މި ހިސާބުތަކުން އެނގޭ ގޮތުން ޕަބްލިކް އެންޑް ޕަބްލިކްލީ ގެރެންޓީޑް ޑެޓް އަދާކުރުމަށް ޖުމްލަ 3.26 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ.

މިދިޔަ ތިންވަނަ ކުއާޓަރުގައި ދައުލަތުން ދަރަނީގެ އިންޓެސްޓަށް އެކަނި 1.53 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު މި އަހަރުގެ ދަރަނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މުއްދަތުގައި އިންޓަރެސްޓާއި އެހެނިހެން ހަރަދުތަކަށް 1.53 ބިލިއަން ރުފިޔާ ވަނީ ދައްކާފަ އެވެ. އަދި ދަރަނީގެ ޕްރިންސިޕަލް އަދަދުގެ ގޮތުގައި 1.73 ބިލިއަން ރުފިޔާ ދައްކާފައިވެ އެވެ. މިއާއެކު ޖުލައި، އޮގަސްޓް، ސެޕްޓެމްބަރުގެ ނިޔަލަށް ދައުލަތުގެ ދަރަނި އަދާކުރުމަށާއި ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނި - ޕަބްލިކް އެންޑް ޕަބްލިކްލީ ގެރެންޓީޑް ޑެޓް - އަދާކުރުމަށް ޖުމްލަ 3.26 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ.
މި އަދަދަކީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދަރަނި އަދާކުރުމަށް ހޭދަކުރި 17.00 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑުތަނުން ދަށް އަދަދެކެވެ. ދެވަނަ ކުއާޓަރުގައި ދަރަނި ދެއްކުމުގެ ހަރަދު އިންތިހާ އަށް މަތިވެގެން ދިޔައީ ބޭރުގެ ދަރަނީގެ ޕްރިންސިޕަލް ޕޭމަންޓްތަކުގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ޖެހުމުންނެވެ. ނަމަވެސް، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ދަރަނި އަދާކުރުމަށް ހޭދަކުރި 4.61 ބިލިއަން ރުފިޔާއާ އަޅާބަލާއިރުވެސް، މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ހަރަދު ވަނީ 29.3 އިންސައްތަ ދަށްވެފައެވެ.
މަރުކަޒީ ސަރުކާރުގެ ދަރަނި - ތިންވަނަ ކުއާޓަރުގައި މަރުކަޒީ ސަރުކާރުގެ ދަރަނި އަދާކުރުމަށް ޖުމްލަ 2.60 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ ތެރެއިން ބޭރުގެ ދަރަނި އަދާކުރުމަށް 1,36 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އެތެރޭގެ ދަރަނި އަދާކުރުމަށް 1,2 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނި - ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނިތައް އަދާކުރުމަށް ތިންވަނަ ކުއާޓަރުގައި ޖުމްލަ 660.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ބޭރުގެ ގެރެންޓީ ދަރަނި ދެއްކުމަށް ހޭދަކުރި 571.7 މިލިއަން ރުފިޔާއާއި، އެތެރޭގެ ގެރެންޓީ ދަރަނި ދެއްކުމަށް ހޭދަކުރި 89.1 މިލިއަން ރުފިޔާއެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި މި އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއާޓަރުގައި ޖުމްލަ ދަރަނި އަދާކުރުމަށް ދައުލަތުން ވަނީ 23.70 ބިލިއަން ރުފިޔާ ހޭދައެއްކޮށްފަ އެވެ.