ޔުމްނު ވެއްޓުނު ތަހުގީގުގައި ފުލުހުން ފަރުވާކުޑަ، ފިޔަވަޅު އަޅަންޖެހޭ: ކޮމިޝަން

މި ހާދިސާގައި ފަރުވާކުޑަކުރި ފުލުހުންގެ މައްސަލަ ބަލައި، އިސްލާހީ ފިޔަވަޅު އެޅުން މުހިންމު ކަމަށް ކޮމިޝަނުން ދެކޭ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

ޔުމްނުގެ ހައްގުގައި ކުރި މުޒާހަރާއެއް -- ފޮޓޯ: އަލައިކާ

ހ. ފެންޓެނޯއީ ގޭ މަތިން ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ފުލުހުން ފަރުވާކުޑަކުރި ކަމަށާއި، އެކަމުގައި އިހުމާލުވި ވަކިވަކި ފުލުހުންނަށް އިސްލާހީ ފިޔަވަޅު އަޅަން ފެންނަ ކަމަށް އެ މައްސަލަ ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފި އެވެ.

ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޔުމްނު ވެއްޓުނު މައްސަލައިގެ އިންކުއަރީއެއް ހެދުމަށް މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އުފެއްދެވި ހާއްސަ ކޮމިޝަނުން މިއަދު މަސައްކަތް ނިންމައި ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަވާލުކޮށްފަ އެވެ.

އެ ކޮމިޝަންގެ ރިޕޯޓު މިހާރު އާންމުކޮށްފައިވާއިރު، ތަފްސީލުކޮށް އެރޭ ޔުމްނު ދިޔަ ތަންތަނާއި އުޅުނު ގޮތް ބަޔާންކޮށްފައިވެ އެވެ. ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޔުމްނުއާއެކު ފެންޓެނޯއީ ގޭތެރޭގައި އެރޭ އުޅުނު ރައުދު އަހުމަދު ޒިލާލްއާ ސުވާލު ކުރުމުން، އެއްވެސް ކަމެއް ހަނދާނުގައި ނެތް ކަމަށް ވަނީ ބުނެފަ އެވެ.

އެ ހާދިސާ ރިޕޯޓުކުރި ވަގުތުން ފެށިގެން، ފުލުހުންގެ އެކި ޑިޕާޓުމަންޓުތަކުން އަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ބަލައިފަ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން

  • އިންވެސްޓިގޭޓިވް އޮފިސަރު (އައިއޯ)އަށް ކޮމާންޑް ސެންޓަރުން މައުލޫމާތު ދީފައިވަނީ ގަޑިއެއްހާއިރު ފަހުން ކަމަށާއި، އައިއޯއަށް އެތަނަށް ދެވިފައިވަނީ ކުށުގެ ވެށިން ތަހުގީގަށް ނަގަންޖެހޭ ހެއްކާއި ގަރީނާ، ސީން އޮފް ކްރައިމް އޮފިސަރު ނަގާ ނިމުނު ފަހުން ކަން.
  • ޕެޓްރޯލް ބީޓުން އެތަނަށް ދިޔަ ފުލުހުން، ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑައަޅާފައި ނެތް ކަމަށާއި، ކުށުގެ ވެށި ރަނގަޅަށް ރައްކާތެރިކޮށްދީފައިނުވާ ކަން.
  • ކްރައިމް ސީން އޮފިސަރު ސާޖަންޓް އަޒްހަދު ހަސަން މަނިކު، ފުލުހުންގެ މެނުއަލް އާ އެއްގޮތަށް، ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސްކޮށްފައި ނުވާ ކަން.
  • ހ. ފެންޓެނޯއީގައި ޔުމްނު އުޅުނު ތިން ފަންގިފިލާގެ އިތުރުން، ޔުމްނު ވެއްޓިފައި އޮތް ހ. މިޓާޒްގެ ފުރާޅުމަތި ވެސް ރަނގަޅަށް ނުބަލައި، ކުޑަވަގުތުކޮޅެއްގެ ތެރޭގައި އޭނާ ސީން ދޫކޮށްލާފައިވާ ދިޔަ ކަން.
  • މިޓާޒްގެ ފުރާޅުމައްޗަށް އަރައި، އެތަނުން ހެއްކެއް ލިބޭތޯ ވެސް ބަލާފައި ނެތް ކަން
  • މިޓާޒްގޭގެ އެތެރެ ވެސް ފުލުހުން ބަލާފައިނުވާ ކަން.

އެއާ އެކު، އެ ރިޕޯޓުގައި ވަނީ ފުލުހުންގެ ފަރާތުން މިފަދަ އިހުމާލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އެ ޑިޕާޓުމަންޓުތަކުގެ އެސްއޯޕީއަށް އެ ފުލުހުން އަލުން އަހުލުވެރިކޮށް، އިތުރަށް ތަމްރީން ކުރަންޖެހޭ ކަމަށް ބުނެފަ އެވެ.

އަދި މި ހާދިސާގައި ފަރުވާކުޑަކުރި ފުލުހުންގެ މައްސަލަ ބަލައި، އިސްލާހީ ފިޔަވަޅު އެޅުން މުހިންމު ކަމަށް ކޮމިޝަނުން ދެކޭ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

ޔުމްނު ވެއްޓުނީތޯ ނުވަތަ ވައްޓާލީތޯ ދެނެގަތުމަށް ދެމީހުން ހަރަކާތްތެރިވާ ސީސީޓިވީ ފުޓޭޖްތައް ބެލިއިރު، އެތަނުގައި އެވަގުތު އެދެ މީހުން ފިޔަވައި އިތުރު މީހަކު ނެތުމުންނާއި، ޔުމްނުގެ ބަހެއް ކޮމިޝަނަށް ލިބިފައި ނުވާތީ ގަސްތުގައި ރައުދު، ޔުމްނު ވައްޓާލީކަން ނުވަތަ ނޫންކަން ކޮމިޝަނަށް ކަނޑައެޅެން ނެތް ކަމަށް ރިޕޯޓުގައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.