އިންސާފަށް އެދޭ އާއިލާއިން ޔުމްނުގެ ބަހެއް ހޯދަން އެއްބާރުލުމެއް ނުދިން

ކޮމިޝަނުން ކުރި ތަހުގީގުން ލިބުނު ހެއްކާއި ގަރީނާތަކަށް ބަލާއިރު، ޔުމްނުގެ ބަހެއް ނުލިބުމަކީ ތަހުގީގުގެ ނަތީޖާއަށް އަސަރުކުރާނެ ކަމެއް ކަމަކަށް ނުދެކޭ ކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ.

ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކުރި މުޒާހަރާއެއް -- ފޮޓޯ: ދައުރު

ހ. ފެންޓެނޯއީ ގޭ މަތިން ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގަށް ޔުމްނުގެ ބަހެއް ހޯދަން އޭނާގެ އާއިލާއިން އެއްބާރުލުމެއް ނުދިން ކަމަށް އެ މައްސަލަ ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފި އެވެ.

ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޔުމްނު ވެއްޓުނު މައްސަލައިގެ އިންކުއަރީއެއް ހެދުމަށް މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އުފެއްދެވި ހާއްސަ ކޮމިޝަނުން މިއަދު މަސައްކަތް ނިންމައި ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަވާލުކޮށްފަ އެވެ.

އެ ކޮމިޝަންގެ ރިޕޯޓު މިހާރު އާންމުކޮށްފައިވާއިރު، އޭގައި ބުނީ ޔުމްނުގެ ބަޔާން ހޯދަން އާއިލާއަށް ގުޅުމުން ފޯނު ކަނޑާލި ކަމަށާއި، ޔުމްނުގެ ޅިއަނެއް ކަމަށްވާ މުހައްމަދު މުއުމިން ކޮމިޝަނަށް ގުޅައި ޔުމްނުގެ މަންމައަށް ނުގުޅުމަށާއި އާއިލާއިން ކޮމިޝަނާ ބައްދަލުކުރަން ބޭނުން ނުވާ ކަމަށް ބުނެފައިވާ ކަމަށެވެ.

ޔުމްނުގެ ފަރާތުން ހާދިސާ ހިނގި ގޮތުގެ މައުލޫމާތު ސާފުކުރަން ބޭނުންވާތީ، ކޮމިޝަންގެ މެންބަރަކު މެލޭޝިއާއަށް ގޮސްގެން ނޫނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެ ފުރުސަތު ހަމަޖައްސައިދޭން އާއިލާގެ ކިބައިން އެދުނު ކަމަށާއި ނަމަވެސް، އެ ސިޓީއަށް އާއިލާއިން ޖަވާބެއް ދީފައިނުވާ ކަމަށް ކޮމިޝަނުން ބުންޏެވެ.

އޭގެފަހުން ވެސް އާއިލާގެ އެކި މެންބަރުންނަށް ގުޅައިގެން ކުރި މަސައްކަތުން ވެސް ޔުމްނުގެ ބަހެއް ކޮމިޝަނަށް ލިބޭނެ ގޮތެއް ނުވި ކަމަށް ރިޕޯޓްގައި ބުންޏެވެ.

ރިޕޯޓްގައި ބުނި ގޮތުގައި، ޔުމްނުއަށް އިންސާފު ހޯދުމަށް އާއިލާއިން އެދޭއިރު، އިންސާފު ހޯދަން ޔުމްނުގެ ބަހެއް އޮތީ މުހިންމުވެފަ އެވެ. އެހެންވެ، އޭނާގެ ބަހެއް ނުލިބި ކޮމިޝަނުގެ ރިޕޯޓް ނިންމުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ކޮމިޝަނަށް ނުފެންނަ ކަމަށެވެ.

ނަމަވެސް، ކޮމިޝަނުން ކުރި ތަހުގީގުން ލިބުނު ހެއްކާއި ގަރީނާތަކަށް ބަލާއިރު، ޔުމްނުގެ ބަހެއް ނުލިބުމަކީ ތަހުގީގުގެ ނަތީޖާއަށް އަސަރުކުރާނެ ކަމެއް ކަމަކަށް ނުދެކޭ ކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ. 

އެ ހާދިސާއާ ގުޅިގެން ފުލުހުން ކުރި ތަހުގީގަށް ވެސް ޔުމްނުގެ ބަޔާނެއް ލިބޭ ގޮތެއް ނުވާ ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ.

އެ ކޮމިޝަންގެ ރިޕޯޓުގައި ވަރަށް ތަފްސީލުކޮށް އެރޭ ޔުމްނު ދިޔަ ތަންތަނާއި އުޅުނު ގޮތް ބަޔާންކޮށްފައިވެ އެވެ. ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޔުމްނުއާއެކު ފެންޓެނޯއީ ގޭތެރޭގައި އެރޭ އުޅުނު ރައުދު އަހުމަދު ޒިލާލްއާ ސުވާލު ކުރުމުން، އެއްވެސް ކަމެއް ހަނދާނުގައި ނެތް ކަމަށް ވަނީ ބުނެފަ އެވެ.

ޔުމްނު ވެއްޓުނީތޯ ނުވަތަ ވައްޓާލީތޯ ދެނެގަތުމަށް ދެ މީހުން ހަރަކާތްތެރިވާ ސީސީޓިވީ ފުޓޭޖްތައް ބެލިއިރު، އެތަނުގައި އެވަގުތު އެ ދެ މީހުން ފިޔަވައި އިތުރު މީހަކު ނެތުމުންނާއި، ޔުމްނުގެ ބަހެއް ކޮމިޝަނަށް ލިބިފައި ނުވާތީ ގަސްތުގައި ރައުދު، ޔުމްނު ވައްޓާލީކަން ނުވަތަ ނޫންކަން ކޮމިޝަނަށް ކަނޑައެޅެން ނެތް ކަމަށް ރިޕޯޓުގައިވެ އެވެ. 

ކޮމެންޓް

1
450
ދިމް
2 weeks ago

ބަޔާނެއް ދޭންޖެހޭ އެއްވެސް ސަބަބެއްނެތް. މުޅި ކޭސް ގަނޑުބަނޑު ކޮށް ބޭނުންވާ ގޮތަށް ނިންމާފައި ދެން ކޮން ބަޔާނެއް ހޯދާ ކަށެއް. މަ ނަމަވެސް ނުދޭނަން.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.