އައްބާސް އިބްރާހީމަށް ދިވެހިބަހާއި އަދަބިއްޔާތަށް ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު

އައްބާސް އިބްރާހިމްއަކީ 67 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ކުޅަދާނަ ލިޔުންތެރިއެއް ވާހަކަދެއްކުންތެރިއެއް އަދި ޅެންވެރިއެކެވެ

އައްބާސް އިބްރާހިމްއަށް ދިވެހިބަހާއި އަދަބިއްޔާތަށް ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފުގެ އިނާމު ދެއްވަނީ -- ރައީސް އޮފީސް

ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، މ. ސިލްވަރކްލައުޑް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އަރުވައިފިއެވެ.

މި ޝަރަފު އެމަނިކުފާނަށް އެރުވީ، ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ބަހާއި އަދަބީ ޚިދުމަތްތައް

67 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ޢައްބާސް އިބްރާހީމަކީ ކުޅަދާނަ ލިޔުންތެރިއެއް ވާހަކަދެއްކުންތެރިއެއް އަދި ޅެންވެރިއެކެވެ. އޭނާގެ ފާހަގަކޮށްލެވޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި:

ނޫސްވެރިކަމާއި ތަރުޖަމާ - 1959 ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއަށް ވެދެވަޑައިގެން، ރޭޑިއޯއިން ބޭރުގެ ހަބަރުތައް އަޑުއައްސަވައިގެންނާއި ބޭރު ބަސްބަހުގެ ކުދި ވާހަކަތައް ބޭރު ބަސްތައް ނުހިމަނައި ރީތި ދިވެހިބަހުން ތަރުޖަމާ ކުރެއްވިއެވެ. އަދި 27 ނޮވެންބަރު 1979 ގައި ރޭޑިއޯ މޯލްޑިވްސްއާ އަލުން ގުޅިވަޑައިގެން ޕްރޮގްރާމްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި ދިވެހިބަހަށް ޚާއްޞަ އިސްކަމެއް ދެއްވިއެވެ.

ޤައުމީ މަރުކަޒުގެ ރައީސްކަން - 22 ޑިސެންބަރު 1996 ގައި ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ޤައުމީ މަޖިލީހުގެ (ފަހުން ޤައުމީ މަރުކަޒުގެ) ރައީސްކަމާ ހަވާލުވެވަޑައިގެން 12 އަހަރެއްހައި ދުވަހު ހިދުމަތް ކުރެއްވި އެވެ. މި މުއްދަތުގައި 2000 ވަނަ އަހަރު ދިވެހިބަސް ފޮތް ޑިޖިޓަލް ކުރައްވައި ކޮމްޕިއުޓަރުން ބޭނުންކުރެވޭ ގޮތަށް ބަދަލުކުރެއްވިއެވެ.

ޤުރްއާން ތަރުޖަމާއާއި އެކެޑަމީގެ މަސައްކަތް - ރައީސް އޮފީހުން ނެރުއްވި ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާގެ ބަސްތައް ފުރިހަމަކުރެއްވުމުގެ މަސައްކަތް ކުރެއްވިއެވެ. އަދި ދިވެހިބަހުގެ އެކެޑަމީގެ "ބަސްކޮމިޓީ" ގެ މެންބަރުކަން ކުރެއްވުމުގެ އިތުރުން، މިހާރުވެސް އެ އެކެޑަމީގެ ގަވާއިދު ކޮމިޓީގެ ރައީސްކަމާއި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަ އެންޑް ހެރިޓޭޖުގެ މުޝީރުކަމުގެ މަގާމު އަދާކުރައްވަމުން ގެންދަވައެވެ.

ލިބިވަޑައިގެންފައިވާ ޝަރަފާއި އިނާމުތައް:


ދައުލަތާއި އެކި މުއައްސަސާތަކުން ޢައްބާސް އިބްރާހީމްގެ ޚިދުމަތުގެ އަގުވަޒަންކޮށް މީގެކުރިންވެސް ގިނަ ޝަރަފުތަކެއް ވަނީ އަރުވާފައެވެ. އޭގެ ތެރޭގައި:

1985: ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު (ނޫސްވެރިކަމުގެ ރޮނގުން)

1990: މިނިވަން 25 ގެ އިނާމު

2004: ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު (ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން)

2013: ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު (26 ޖުލައި 2013 ގައި)

އައްބާސް އިބްރާހިމްއަށް ނޫސްވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން ދެއްވި "ރަން ގަލަން"، 75 އަހަރު ފުރުމާ ގުޅިގެން ދެއްވި "އަލިމަސް ގަލަން" އަދި މީޑިއާ ކައުންސިލުން ދެއްވި "ޙަޔާތުގެ އަރުތަ" އިނާމު ހިމެނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.