ފެނަކަ ކޮރަޕްޝަން ފައިލް | މީ މަހުޖަނުންގެ ގޭގެއެއް ނޫން، ހިޔާނާތް ބޮޑު ފެނަކައިގެ އޮފީސްތައް

ފެނަކައިން މި ފަސް އަހަރު ކުރި އެންމެ ބޮޑު ކަމަކީ ކޮންމެ ރަށެއްގައި އަގު ބޮޑު އޮފީސްތަކެއް ހެދުމެވެ. މިހާރު ރަށްރަށުން ފެންނަ ގަނޑުވަރުތަކެއް ފަދަ އޮފީސްތަކުން ފެންނަނީ އެ ކުންފުނީގެ ކޮރަޕްޝަންގެ ކުޑަ މިންވަރެކެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ސައީދު: ކުންފުނި ވަނީ ބޮއްސުންލައި ދަރައި ވިކިފައި

ތ. ހިރިލަންދޫއަށް އަރައި ހިނގައިގަތްތަނުން ލޮލުގައި އަޅައިގަތީ ވަރަށް ވެސް ރީތި އިމާރާތެކެވެ. ފުރަތަމަ ފެނުނީ އެ އިމާރާތުގެ އަރިމައްޗަކުންނެވެ. އެހެންވެ މާބޮޑަކަށް ނަނގައެއް ނުގަނެވުނެވެ. ހީކުރެވުނީ އެއީ އެ ރަށުގެ ކޮންމެ ވެސް މުއްސަންޖެއްގެ "ގަނޑުވަރު" ކަމަށެވެ. އެކަމަކު ރަނގަޅަށް ބަލައިލުމުން އެނގުނީ އެއީ ގެއެއް ނޫން ކަމެވެ. އެއަކީ ސަރުކާރުގައި މި ވަގުތު އޮތް އެންމެ ހައިޖާނު ބޮޑު، އަދި ކޮރަޕްޝަންގެ ތުހުމަތުން ފޯވެފައިވާ، ފެނާއި ނަރުދަމާ އާއި ކަރަންޓުގެ ހިދުމަތަށް އުފެއްދި ފެނަކަ ކޯޕަރޭޝަނުން އެރަށުގައި އަލަށް ހެދި އޮފީސް އިމާރާތެއް ކަމެކެވެ. 

ތިރި ނަމަވެސް ބަލާބެލުމަށް މަހުޖަނެއްގެ "ޕެންޓްހައުސް" އެއްގެ ސިފަ ލިބޭ ގޮތަށް ހަދާފައިވާ އެފަދަ އެތައް އޮފީހެއް މި ފަސް އަހަރުގެ ވެރިކަމުގައި ފެނަކައިން ވަނީ ހަދާފަ އެވެ. ފެނަކައިގެ ކޮރަޕްޝަންގެ ފައިލް ބޯވެ ބޮޑުވެގެން ދިޔަދިޔައިނުންގޮސް ދަރާ ވިކިފައިވާ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ "ލަގްޒަރީ" ކަމާއެކު ކުންފުނީގެ ހުރިހާ އޮފީސްތަކެއް ވެސް ބަދަލު ވެގެން ދިޔައީ ހުސް ގަނޑުވަރަށެވެ. 

އެކަމަށް އެ ކުންފުނީގެ ބަޖެޓުން ފައިސާ ތަޅައި ބުރުއްސާލަފައިވާ ކަމުގެ ވާހަކަތައް ހުރިހާ ދިވެހިން ދައްކަމުން ގެދާއިރު މީގެ އެތަައް "ގަނޑުވަރެއް" ފެނަކައިން ރާއްޖޭގައި އަޅާފައިވެ އެވެ. އޭގެ ނަތީޖާއަކަށްވީ އެ ކުންފުނި ދަރާ ވިކި ބޯހިއްލައި ނުލެވޭ ހާލުގައި އޮތުމެވެ. 

ފެނަކަ ކޯޕަރޭޝަނަކީ ހަމައެކަނި މިހާރަކު ކޮރަޕްޝަންގެ ތުހުމަތު އޮތް ކުންފުންޏެއް ނޫނެވެ. އެކަމަކު ފެނަކަ ސައީދާއެކު އެ ކުންފުނީގެ މި ފަސް އަހަރު ވަނީ ހިޔާނާތް ވެސް "ފަސް ގުނަ" ކުރިއަށް ޖައްސާފަ އެވެ. އެކަން ކުރަން ރައްޔިތުން މަޖިލީހުގެ މެންބަރުން ފުރަތަމަ "ގެނެލައި ބަނދެލީ" އެވެ. 

ނަވާރަ ވަނަ މަޖިލިސް ފެށީ އެމްޑީޕީގެ 65 މެންބަރުންނާއެކު އެވެ. އެ ފެށުމުގައި ވެސް ގިނަ މެންބަރުންނަށް އޮތީ ފެނަކައިން "އަގު" ކިޔާފަ އެވެ. އެމްޕީންނަށް ކޮންޓްރެކްޓް / ޕްރޮޖެކްޓްތަށް ބަހާލައި ދިނެވެ. އެ މެންބަރުން ދޭ ލިސްޓަށް ރަށްރަށުން ވަޒީފާ ތަކަށް މީހުން ނެގީ ސުމާރެއް ބަލައިގެނެއް ނޫނެވެ. ކޮންމެ އަހަރަކު އެސްއޯއީ ތަކަށް ސަރުކާރުން ދޭ ބަޖެޓްގެ ބޮޑުބައި ފެނަކައިން  "ކާލީ"، ދައުލަތަށް އިސްރާފު ބޮޑު ކަންކަމަށެވެ. 

އޭގެ ނަތީޖާއަކަށްވީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އުފައްދައި ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު 2013 އިން 2018 ވަނަ އަހަރަށް ދިޔައިރު، 2,756 މުވައްޒަފުންނާއެކު އޮތް ކުންފުނި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހާ ހަމައަށް މުވައްޒަފުންގެ އަދަދު 8،000 ނައްޓާލައި މިހާރު 10،000 އަށް އެރުމެވެ. މިހާރު ގިނަ ރަށްރަށުގައި ތިބި މަސައްކަތް ކުރެވޭ އާބާދީގެ ބޮޑުބައި ތިބީ "ފެނަކަ ޖޮބް" ގަ އެވެ. 

ފެނަކައިގެ މި "އީޒީ ޖޮބް" ގައި އެއްވެސް ޒިންމާއެއް ނޯވެ އެވެ. ސޮއިކޮށްލާފައި އެ މީހަކު އުޅޭނެ ތަނެއްގައި އުޅެންވީ އެވެ. މަސައްކަތް ނެތަސް ފެނަކަ އޮފީސް ތަކުން ކެއުން ބަރާބަރަށް ލިބެން ހުރެ އެވެ. އެހެންވެ ރަށުގެ އިގްތިސޯދުގައި އާއްމު މަސައްކަތް ކުރި ގިނަ ބަޔަކު އެ މަސައްކަތް ހުއްޓާލައި އެ އެންމެން ތިބީ ރަނގަޅަށް "ފެނަކަ" ވެގެނެވެ. 

ފަނަކައިން އަޅާފައިވާ އޮފީސްތަކެއް : ގިނަ ރަަށްރަށުގައި ރީތި އޮފީސްތަކެއް އަޅާފައިވޭ

މި މުވައްޒަފުންނާއެކު ފެނަކައިގެ އެތައް މިލިއަން ރުފިޔާގެ އަގު ބޮޑު "އޮފީސްގަނޑުވަރު" ތަކުގެ ގޮނޑިތަކަށް ނުކަތާ ވަރަށް މީހުން ނަގާފައި ވެއެވެ. އޭގެ ސަބަބުން އެ ކުންފުނީގެ ހަރަދު އިންތިހާއަށް މައްޗަށް އަރައިގެން ގޮސް ކުންފުނި އޮތީ ހަރާބުގެ މަގަށް އަރި އަޅާލާފަ އެވެ. މިކަން އެނގެނީ އެ ކުންފުނީގެ މާލީ ހިސާބުތަށް ހަވާލުމުންނެވެ. 

ޕީސީބީން ނެރުނު މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ފެނަކައިގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި ފެނަކަ ފެންނަނީ "ދަރަނި އުފައްދާ މެޝިނެއް" ގެ ސިފައިގަ އެވެ. އެމްޑީ ސައީދު މަޖިލީސް މެންބަރުންނަށް އެ ހެދި ގޮތެއް ހަދައިގެން މަޖިލީހުގެ ތަޅުމުގައި ފެނަކައިގެ މޮޅު ވާހަކަ ދެއްކުވިޔަސް ކުންފުނީގެ މާލީ ހިސާބު ތަކުން ފެންނަނީ "ގަނޑުވަރުއޮފީސް" އެޅުން ފަދަ ބޭކާރު ހަރަދު ތަކުން ކުންފުނި އޮޔާ ގޮސް ގެއްލިފައި އޮތް ތަނެވެ. 

ހުރިހާ ކަމެއް ފުރޮޅި ހާލަތު ބަދަލުވުމުން މިހާރު މަޖިލީހުގެ މެންބަރުން ވެސް ދައްކަވަނީ ފެނަކައިން ކޮރަޕްޝަން ފެންނަ ވާހަކަ އެވެ. 

އެސްއޯއީ ކޮމެޓީގެ ކުރީގެ މުގައްރިރު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު ފެނަކައިގެ ދަރަނިގެ ގޮތުގައި އޮތީ 679 މިލިއަން ރުފިޔާ އެވެ. އެކަމަކު މިހާރު ފެނަކައިގެ ހާލަތު ކުރިއާ ބަލާއިރު ބޮޑުތަނުން ވަނީ ގޯސްވެފަ އެވެ. 

"މި ސަރުކާރު ހަވާލުވިއިރު ފެނަކައިގެ ދަރަނީގެ ގޮތުގައި އޮތީ 1.2 ބިލިއަން ރުފިޔާއެއް ނޫން. އޮޑިޓް ރިޕޯޓާއި ޕީސީބީގެ ރިޕޯޓް ތަކުން ފެންނަން އެބައޮތް. އެއީ އޮޅުވާލުމެއް. އޭރު އޮތީ 679 މިލިއަން،" ކުރިން އެމްޑީޕީގެ މެންބަރު އަދި މިހާރު މަޖިލީހުގައި ޑިމޮކްރެޓްސް ތަމްސީލް ކުރައްވާ އިލިޔާސް ވިދާޅުވި އެވެ.

ފެނަކައަކީ ދަރަނި މެޝިނެއް

  •  2022 ގެ ފުރަތަމަ ކުއާޓަރު - 1,469.15 ބިލިއަން
  •  2022 ގެ ދެވަނަ ކުއާޓަރު - 1,732.44 ބިލިއަން
  •  2022 ގެ ތިންވަނަ ކުއާޓަރު - 1,991.96 ބިލިއަން
  •  2022 ގެ ހަތަރުވަނަ ކުއާޓަރު - 2,222.11 ބިލިއަން
  •  2023 ގެ ފުރަތަމަ ކުއާޓަރު - 2,602.09 ބިލިއަން (ތިން ބިލިއަން )

ފެނަކައިގެ މާލީ ހިސާބު ތަކުން ފެންނަން އޮތް ބިރުވެރި މަންޒަރަކީ ކުންފުންޏަކީ ސަރުކާރުގެ ކުންފުނިތަކާއި މުޅި އިގްތިސޯދަށް ވެސް ބުރަ އަކަށް ވެގެން ގޮސްފައިވާ މިންވަރެވެ. މިދިޔަ އަހަރު އެއް ބިލިއަން ރުފިޔާގެ ދަރަނި އުފެއްދި އެ ކުންފުނީގެ ދަރަނި މިހާރު ހުރީ ތިން ބިލިއަން ރުފިޔާއަށްވުރެ މަތީގަ އެވެ. ފެނަކައިގެ އިސްރާފު އިންތިހާއަށް މަތިވަމުން ދިޔައިރު އެ ކުންފުނީގެ ވެރިން ދިޔައީ މުއްސަނދި "ލެވިޝް ލައިފް އިސްޓައިލް" އަށް ރަނގަޅަށް ފެތެމުންނެވެ. 

ހިތުހުރި އަގެއް ޖަހައިގެން ތަކެތި ގަތުމާއި ތަކެތި ކުއްޔަށް ހިފުމުގެ މައްސަލަތަށް އިންތިހާއަށް އޮތް ކަމަށް ފެނަކައިގެ ވެރިންނަށް މިހާރު ތުހުމަތު އެބަ ކުރެ އެވެ. މި ކަމާ ހެދި ކޮންމެ އަހަރަކު އެ ކުންފުންޏަށް ސަރުކާރުން ދޭ ބަޖެޓް ހުވަނދަކަށް ވެސް ނުވެ އެވެ. އެހެންވެ ފެނަކަށް ކޮޅަށް ބަހައްޓަން ސަރުކާރުން ގިނަ ލޯނު ތަކެއް ދޭން މަޖުބޫރުވެ އެވެ. ވައުދު ފުއްދުމުގެ ނަމުގައި މުޅި ރާއްޖެ ކޮންޓްރޯލް ކޮށް ރަށްތަކަށް ފެތުރިގަނެގެން އޮތް ފެނަކައަށް މި އަހަރުގެ ފުރަަތަމަ ކުއާޓަރުގައި އެކަނި 359.62 މިލިއަން ރުފިޔާގެ ލޯނު ދީފައި ވެއެވެ. މިއީ މިދިޔަ އަހަރު ފެށުނުއިރު އެ ކުންފުނީގެ ލޯނު ހުރި 128 މިލިއަން ރުފިޔާއާ އަޅާބަލާނަމަ ބޮޑު ތަނުން އިތުރު މިންވަރެކެވެ. 

ފެނަކަ އޮފީހެއް: މުޅިންވެސް އެޅީ ގަނޑުވަރުތައް ފަދަ އޮފީސް އިމާރާތް

މި ވަރުން ނިމުނީއެއް ނޫނެވެ؛ ފެނަކައިގެ ދަރަނީގެ "ކަރު ހިއްކުން" ފިލުވޭތޯ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން މިދިޔަ އަހަރު 400 މިލިއަން ރުފިޔާގެ ލޯނެއް ވެސް ނަގާފައި ވެއެވެ. ފެނަކައަށް އެމްއައިބީން ލޯނު ދިނީ އެ ކުންފުނީގެ މާލީ ހިސާބުތައް ރީތި ވެގެނެއް ނޫނެވެ. އެމްބައިބީއަކީ ސަރުކާރުގެ ހިއްސާ ކޮންޓްރޯލް އޮންނަ ބޭންކަކަށް ވުމާއެކު ސަރުކާރުގެ ބޮޑު އިމްވޯލްމަންޓަކާ ވެސް އެކު ސަރުކާރު ޖާމިނު ވެގެން ދިނީއެވެ. މި ހުރިހާ ލޯނު ތަކަށް ވެސް ސަރުކާރުން ގެރެންޓީދީފައި ވެއެވެ. އެވަރުން ވެސް ފެނަކަ ސައީދާއެކު އެ ކުންފުންޏަށް ފުދޭވަރެއް ނުވި އެވެ. ފެނަކަ ދިޔައީ ދަރަނިން ފެންބަރުކަމުންނެވެ. 

ފެނަކައާހެދި މުޅި އިގްތިސޯދަށް އަސަރު

ފެނަކައިން ޕްރައިވެޓް ސެކްޓަރަށް ދޭންޖެހޭ ފައިސާ ނުދީގެން ކުންފުނީގެ "ގަނޑުވަރު އޮފީސް" ތައް ކައިރީ މުޒަހަރާ ނުކުރާ ދުވަހެއް ހާލަކުން ނޫނީ ނުދެ އެވެ. އެކަމަކު ކުންފުނީގެ މާލީ ހާލަތު އޮތް ގޮތުން އެ ކުންފުނީގެ "ބުކްސް" ގައި ނެތް އެއްޗެއް މުޒާހަރާކޮށް ގަޔަށް އަތްލިޔަސް ނުދެވޭނެ އެވެ. 

އެ ހާލަތަށް ފެނަކަ ވައްޓާލީ ކުންފުނީގެ އެމްޑީ، ފެނަކަ ސައީދު ހިމެނި ވަޑައިގަންނަވާ ގޮތުން އެތާނގެ އިސްވެރިންނާއި ސަރުކާރުގެ އިސްވެރިންނެވެ. މިހާރު ފެނަކައިގެ ސަބަބުން ޕްރައިވެޓް އެތައް ވިޔަފާރިއެއް ބަނގުރޫޓު ވެގެން ހިނގައްޖެ އެވެ. އަދި ފެނަކައިގެ "ބަލާޔާ" ޖެހި ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ މާލީ ރިޕޯޓްތައް ވެސް ހުރީ ހަޑިވެފަ އެވެ. އެފަދަ އެއް ކުންފުންޏަކީ ސަރުކާރުގެ އެންމެ ބޮޑު ކުންފުނި އެސްޓީއޯ އެވެ. އެސްޓީއޯއިން ފެނަކައަށް ވިއްކި ތެލަށް ދޭން ޖެހޭ ފައިސާ ވެސް ބިލިއަން ރުފިޔާ ހުރަސް ކުރެ އެވެ. އެސްޓީއޯއަށް ކެތް ނުވެގެން އެ ވާހަކަ ޕަބްލިކަށް ނެރުނެވެ. އެކަން ވެސް ފެނަކައިން ސިފަ ކުރީ ފިތުނައެއްގެ ގޮތުގަ އެވެ. 

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެފައިވާ ގޮތުގައި ފެނަކައިގެ ހުރިހާ އެސެޓެއް ވިއްކާލި ނަމަވެސް އެ ކުންފުނި 'ދަރަނިބޯކަން' ފިލުވޭނެ ހަމައެއްގޮތެއް ވެސް އޭނާއަކަށް ވިސްނިވަޑައެއް ނުގަންނަވަ އެވެ. ފެނަކައިގެ ހާލަތު އޮތީ އެއަށްވުރެ މާ ގޯސްކޮށެވެ. 

ފެނަކައިގެ ސަބަބުން ސަރުކާރުގެ ކުންފުނި ތަކަށް އޮތް ބިރުވެރިކަން ބޮޑުވެފައިވާ މިންވަރުގެ ކިޔައި ދެއްވަމުން، މިދިޔަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކްސްގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަ ކުރެއްވި އިލްޔާސް ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ސަބަބުން ސަރުކާރުގެ އެންމެ ބޮޑު ކުންފުނި ވެސް އޮތީ ނުރައްކަލުގެ ތެރެއަށް ވައްޓާލާފަ އެވެ. 

މެންބަރު އިލްޔާސް ލަބީބް

"ފެނަކަ އިން އެސްޓީއޯއަށް ދަރާފައި އޮތީ. އެސްޓީއޯއަކީ ދިވެހި ރައްޔިތުންގެ ހިއްސާ އޮތް ކުންފުންޏެއް. އެސްޓީއޯ މިހާރު ދަރާ ހިސާބަށް ގޮސްފައި އޮތީ. އެސްޓީއޯގެ ސްޓްރެންތް ވަރުގަދަވީމަ އެ ކުންފުނި ނުދަރާ އޮތީ. އެސްޓީއޯއިން އެދަނީ ފެނަކަ އަށް ސަބްސިޑައިޒް ކުރަމުން،" އިލްޔާސް ވިދާޅުވި އެވެ. 

ތެލުގެ ސަބްސިޑީ ބަޖެޓް ކާލީ ފެނަކައިން

ސަރުކާރުގެ މައި ކުންފުނި އެސްޓީއޯގެ އޮފީސް

ފެނަކައަށް ދޭ ސަބްސިޑީއަށް ފައިސާ ދައްކަން ޖެހެނީ ސަރުކާރަށެވެ. ނަތީޖާއަކީ އެކަން ބޮޑު އިސްރާފަކަށް ވުމެވެ. ކުރިން ސަބްސިޑީ މަތިވަމުން ގޮސްފައި އޮތީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވަމުން ދާތީ އެވެ. އެވްރެޖުކޮށް ތެލުގެ ސަބްސިޑީއަށް އަހަރު 400 މިލިއަން ހަރަދު ކުރި ނަމަވެސް ތެލުގެ އަގު މަތިވުމުން އެ އަދަދު ބިލިއަން ހުރަސް ކުރި އެވެ. އެހެންވެ އަބަދު ސަބްސިޑީ މަތިވަނީ އެހެންވެ ކަމަށް ރައްޔިތުންނަށް ކިޔައިދެމުން ގޮސްފައި ވެއެވެ. އެ އޮޅުވާލުން ވިއްކަން އެންމެ ކުރީ ސަފުގައި ހުންނެވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

އެކަމަކު ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ނެރުނު ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުން ދައްކާ ގޮތުގައި މި ބޮޑުވުމުގެ ފޮރުވިފައި އޮތް ސިއްރަކީ ފެނަކައަށް ފައިސާ ދޭން މަޖުބޫރު ވުމެވެ. އެހެންވެ ސަބްސިޑީ ބަޖެޓުން ފެނަކައަށް ފައިސާ ޕަންޕު ކުރަން ޖެހުމުން އަދަދު މަތި ވެގެން ދިޔަ އެވެ. އެ ރިޕޯޓުން އެނގުނު ގޮތުގައި ސަބްސިޑީ ހަރަދު މަތިވި މައިގަނޑު ސަބަބަކީ ފެނަކައިގެ ކޭޝްފްލޯ ހަމަޖައްސަން އެ ކުންފުންޏަށް ފައިސާ ދީފައިވުމެވެ. 

ސަރުކާރުން ކަރަންޓް ސަބްސިޑީއަށް އެޑްވާންސްކޮށް ފެނަކައަށް ވަނީ ފައިސާ ދީފަ އެވެ. ކަރަންޓް ސަބްސިޑީއަށް ކުރާ ހަރަދު 1.2 ބިލިއަން ފަހަނައަޅައި ދިޔައިރު ބޮޑުބައި ޕަންޕު ކުރީ ފެނަކައިގެ އެކައުންޓް ތަކަށެވެ. މީގެ އިތުރުން އެ ކުންފުންޏަށް ސަރުކަރުގެ ބަޖެޓުން 213.3 މިލިއަން ރުފިޔާ އިތުރަށް ދީފައިވެ އެވެ. 

ސަބްސިޑީ ބަޖެޓުގެ ބޮޑުބައި ނުކައި ވަރުގަދަ "ޝާހީ ގަނޑުވަރު" ތަކެއް ފަދަ އޮފީސް ތަކެއް ނޭޅިނަމަ އެ ފައިސާއަކީ މަސްވެރިންނަށް ތެލުގެ ސަބްސިޑީއަށް ދެވޭނެ ފައިސާ އެވެ. މިއީ މުޅި އިގްތިސޯދަށް އޭގެން މަންފާ ކުރާނެ ފައިސާ އެވެ.  އެކަމަކު އެ ފައިސާ ފެނަކައަށް ޕަންޕު ކުރުމުން އެ ބަދަލުވެގެން މިހާރު ގޮސްފައި ވަނީ ވެރިން ރާއްޖޭން ބޭރުން ގަތް ފްލެޓުތަކާއި ބޭރަށް ކުރި ދަތުރުތަކުގެ ހަރަދަށެވެ. އަދި ރީތި އޮފީސްތައް އަޅަން ކުރި ބޭކާރު ހަރަދުގެ ތެރެ އަށެވެ. 

ފެނަކައިން ކިތަންމެ ރީތި އޮފީހެއް އެޅިޔަސް މީން އޮފީހަކުން ރައްޔިތުންގެ ޖީބަށް ލިބުނު ކުރިއެރުމެއް ނެތެވެ. އަމިއްލަ ވިޔަފާރިތަކަށް އައި ކުރިއެރުމެއް ނެތެވެ. ހަމައެކަނި ބޮޑުވީ ކުންފުނީގެ ބޮޑުންގެ ޖީބުތަކެވެ. ރީތި "އޮފީސްގަނޑުވަރު"  ތަކުން ފެންނަނީ އެ މަންޒަރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.