އިސްލާހު ނުކުރެވޭ ވަރަށް މީޑިއާތަކަށް ބިލު ގޯސް | ކޮމިޓީގައި އެދުނީ ބޭރުކުރަން

ހުރިހާ މީޑިއާތަކެއް ވެސް އިއްތިފާގުވީ، މި ބިލަކީ އިސްލާހުކުރެވޭ ވަރަށް ވުރެ ވެސް ގޯސްކޮށް އެކުލަވާލާފައިވާ ބިލެއް ކަމަށްވާތީ، އެ ބިލު މަޖިލީހުން ބޭރުކުރަން.

މަޖިލީހުގެ މިނިވަން މުއައްސާތަކުގެ ކޮމިޓީން މިއަދު ދިވެހި މީޑިއާތަކުގެ ހިޔާލު ހޯދަން ބޭއްވި ބައްދަލުވުން. --ފޮޓޯ: މަޖިލީހުގެ އިދާރާ

މީޑިއާ ރެގިއުލޭޓު ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އިސްލާހުކުރެވޭ ވަރަށް ވުރެ މާ ގޯސްކަމަށް ބުނެ، އެ ބިލު މަޖިލީހުން ބޭރުކުރަން ރާއްޖޭގެ ގިނަ މީޑިއާތަކުން އެދިއްޖެ އެވެ.

ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި އާލާކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް ދެމެހެއްޓުމަށް ކަމަށް ބުނެ، ޕީއެންސީ މެންބަރުންގެ ތާއީދާއެކު އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މިނިވަން މެމްބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.

އެ ބިލު ދިރާސާކުރަމުންދާ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ރާއްޖޭގައި ހިންގާ ގާތްގަނޑަކަށް 30 އަކަށް މީޑިއާގެ މަންދޫބުން ވަނީ އެ ބިލަށް ހިޔާލު ހުށަހަޅަން ހާޒިރުވެފަ އެވެ. 

އެ ބައްދަލުވުމުގައި ކޮންމެ މީޑިއާއަކަށް ވަކިވަކިން ފުރުސަތު ދީފައިވާއިރު، ހުރިހާ މީޑިއާތަކެއް ވެސް އިއްތިފާގުވީ، މި ބިލަކީ އިސްލާހުކުރެވޭ ވަރަށް ވުރެ ވެސް ގޯސްކޮށް އެކުލަވާލާފައިވާ ބިލެއް ކަމަށްވާތީ، އެ ބިލު މަޖިލީހުން ބޭރުކޮށް، މީޑިއާތަކާއި ނޫސްވެރިން އަދި ކަމާގުޅޭ އެހެން ފަރާތްތަކުގެ ހިޔާލާއި މަޝްވަރާއާ އެކު އާ ބިލެއް އެކުލަވައިލުމަށެވެ. 

ކޮމިޓީގައި ވާހަކަ ދައްކަވަމުން ދައުރު ނޫހުގެ އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ މި ބިލަކީ އިސްލާހު ކުރެވޭ ހާލަތުގައި އޮތް ބިލެއް ނޫން ކަމަށާއި، ނޫސްވެރިންގެ ކުރިއެރުމާއި ރައްކާތެރިކަމަށް މުޅި ބިލުގައި އެއްވެސް ކަމެއް ނެތްއިރު، ނޫސްވެރިކަމަކީ ވެސް ޕްރޮފެޝަންއެއް ކަމަށެވެ. 

މަޖިލީހުގެ މިނިވަން މުއައްސާތަކުގެ ކޮމިޓީން މިއަދު ދިވެހި މީޑިއާތަކުގެ ހިޔާލު ހޯދަން ބޭއްވި ބައްދަލުވުން. --ފޮޓޯ: މަޖިލީހުގެ އިދާރާ

"އަޅުގަނޑު ދަންނަވާނީ މި ބިލަކީ މަޖިލީހަށް ބަލައިގަނެގެން އިސްލާހު ކުރެވޭ ވަރަށްވުރެ ގޯސް ހާލަތުގައި އޮތް ބިލެކޭ، އެހެންވީމާ މި ބިލު ހަމަ ފުރަތަމަ ކަމަކަށް ބޭރުކޮށްލަދެއްވާށޭ،" ޒާހިރު ވިދާޅުވި އެވެ.

ތަޖުރިބާކާރު ނޫސްވެރިޔާ އަލީ ސުލައިމާން ވިދާޅުވީ، މި ބިލުން ހާސިލުކުރަން ބޭނުންވާ މަގުސަދު ވެސް ސާފު ނުވާ ކަމަށެވެ. އަދި ނޫސްވެރިކަމާ ގުޅޭ އެއްވެސް ފަރާތެއްގެ ހިޔާލެއް އަދި މަޝްވަރާއެއް ނެތި މި ބިލު ހުށަހަޅާފައިވާތީ، މި ބިލަކީ އުފެދުމުގައި ވެސް ބާތިލު އެއްޗެއްކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ. 

ދަ އެޑިޝަން ތަމްސީލު ކުރެއްވި މުހައްމަދު ހަމްދޫން ވިދާޅުވީ މީޑިއާއަކީ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރު ކަމަށްވާއިރު، އަނެއް ތިން ބާރުން ކުރެ ބާރަކުން މީޑިއާ ރެގިއުލޭޓް ކުރަން އުޅުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. މީޑިއާއަށް ޒިންމާދާރުކޮށް މަސައްކަތް ކުރެވޭނީ މީޑިއާ އަމިއްލައަށް ރެގިއުލޭޓް ކުރެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އަދަދު ނޫހުގެ އެޑިޓަރު، ހަސަން މުހައްމަދު ވިދާޅުވީ މީޑިއާ ކޮންޓްރޯލް ބިލު ފަރުމާ ކޮށްފައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ނެތިގެން ދާނެ ގޮތަށް ކަމަށެވެ. އަދި އެ ބިލު ޑްރާފްޓުގައި ކޮށްފައި ހުރީ ނޫސްވެެރިން ކުށްވެރިވާނެ ފަދަ މާއްދާތަކެއް ހިމަނައިގެން ކަމަށް ހަސަން ވިދާޅުވި އެވެ.

މަޖިލީހުގެ މިނިވަން މުއައްސާތަކުގެ ކޮމިޓީން މިއަދު ދިވެހި މީޑިއާތަކުގެ ހިޔާލު ހޯދަން ބޭއްވި ބައްދަލުވުން. --ފޮޓޯ: މަޖިލީހުގެ އިދާރާ

މީގެއިތުރުން، ދޮގު ހަބަރު ފަތުރައިގެން މީޑިއާތަކާއި ވަކި ނޫސްވެރިންނަށް އަދަބު ދެވޭ ގޮތަށް ބިލުގައި އޮތް މާއްދާތަކާމެދު ހުރިހާ މީޑިއާތަކުން ވެސް ކަންބޮޑުވުންފާޅުކުރި އެވެ.

މިގޮތުން، މީހަކު ދައްކާ ވާހަކައެއް ރިޕޯޓުކޮށްގެން، އެ ވާހަކައަކީ ދޮގެއް ކަމަށް ފަހުން ހާމަވާ ހާލަތުގައި އެ ވާހަކަ ގެނެސްދިން މީޑިއާއެއް ނޫނީ ނޫސްވެރިއެއް ކުށްވެރިވުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށް ފާހަގަކުރި އެވެ.

އެހެންކަމުން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މީޑިއާތަކުން ވެސް ގޮވައިލީ އެ ބިލު މަޖިލީހުން ބޭރުކުރުމަށެވެ. 

ނޫސްވެރިންގެ ކަންބޮޑުވުންތައް އިންތިހާއަށް އޮތް މި ބިލުގެ މަސައްކަތް އަންނަ މަހުގެ 15 ދުވަހުގެ ކުރިން ނިންމަން ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.