ރައީސް ވިދާޅުވީ ކުޑަކުދިންގެ ދިރިއުޅުމާ ގުޅުންހުރި ނިންމުންތައް ނިންމުމުގައި އެކުދިންގެ އަޑު އިއްވުމަށް ދޭ ސަމާލުކަން އިތުރުކުރަންޖެހޭ ކަމަށެވެ.

ކުޑަކުދިން އެދޭފަދަ އުޖާލާ މުސްތަޤުބަލެއް ބިނާކުރުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ކުޑަކުދިންނަށް އަމާޒުކޮށް ހަމައެކަނި ސިޔާސަތުތަކެއް އެކުލަވާލުމުގެ ބަދަލުގައި، ހަގީގީ ކުރިއެރުން ލިބޭނީ އެކުދިންގެ ތަޖުރިބާތައް އަޑުއަހައި، ޚިޔާލުތަކަށް އިޙުތިރާމްކޮށްގެން ކަމަށެވެ. އަދި އެކުދިންގެ މުސްތަޤުބަލު ބިނާކުރުމުގައި ކުދިންގެ ބައިވެރިވުން އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިއާރުކަމަށްވާ "މިއީ އަހަރެންގެ ދުވަސް، އަހަރެންގެ ޙައްޤުތައް، އަހަރެންގެ މުސްތަޤުބަލު" އަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކުޑަކުދިންގެ ދިރިއުޅުމާ ގުޅުންހުރި ނިންމުންތައް ނިންމުމުގައި އެކުދިންގެ އަޑު އިއްވުމަށް ދޭ ސަމާލުކަން އިތުރުކުރަންޖެހޭ ކަމަށެވެ.
ކުޑަކުދިންގެ ދުޅަހެޔޮކަމަށް ކުރިމަތިވާ ޒަމާނީ ނުރައްކާތަކުން އެކުދިން ރައްކާތެރިކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އިޝާރާތްކުރައްވައި، ދުންފަތް ކޮންޓްރޯލް ކުރުމަށް ގެނައި އިޞްލާޙުތަކާއި ޑިޖިޓަލް ރައްކާތެރިކަމަށް އެޅުނު ފިޔަވަޅުތައް ރައީސް ފާހަގަކުރެއްވިއެވެ.