އޭނާ ވިދާޅުވި ގޮތުގައި، މިހާރު ހުރި ގާނޫނުތަކުގައި ހުރި ގިނަ ކަންކަން މި ބިލުގައި ވެސް ހިމަނާފައިވާއިރު، ގާނޫނު ތަންފީޒުކުރުމުގައި މިހާރު ދިމާވާ ދަތިތައް އާ ގާނޫނަށް ވެސް ވާރުތަވާނެ އެވެ.
މީޑިއާ ރެގިއުލޭޓު ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅީ އެއްވެސް ދިރާސާއެއް އަދި މަޝްވަރާއެއް ވެސް ކުރުމެއްނެތި ކަން ފާހަގަކޮށް، އެ ބިލުގައި ހުރި ކަންކަން ތަންފީޒުނުކުރެވޭނެކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބުނެފި އެވެ.
ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި އާލާކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް ދެމެހެއްޓުމަށް ކަމަށް ބުނެ، ޕީއެންސީ މެންބަރުންގެ ތާއީދާއެކު އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މިނިވަން މެމްބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.
އެ ބިލު ދިރާސާކުރަމުންދާ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ކޮމިޝަންގެ ރައީސް ސަފާ ޝަފީގު ވިދާޅުވީ މީޑިއާތައް ރެގިއުލޭޓްކޮށް ފިޔަވަޅު އެޅޭ ގޮތްތައް ގާނޫނެއްގައި ކަނޑައަޅާއިރު، ގައުމީ ފެންވަރުގެ ދިރާސާއެއް ކުރެވެން ޖެހޭނެ ކަމަށެވެ.
މިގޮތުން، ހުރިހާ ބާވަތެއްގެ މީޑިއާތަކުގެ މައްޗަށް މި ބިލު ހިނގާ ގޮތަށް އެކުލަވާލާފައިވާއިރު، މިކަމުގައި އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ބެލުމަށް ދިރާސާއެއް ހެދުމަކީ ނުހަނު މުހިންމު ކަމެއްގެ ގޮތުގައި ސަފާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަކީ އެއް ރެގިއުލޭޓަރީ ބޮޑީ، އަޅުގަނޑުމެންނާ ހަމަ ގައިމުވެސް ކޮންސަލްޓެއް ނުކުރައްވާ އިނގޭތޯ؟ އެހެންވީމާ އަޅުގަނޑަކަށް ހިއެއް ނުވޭ އެއްވެސް ކަހަލަ ނޭޝަންވައިޑް ރީސާޗެއް ނޫނީ ސްޓޭކް ހޯލްޑާސްއާ އެއްވެސް ވަރަކަށް ބައްދަލު ކުރި ހެނެއް، އެހެންވީމާ މިއީ ހަމަ އަޅުގަނޑު ހިތާމަ ކުރާ ކަމެއް،" ސަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިހާރު ހުރި ގާނޫނުތަކުގައި ހުރި ގިނަ ކަންކަން މި ބިލުގައި ވެސް ހިމަނާފައިވާއިރު، ގާނޫނު ތަންފީޒުކުރުމުގައި މިހާރު ދިމާވާ ދަތިތައް އާ ގާނޫނަށް ވެސް ވާރުތަވާނެ އެވެ.
ގާނޫނާ ހިލާފުވާ މީޑިއާތަކަށް ފިޔަވަޅު އެޅުމަށްޓަކައި، އެކަށީގެންވާ ވަސީލަތްތައް މިހާރު ވެސް ނެތް ކަން މަޖިލީހުގެ ސަމާލުކަމަށް އެތައް ފަހަރެއްގެ މަތިން ގެނެސްފައިވާނެކަން އޭނާ ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.
އަޅުގަނޑުމެންނަށް މިހާރު އެނގޭނެ އަޅުގަނޑުމެންނަށް މިހާރު ހުރި ގޮންޖެހުންތަކަކީ ކޮބައިކަން، އަޅުގަނޑުމެންނަށް ބައެެއް މަސައްކަތްތައް ލަސްވެގެން ދަނީ ނުކުރެވިގެން ދަނީ ކޮން ސަބަބުތަކަށްޓަކައިކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ، އިމްޕްލިމެންޓު ކުރަން ތިބި ބަޔަކަށް އެނގޭނީ މިކަން ނުކުރެވޭ ސަބަބަކީ ކޮބައިކަން،" ސަފާ ވިދާޅުވި އެވެ.
މީގެއިތުރުން، ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާތަކާ ފުށު އެރުންތައް ހުރި މިންވަރެއް ވެސް ދިރާސާކޮށްގެން ބަލަންޖެހޭ ކަމަށާއި، މިއީ ދެތިން ދުވަހެއްގެ ތެރޭގައި ކުރެވޭނެކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ކޮމިޓީގައި ކޮމިޝަންގެ އެހެން މެމްބަރުން ވެސް ވަނީ ކޮމިޝަންގެ ރައީސްގެ ވާހަކަތަކަށް ތާއިދު ކުރައްވައި، ދިރާސާއެއް، މަޝްވަރާއެއް ކުރުމެއް ނެތި ގެނެސްފައިވާ ބިލުން އެކަށީގެންވާ ނަތީޖާއެއް ނެރެވިދާނެކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ.
ނޫސްވެރިންގެ ކަންބޮޑުވުންތައް އިންތިހާއަށް އޮތް މި ބިލުގެ މަސައްކަތް އަންނަ މަހުގެ 15 ދުވަހުގެ ކުރިން ނިންމަން ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
އެ ބިލު އާންމުންގެ ހިޔާލަށް ހުޅުވާލާފައިވާއިރު، ބްރޯޑްކޮމްގެ އިތުރުން މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ)ގެ ހިޔާލު ހޯދަން ކޮމިޓީގެ އިތުރު ބައްދަލުވުމެއް ވަނީ ތާވަލުކޮށްފަ އެވެ.
އަދި ރާއްޖޭގައި ހިންގާ ބައެއް މީޑިއާތަކާ ބައްދަލުކޮށް ހިޔާލު ހޯދަން ވެސް ކޮމިޓީން ވަނީ ނިންމައިފަ އެވެ.
ނަމަވެސް، ނޫސްވެރިންގެ ޑިމާންޑަކީ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބޭރުކޮށްލުމަށްފަހު، ނޫސްވެރިންނަށް ފަހިވާ ގޮތަށް އާ ބިލެއް ފަރުމާ ކުރުމެވެ.