުފިޔާގެ ތެޔޮ ސިރިއަސް އެންޓަޕްރައިސަސް އިން ގެނައިވެ އެވެ. މިއީ އޭރު ނުފޫޒު ފަދަ އަޑުގަދަ މަޖިލީސް މެންބަރެއްގެ ހިއްސާ އޮންނަ ކުންފުންޏެވެ.
ފެނަކަ ސައީދު ރާއްޖޭން ބޭރުގައި ކަރުދާސް ކުންފުނި ހަދައިގެން ވިޔަފާރި ކުރަމުން ދިޔަ ވާހަކަ އޭރު ބާރަށް ދެއްކި އެވެ. ނަމަވެސް ނޭނގޭ ހަގީގަތަކީ އެކަން ކުރި ގޮތެވެ. މި އޮޑިޓުން އެނގޭ ގޮތުގައި އިންޖީނުތަކުގެ ސްޕެއާ ގަންނަން 245 މިލިއަން 2023 ވަނަ އަހަރުގެ ނިޔަލަށް ހަރަދުކޮށްފައިވެ އެވެ. މިގޮތުން ބީލަމުގެ އުސޫލުން ހަރަދުކޮށްގެން ގަތް ސްޕެއާގެ ފައިސާގެ އަދަދު އުޅެނީ 734,431ރ.ގަ އެވެ. އަދި ބިޑް ނުކޮށް ތިންވަނަ ފަރާތަކުން އަގު ހޯދައިގެން 221 މިލިއަން ރުފިޔާގެ ސްޕެއާ ގަނެފައިވެ އެވެ. މީގެ އިތުރުން ފެނަކަ ސައީދުއާ އާއިލީ ގޮތުން ގުޅުން އޮންނަ ފަރާތްތަކާއެކު 92 އެއްބަސްވުމެއް ހަދާފައިވެ އެވެ. މީގެތެރޭން 49 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށް ވެރިކަން ބަދަލުވުމުގެ ކުރިން 33 މިލިއަން ރުފިޔާ ވަނީ ފެނަކަ އިން ދޫކޮށްފައިވެ އެވެ.
ފެނަކައިގެ މައިގަނޑު ޒިންމާއަކީ ކަރަންޓު ދިނުމެވެ. ފެނުގެ ހިދުމަތެވެ. އޮޑިޓް ޖެނެރަލް ފާހަގަ ކުރައްވާފައިވާ ގޮތުގައި ޖަނަރޭޓަރު ސެޓާއި ކޭބަލް އަދި ޓްރާންސްފޯމަރުތައް ފެނަކައިން ހޯދާފައިވަނީ ތިން ވަނަ ފަރާތެއް މެދުވެރިވެގެން އިންޖީނު ވިއްކާ ފަރާތަކަށް 55 ޕަސެންޓުގެ ފައިދާއެއް ލިބޭ ގޮތަށެވެ. މި ވަރުގެ ބޮޑު ޕްރޮފިޓް މާޖިންއެއް ދީގެން 229 އެއްބަސްވުން ހަދާފައިވެ އެވެ. މި އެއްބަސްވުވުންތަކުގެ އަގު 601 މިލިއަން ރުފިޔާ އަށް އަރަ އެވެ. މި އެއްބަސްވުންތައް ހުރި ގޮތުން ފެނަކައިން އަމިއްލަ އަށް އިންޖީނު ގަތްނަމަ 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ.
ބިޑް ކުރުމުގެ ކުރިން ފެނަކަ އިން ތަކެތި ގަނެފައިވެ އެވެ. މިއީ މިހާތަނަށް އެއްވެސް އޮޑިޓަރުން އެނގެން އޮތްކަމެއް ނޫނެވެ. ކުރިން ވެސް ކުންފުނިތަކުގެ މިފަދަ އޮޑިޓްތައް ނެރެ އެވެ. މި ފަހަރުގެ ފެނަކަ ކޮރަޕްޝަން ފައިލުން އެނގޭ ގޮތުން ޖަނަރޭޓަރުު ސެޓާއި ކަރަންޓު ކޭބަލް އަދި ޓްރާންސްފޯމަރުތައް ގަންނަން ހަވާލު ކުރުމުގެ ކުރިން ތިން ކުންފުންޏަކުން ތަކެތި ގަނެފައިވެ އެވެ. މި އެއްބަސްވުންތަކުގެ އަގު 12 މިލިއަން ރުފިޔާ އަށް އަރަ އެވެ.
ބޮޑު ކޮރަޕްޝަންގެ އަަޑި ނޭނގޭ ކަންތައް ގަނޑު ހިނދި 2023 ވަނަ އަހަރާ ހަމައަށް ބަލާއިރު، އެ ކުންފުނިން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ އަދަދު ހަތަރު ބިލިއަން ރުފިޔާ އަށް އަރަ އެވެ. މިއީ ބޮޑު އަދަދެކެވެ. މިއީ އިގްތިސޯދު ހަލާކުވި މައިގަނޑު ސަބަބެވެ. ވެރިކަން ބަދަލުވީއިރު ފެނަކަ އެ އޮތީ މޮހޮރު ކިލޯއެއް ވެސް ބަޔަކު ކްރެޑިޓަށް ދެވޭނެ ހާލަތެއްގައެއް ނޫނެވެ. އެވަރަށް އެއޮތީ ދަރާފަ އެވެ. މިހާރު ވެސް އެ ކުންފުނި އޮތީ އެގޮތުގަ އެވެ. ކުންފުނީގެ ސިސްޓަމްތައް މިހާރު ވެސް އެ ހުރީ ކުރިން ވެސް ހުރި ގޮތަށެވެ. ތަކެތި ގަންނަން ބޭނުން ގޮތަކަށް ގަންނަންވީ އެވެ. ކާން ބޭނުން ގޮތަކަށް ކާންވީ އެވެ. އަނެއްކާ ވެސް ފަސް އަހަރު ފަހުން އަންނާނީ އެ ކުންފުނީގެ އޮޑިޓް ރިޕޯޓެވެ. އެ ރިޕޯޓު އޮންނާނެ ގޮތަކަށް އޮންނާނެ އެވެ.
އަދި ކިޔާލަން - މުވައްޒަފުން ގުނަން، ފެނަކައަށް ވެސް ދައުލަތަށް ވެސް ނޭނގޭ!
އަދި ކިޔާލަން - އެއެއް މިއެއް ނުބަލާ އެންމެންނަށް ސަރުކާރު ވަޒީފާ | ސީދާ ހިޔާނާތް
އަދި ކިޔާލަން - ފެނަކައިގެ ދިފާއު: ހުރިހާ ތުހުމަތެއް ކުރީ ސަރުކާރަށް
އަދި ކިޔާލަން - ހަމަތެދެއް | ހުޅުމާލެއަށް ޖައްސާލަން ފެނަކަ ސައީދު 2.8 މިލިއަންގެ ކާރެއް
އަދި ކިޔާލަން - ގެޒެޓުން ފެންނަ ފެނަކަ - އިއުލާނަކަށް ތަރުހީބެއް ނޯވޭ، ހުށަހަޅަނީ ބޮޑު އަގު
އަދި ކިޔާލަން - މަހުޖަނުންގެ ގޭގެއެއް ނޫން، ހިޔާނާތް ބޮޑު ފެނަކައިގެ އޮފީސްތައް