މުވައްޒަފުން ގުނަން، ފެނަކައަށް ވެސް ދައުލަތަށް ވެސް ނޭނގޭ!

ކުންފުނީގެ މުވައްޒަފުން ގުނަން އެކަކަށް ނޭނގެ އެވެ. މިކަން ބަލަން ޖެހެ އެވެ. މުވައްޒަފުން ވައްދާފައި ތިބީ ކޮން ދުވަސްވަރެއްގައިކަން ހާމަވާން ޖެހެ އެވެ. ތިބީ ހަގީގަތުގައި ވެސް އެ ކުންފުންޏަށް ބޭނުންވާ މުވައްޒަފުންތޯ ބަލަން ޖެހެ އެވެ.

ފެނަކަ އެމްޑީ ސައީދު އެ ކުންފުނީގެ މުވައްޒަފުންނާ ބައްދަލު ކުރަނީ

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ "ހޫނުގައި" ހިނގި ކަމެކެވެ؛ އޭރު މުޅި ސަރުކާރު ފޫގަޅާލައި އޮތީ ޗެއާޕާސަން ގޮނޑި ސަރުކާރު ފެކްޝަނުގައި ބަހައްޓާށެވެ. އެ ވޯޓު އޮތީ ގަދަ ހިފުމަށް ގޮސްފަ އެވެ. އެއްކޮޅުން ވާދަ ކުރެއްވީ ބާރުގަދަ މިނިސްޓަރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. އެކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަނެއް ފެކްޝަން "ފިކުރެއްގެ ދިރުން" ކޮޅުގައި ހުންނެވީ މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހުމީ އެވެ. އެކުގައި ރައީސް މުހައްމަދު ނަޝީދެވެ. 

މި ހޫނުގަނޑުގައި ސަރުކާރުގެ ހުރިހާ ބާރެއް ބޭނުން ކޮށްގެން އެތެރޭގެ އިންތިހާބުގެ ގޮނޑި ސަރުކާރު ފެކްޝަނުގައި ބަހައްޓަން ބޭނުންވި އެވެ. އެ ވާދައިގެ ތެރޭގައި ވީކަމެއްވީ އެވެ. ގޮތް ނޭނގޭ ވަޒީފާތަކެއް ވެސް އުފެއްދި ކަމަށް ތުހުމަތު ކުރަނީ އެ ދުވަސްވަރެވެ. މި ވަޒީފާ ފުނި އުފެއްދި އެއް ކުންފުންޏަކީ ފެނަކަ ކޯޕަރޭޝަނޭ ގިނަ ބަޔަކު އޭރު ވެސް މިހާ ރުވެސް ބުނެ އެވެ. ނަތީޖާ ފެންނަނީ ރައްރަށުންނާއި ފެނަކައިގެ އޮފީސް ދޮށުންނެވެ. ވިލުތެރޭން މުޑަހަންޖެއް ފަހައި ގަތުމުން ތާވަޅު ބައިގަނޑެއް އުތުރިގަންނަހެން މާލޭ ފެނަަކަ އޮފީސް ހުންނަ އިމާރާތުގެ ކުރިމަތީން ކޮންމެ ދުވަހަކު އެ ފެންނަނީ އެ މަންޒަރެވެ. 

ބަލައިލުމުން މަންޒަރުން އެހެން ފެންނައިރު ފެނަކައިގެ މުވައްޒަފުން ގުނަން އެނގޭ، އަދި އެ މުވައްޒަފުންގެ ހަގީގީ އަދަދުގެ ނަމްބަރު އެނގޭނެ އެކަކުވެސް ރާއްޖެ އަކުނެތެވެ.  ދައުލަތަކަށް ވެސް ނޭނގެ އެވެ. ދައުލަތް ހިންގާން ހަވާލުވެގެން އޮތް އެމްޑީޕީގެ ސަރުކާރަކަށް ވެސް ނޭނގެ އެވެ. ފެނަކައިގެ އެޑްމިނިސްޓްރޭޝަނަށް އެ ނަމްބަރު އެނގޭކަން / ނޫންކަން ފެނައަކަށް ވެސް ޔަގީނެއް ނުވެ އެވެ. އެ ވަރަށް އެތިބީ ވަޒީފާ ހަދައިގެނެވެ.  

"[އެމްޑީޕީގެ] އެތެރޭގެ އިންތިހާބުގެ ތެރޭގައި އެބަހުރި އިންޖީނުގެއަކަށް ދުވަހަކު ނުވަންނަ މީހުން ވައްދާ މެނޭޖަރުކަން ދީފައި. އެ ކުދިން ހޯދަން އުޅުނީ ސްކޫލުން ވަޒީފާއެއް އެކަމަކު ވެއްދީ އިންޖީނުގެއަށް. މިގޮތަށް އެތައް ބަޔަކަށް ފެނަކަ ކުންފުނިން ބެލުމެނެތި ވަޒީފާތައް ދީފަ އެބަހުރި،" ފެނަކައިގެ މުވައްޒަފުންގެ އަދަދާ ބެހޭ ގޮތުން ގިނައިން ވާހަކަފުޅު ދައްކަވާ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވި އެވެ. 

ރައީސް ސޯލިހުގެ ސަރުކާރު ފެކްޝަނާ ދެކޮޅު ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުގެ މެންބަރު ބޮންޑެއަކީ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ. ނަމަވެސް ބޮންޑެއަށް ވެސް ފެނަކަ ކުންފުނީގައި ތިބި މުވައްޒަފުންގެ ނަމްބަރު އެނގިވަޑައިގަންނަވާ ހެނެއް ހިއެއް ނުވެ އެވެ. ކަށަވަރުވެފައިވާ ގޮތުގައި މަޖިލީހުގެ ތެރޭން ފެނަކައިގެ މުވައްޒަފުންގެ ނަމްބަރެއް ހޯދަން އުޅުމުން ވެސް އެކަން އޮތީ ކާމިޔާބު ނުވެފަ އެވެ. 

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ބާރުން އެކަން ކުރަން "މި" ނޫޙުގެ ނޫސްވެރިން އުޅުމުން ވެސް ހަމަހިލާ އެ ނަމްބަރެއް ނުދިނެވެ. އެޔެއް މިޔެއް ނުބަލާ މުވައްޒަފުން ވައްދައި ފުރާލާފައިވާ ފެނަކައިގެ އޮފީސްތަކުގެ އެތެރޭން އެއްޗެއް ފެންނާނެ މީހަކު މި ދައުލަތަކު މިހާރަކު ތިބި ހެނެއް ހިއެއް ނުވެ އެވެ. އެކަމަކު އިންތިހާބުތަކުގެ ތެރޭގައި ފެނަކައިން ވަޒީފާ ބަހާއި، ޖަމާއަތް ހަދާފަ މީހުން ވައްދާފައިވާ ވާހަކަ އެންމެން ދައްކަ އެވެ. 

ފެނަކަ ކޯޕަރޭޝަންގައި އެ ނަމްބަރު ހޯދަން އެދުމުން އެ ނަމްބަރު ނޫން އެހެން ހުރިހާ މައުލޫމާތެއް ދެވެ އެވެ. ނުދޭ ނަމްބަރަކީ މުވައްޒަފުންގެ އަދަދެވެ. 

ކުންފުންޏެއްގައި ތިބި މުވައްޒަފުންގެ އަދަދެއް ބުނުމަކީ އެހާ ނުރައްކާތެރި ކަމަކީ ހެއްޔެވެ؟ މުވައްޒަފުންގެ އަދަދު ބުނުން ވެސް މިހާރު ގައުމީ ސަލާމަތަށް ނުރައްކާވުން ފަދަ ނުރައްކަލަކަށްވީ ހެއްޔެވެ؟ ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު / މަޝްހޫރު ފެނަކަ ސައީދު އެ ނަމްބަރު ފޮރުވައިގެން ކުރައްވަން އުޅުއްވަނީ ކޮން ކަމެއް ހެއްޔެވެ؟ 

ސަރުކާރު ކުންފުނިތަކުގެ ތެރޭން އެންމެ ގިނަ ކޮރަޕްޝަން ހިންގާ ކަމަށް ގިނަ ބަޔަކު ތުހުމަތުގެ އިނގިލި ދިއްކޮށް ކޮރަޕްޝަން ފައިލެއް އޮތް ކަމަށް ބުނާ ފެނަކަ ކުންފުނިން މި ބާވަތުގެ ކަންކަން ކުރާ ކަމަށް ތުހުމަތުކޮށް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސަރުކާރަށް ސުވާލު ވެސް އަމާޒު ކުރެ އެވެ. އެންމެ ފަހުން މި ފަދަ ސުވާލެއް ކޮންމެ ބުރާސްފައްޗެއްގައި ނޫސްވެރިންގެ ބައްދަލުވުން ބައްވަވާ ސަރުކާރު ތަރުޖަމާން މިއުވާން މުހައްމަދަށް ވެސް އަމާޒު ކުރިއެވެ. 

އޭނާގެ ޖަވާބަކީ އެ ވާހަކަ ދައްކަނީ ހަމަ "ޖެލަސް" ވާތީ އެވެ. އެއީ ހަމަ ހަސަދަވެރި ވެގެނެވެ. މިއީ ސަރުކާރުގެ ވާހަކަ ހުރި ގޮތެވެ. މިއީ ސަރުކާރެއްގެ ބަސްމަގުކަމަށްވާނަމަ ޓްރާންސްޕޭރެންސީ އާއި ޒީރޯޓޮލޮރެންސާއި ވިސުލްބްލޯ ފަދަ މޮޅު ވާހަކަ ދެއްކުން ހުއްޓާލަންވީ އެވެ. 

އޭރުވެސް މިހާރުވެސް ކޮރަޕްޝަން ފައިލެއް

ކުރީގެ އެމްޑީ ނިމާލް އަދި މިހާރުގެ އެމްޑީ ސައީދު

މިހާރު ފެނަކަ ކުންފުނީގެ ކޮރަޕްޝަން ފައިލެއްގެ ވާހަކަ ދައްކާއިރު ކުރިން ވެސް މި ވާހަކަ މިގޮތަށް ދެއްކި އެވެ. ކުރީގެ އެމްޑީއެއް ކަމަށްވާ މުހައްމަދު ނިމާލު އެތަން ހިންގެވިއިރު ވެސް އެކަން އޮތީ އެގޮތަށެވެ. ކޮރަޕްޝަން ހިންގުމުގައި ކުރިއާ މިހާރާ ވަކި ތަފާތެއް ނެތެވެ. އިސްލާހުވީ އެއްކަމެއް ވެސް ނެތެވެ. ހަމައެކަނި ތަފާތަކީ އެމްޑީ ބަދަލުވުމެވެ. މިހާރުގެ ބޮޑު ތަފާތަކީ ކޮރަޕްޝަން އެތައް ދަރަޖައެއް މައްޗަށްް ޖައްސައި ވަރުއަރުވާލާފައި އޮތުމެވެ. 

ފެނަކަ އޮފީހުން މުވައްޒަފުން ވަންނަ ގަޑިއާއި ގެއަށްދާ ގަޑިއާއި ވަންނަ ގަޑީގައި އޮފީސް ދޮށުން އެ ފެންނަނީ އެ މަންޒަރެވެ. އެ އޮފީހަށް މުވައްޒަފުން ވަންނައިރު ހީވާނީ މި މާލޭގެ އަމީނިއްޔާ އާއި އިސްކަންދަރު ސްކޫލު ކައިރި ނެވެ. އަމީނިއްޔާ އާއި އިސްކަންދަރުން ކުދިން ގެއަށް ދޫކޮށްލީމަ ނުކުންނަ އަދަދަށް ފެނަކަ އޮފީހުން މުވައްޒަފުން ނުކުންނަތަން ފެންނާނެ އެވެ. މިއީ މާލޭން ހަމައެކަނި ފެންނަ މަންޒަރެވެ.

ހޯމް މިނިސްޓަރާ ސުވާލު ކުރެއްވި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ)

ފެނަކަ ކުންފުނީގެ ހަގީގީ "ކުޅިވަރު" ފެންނަނީ ރާއްޖޭގެ އެކި ހިސާބުތަކުންނެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި 150 އިންޖީނުގެއާ ހަމަވާލު ވެގެން އުޅޭ މި ކުންފުންޏަކީ މިހާރު ރާއްޖޭގެ އާބާދީގެ ބޮޑު ބައެކެވެ. ފެނަކަ އެކަނި ބޯހިމަނާލައިގެން އާބާދީގެ ހިސާބެއް ހޯދޭ ވަރަށް މީހުން އެތަނުގައި އެބަތިއްބެވެ. ބައެއް ރަށްރަށުގެ ރައްޔިތު އާބާދީގެ ބޮޑު ބަޔަކީ ފެނަކަ މުވައްޒަފުންނެވެ. 

އޭގެތެރޭގައި ވަގުތީ ގޮތުން ނަގާފައި ތިބި "ވަގުތީދާއިމީ" މުވައްޒަފުން ވެސް ހިމެނޭ ކަމަށް ކުންފުނީގެ ބައެއް ވެރީން ޔަގީންކަން ދެ އެވެ. މީގެ އިތުރުން މިހާރު އަލަށް ފެނަކަ ކުންފުންޏާ ހަވާލު ކުރި އައިސް ޕްލާންޓުގެ މަޝްރޫއު ތަކަށް ވެސް އިތުރު މުވައްޒަފުން ނަގަން ފަށާފައިވާ ކަމަށް އެނގިފައި ވެ އެވެ. އައިސް ޕްލާންޓު އަޅާނެ ބިން އެ ކުންފުންޏަށް އަދި ލިބުނުކަން ވެސް ޔަގީނެއް ނުވެއެވެ. ބިން ނެތަސް އެ ބިންތައް ބަލަހައްޓާނެ މުވައްޒަފުން ހޯދަން ފަށައިފި އެވެ. 

މި ވަރުން ދާނަމަ ބަނގުރޫޓުވާ ތަން ފެންނާނެ

ފެނަކަ ކުންފުންޏޭ ކިޔަސް މި ކުންފުންޏަކީ އެންމެ ފައިސާ ފޮއްޗެއް ވެސް އަމިއްލަ އަށް "ޖެނެރޭޓް" ކުރެވޭނެ "ޖަނަރޭޓަރެއް" ހުރި ކުންފުންޏެއް ނޫނެވެ. މި ކުންފުނީގެ ހުރިހާ މާލީ ރިޕޯޓް ތަކުން އެކަން ރީއްޗަށް ފެންނާން އެބައޮތެވެ. ކޮންމެ އަހަރަކު ސަރުކާރުގެ ބަޖެޓުން ފައިސާގަނޑެއް ދީގެން ނޫނީ މި ކުންފުނި ނުހިނގަ އެވެ. މި ފައިސާއަކީ ދައުލަތަށް ޓެކްސް ދައްކާ މީހުންގެ ފައިސާ އެވެ. ރައްޔިތުންގެ ފައިސާ އެވެ. 

އެކަމަކު، މި ކުންފުނީގައި އެންމެ ކާމިޔާބުކޮށް ހިނގާ އެންމެ މުއްސދަނދި އެމްއޭސީއެލް ފަދަ ކުންފުނިތަކަށްވުރެ ގިނައިން މުވައްޒަފުން ގެންގުޅެ އެވެ. އެމްއޭސީއެލްގައި ވެސް ތިބީ 3،000 އެއްހާ މުވައްޒަފުންނެވެ. އެއީ އަމިއްލައަށް އާމްދަނީ ހޯދާ ކާމިޔާބު ކުންފުންޏެކެވެ. 

ފެނަކަ ކުންފުނީގެ މުވައްޒަފުންގެ ކުޑަ އަންދާޒާއެއް ހަދާލާއިރު މުވައްޒަފުންގެ ނަމްބަރު 5،000 އިން މަތިވާނެ ކަމަށް ބެލެވެ އެވެ. ނިމިދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް މި އަދަދު ދެ ގުނަ ވަނީ އިތުރުކޮށްފަ އެވެ. އެކަމަކު މިއީ ހަމަ އާދައިގެ ވިސްނުމަކުން ބަލައިލުމުން ފެންނަ ކުޑަ އަންދާޒާ އެކެވެ.

މި އަންދާޒާގެ ޔަގީން ނަމްބަރު އެނގޭނީ ފެނަކަ އޮޑިޓެއް ކުރެވުނު ދުވަހަކުންނެވެ. ފެނަކަ އޮޑިޓޭ ކިޔާއިރު މަޖިލީހުގައި އޮންނަ ކުންފުނި ކޮމެޓީގައި ފެނަކައިގެ މައްސަލައެއް ނުހިނގަ އެވެ. އެ ކުންފުނީގެ މައްސަލައެއް ލިޔަސް މަޖިލީހުގެ ފުރާޅުމަތިން އެ ހޫރާލަނީ ބަށި ސައްޕެއް ޖަހާހެނެވެ. އެހެންވެ އަވަސް މުއްސަތަގުބަލެއްގައި ފެނަކައިގެ އޮޑިޓެއް ކުރެވިދާނެ ކަމާމެދު ޝައްކެވެ. 

ފެނަކަ ކުންފުނީގެ މުވައްޒަފުން ގުނަން އެކަކަށް ވެސް ނޭނގެނީ އެހެންވެ އެވެ. އެކަމަކު މިކަން ބަލަން ޖެހެ އެވެ. މުވައްޒަފުން ވައްދާފައި ތިބީ ކޮން ދުވަސްވަރެއްގައިކަން ހާމަވާން ޖެހެ އެވެ. އެތަނުގައި ތިބީ ހަގީގަތުގައި ވެސް އެ ކުންފުންޏަށް ބޭނުންވާ އަދަދުގެ މުވައްޒަފުންތޯ ޔަގީން ވާން ޖެހެ އެވެ. އެހެން ނޫނަމަ ފެނަކަ ދަރަނި މަތިވެ ބަނގޫރުޓުވެ އުވާލަން ޖެހޭތަން ކައިރި މުއްސަތަގުބަލެއްގައި ފެނިގެން ދާނެ އެވެ. ކުންފުނި މިހާރުވެސް އޮތީ އެ ހާލަތުގަ އެވެ. ދައްކަން ޖެހޭ ފައިސާ ހަތަރު ބިލިއަނަށްވުރެ މައްޗެވެ. އަމިއްލަ ކުންފުނިތައް ފެނަކަ އޮފީސް ދޮށިގައި އެތިބީ އެ ފައިސާ ނުލިބިގެންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.