ނޫސްވެރިންގެ ކަންބޮޑުވުންތައް އިންތިހާއަށް އޮތް އެ ބިލު ބޭރުކޮށްލުމަށް ގޮވާލާފައިވާ އެ ޕެޓިޝަނުގައި 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ވަނީ ސޮއިކޮށްފަ އެވެ.
މީޑިއާ ރެގިއުލޭޓު ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބޭރުކޮށްލުމަށް ގޮވާލައި، 150 އަށް ވުރެ ގިނަ ނޫސްވެރިން ސޮއިކޮށްފައިވާ ޕެޓިޝަނެއް މަޖިލީހަށާއި ރައީސް އޮފީހަށް ހުށަހަޅައިފި އެވެ.
ނޫސްވެރިންގެ ކަންބޮޑުވުންތައް އިންތިހާއަށް އޮތް އެ ބިލު ބޭރުކޮށްލުމަށް ގޮވާލާފައިވާ އެ ޕެޓިޝަނުގައި 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ވަނީ ސޮއިކޮށްފަ އެވެ.
ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި އާލާކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް ދެމެހެއްޓުމަށް ކަމަށް ބުނެ، ޕީއެންސީ މެންބަރުންގެ ތާއީދާއެކު އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މިނިވަން މެމްބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.
އެ ބިލު ދިރާސާކުރަމުންދާ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފުރުސަތު ދިން ގާތްގަނޑަކަށް 30 އަކަށް މީޑިއާއިން ވެސް ވަނީ އެ ބިލު އިސްލާހު ކުރެވޭ ވަރަށް ވުރެ ވެސް ގޯސްކަމަށް ބުނެފަ އެވެ.
ނޫސްވެރިން ބުނަމުންދަނީ އެ ބިލުގެ ސަބަބުން ނޫސްވެރިކަމުގެ އިތުރުން، ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ވެސް ވަރަށް ބޮޑަށް ހަނިވެ، ނޫސްވެރިކަމުގެ މިނިވަންކަމަށް ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް ވަދެގެންދާނެ ކަމަށެވެ.
އެހެންކަމުން، އެ ބިލު ބޭރުކޮށްލައި، ނޫސްވެރިންނާއި ކަމާގުޅޭ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ އާއެކު އާ ބިލެއް އެކުލަވައިލުމަށް ނޫސްވެރިން ވަނީ ގޮވާލައިފަ އެވެ.
ނަމަވެސް، އެ ބިލު ބޭރުކޮށްލަންޖެހޭ ސަބަބެއް ނެތް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.