ޔުމްނު ވައްޓާލީ ކަމެއް، ވެއްޓުނީ ކަމެއް ކަނޑައެޅޭކަށް ނެތް: ރިޕޯޓް

ދެމީހުން މަސްތުވެގެން ދެމީހުން ތިބި ކަމަށާއި، އެރޭ ހިނގައިދިޔަ ކަންކަމަށް އެ ދެމީހުން ވެސް ޒިންމާ ނަގަން ޖެހޭނެ ކަމަށާއި އަދި ޔުމްނު ވެއްޓުމުގައި ރައުދުގެ އިހުމާލު ބޮޑު ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

ޔުމްނު ވެއްޓުމުގެ ކުރިން ހ. ފެންޓެނޯއީ ގޭގައި ރައުދުއާއެކު ހަރަކާތްތެރިވަނީ --

ހ. ފެންޓެނޯއީ ގޭ މަތިން ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނީ ކަމެއް ނުވަތަ ވައްޓާލީކަން އެނގޭނެ ގޮތެއް ނެތް ކަމަށާއި ނަމަވެސް ވައްޓާލީ ކަމަށް ބެލުމުގެ ފުރުސަތު ވަރަށް ހަނި ކަމަށް އެ މައްސަލަ ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފި އެވެ.

ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޔުމްނު ވެއްޓުނު މައްސަލައިގެ އިންކުއަރީއެއް ހެދުމަށް މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އުފެއްދެވި ހާއްސަ ކޮމިޝަނުން މިއަދު މަސައްކަތް ނިންމައި ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަވާލުކޮށްފަ އެވެ.

އެ ކޮމިޝަންގެ ރިޕޯޓު މިހާރު އާންމުކޮށްފައިވާއިރު، ތަފްސީލުކޮށް އެރޭ ޔުމްނު ދިޔަ ތަންތަނާއި އުޅުނު ގޮތް ބަޔާންކޮށްފައިވެ އެވެ. ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޔުމްނުއާއެކު ފެންޓެނޯއީ ގޭތެރޭގައި އެރޭ އުޅުނު ރައުދު އަހުމަދު ޒިލާލްއާ ސުވާލު ކުރުމުން، އެއްވެސް ކަމެއް ހަނދާނުގައި ނެތް ކަމަށް ވަނީ ބުނެފަ އެވެ.

އަދި، ޔުމްނު ވެއްޓުނީތޯ ނުވަތަ ވައްޓާލީތޯ ދެނެގަތުމަށް ދެމީހުން ހަރަކާތްތެރިވާ ސީސީޓިވީ ފުޓޭޖްތައް ބެލިއިރު، އެތަނުގައި އެވަގުތު އެދެ މީހުން ފިޔަވައި އިތުރު މީހަކު ނެތުމުންނާއި، ޔުމްނުގެ ބަހެއް ކޮމިޝަނަށް ލިބިފައި ނުވާތީ ގަސްތުގައި ރައުދު، ޔުމްނު ވައްޓާލީކަން ނުވަތަ ނޫންކަން ކޮމިޝަނަށް ކަނޑައެޅެން ނެތް ކަމަށް ރިޕޯޓުގައިވެ އެވެ. 

ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި؛

  •  ލިބިފައި ހުރި ހެކި ގަރީނާއަށް ބަލާއިރު އެގޭތެރޭގައި ރައުދު އަދި ޔުމްނު ނޫން އިތުރު މީހަކު ނެތް
  •  ގަސްތުގައި ޔުމްނުއަށް އަނިޔާއެއް ދިނުމަށް އެގެއަށް ގެންދިޔައީތޯ ބެލި ބެލުމުން، އެފަދަ އަނިޔާއެއް ޔުމްނުއަށް ދޭނެ ފަރާތެއް ނެތް ކަމަށް އޭނާގެ ރައްޓެހިން ހެކިބަސްދީފައިވާކަން
  •  ޔުމްނުއަށް ދުރާލާ ރާވައިގެން އަނިޔާއެއް ދޭންޖެހޭ ފަދަ ސަބަބެއް އެނގެން ނެތްކަން
  •  ފެންޓެނޯއީ ގޭގައި ޔުމްނު ދަންނަ މީހަކު ނުވަތަ އެނގޭ މީހަކު ވެސް ނެތްކަން

ރައުދު ގަސްތުގައި ޔުމްނު ވައްޓާލި ކަމަށް ބެލުމުގެ ފުރުސަތު ހަނިވާ ސަބަބުތައް

  •  އެރޭ ޔުމްނުއާ ރައުދު ބައްދަލުވީ ހިސާބުން ފެށިގެން ހާދިސާ ހިނގި ވަގުތާ ހަމައަށް އެދެމީހުންގެ މެދުގައި ހަމަނުޖެހުމެއް ހިނގާފައި ނުވާކަން
  •  ފެންޓެނޯއީއަށް ޔުމްނު ދަނީ އަމިއްލަ އިހުތިޔާރުގައި ކަމާއި، އެގެއަށް ފުރަތަމަ ވަދެފައި ވަނީ ވެސް ޔުމްނުކަން އަދި ގަސްތުގައި އަނިޔާއެއް ދިނުމުގެ މަގުސަދުގައި ރައުދު، ޔުމްނު އެގެއަށް ވެއްދިކަން އެނގެން ނެތްކަން
  •  ހާދިސާ ހިނގުމަށްފަހު ރައުދުގެ ހަރަކާތްތަކަށް ބަލާއިރު، ހ.މިޓާޒްގޭ ފުރާޅު މައްޗަށް ތަކުރާރުކޮށް ބަލައި ޔުމްނުއަށް ގޮވައި، މީހުން ހުއްޓުވައި ރައްޓެއްސަކު ވެއްޓިގެން އުޅޭ ވާހަކަ ބުނިކަން އަދި މީހުންނަށް ގުޅަން މަސައްކަތް ކުރިކަން
  •  ޔުމްނު ފުރާޅުމައްޗަށް ވެއްޓުމާ ގުޅިގެން ލިބުނު އަނިޔާ ފިޔަވައި އެހެން އަނިޔާއެއް ލިބިފައި ނުވާކަން

ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެގޭ ޓެރަހުން ޔުމްނު ވެއްޓުނު ކަމަށް ބެލެވެން ނެތެވެ. ސަބަބަކީ، ޓެރަހުގެ ދޮރު އެރޭ ހުރީ ޖޭމްވެފައި ކަމާއި، ދޮރު ހުޅުވޭނީ ތަޅުދަނޑިން ކަމަށާއި، ޔުމްނު ވެއްޓިފައި އޮތް މިޓާޒްގެއާވީ ފަޅީގެ ޓެރަހުގެ ރެއިލިންއިން ޔުމްނު، ރައުދު އަދި އެހެން މީހެއްގެ ވެސް އިނގިލީގެ ނިޝާން ފެނިފައި ނުވުމެވެ.

މި ހާދިސާގައި އަމަލީ ގޮތުން އެހެން މީހަކު ބައިވެރިވެފައި ނުވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. ނަމަވެސް ދެމީހުން މަސްތުވެގެން ދެމީހުން ތިބި ކަމަށާއި، އެރޭ ހިނގައިދިޔަ ކަންކަމަށް އެ ދެމީހުން ވެސް ޒިންމާ ނަގަން ޖެހޭނެ ކަމަށާއި އަދި ޔުމްނު ވެއްޓުމުގައި ރައުދުގެ އިހުމާލު ބޮޑު ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.