މިޔަންމާ އަސްކަރިއްޔާއިން 2017 ވަނަ އަހަރު ހިންގި މި ލާއިންސާނީ އަނިޔާތަކާ ގުޅިގެން 730,000 އަށްވުރެ ގިނަ ރޮހިންޔާ މުސްލިމުން އަވައްޓެރި ބަންގްލަދޭޝަށް ހިޖުރަކުރި އެވެ.

މިޔަންމާގެ ސަލާމަތީ ބާރުތަކުން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވަނީ ޤަތުލުއާންމެއް (ޖެނޮސައިޑެއް) ކަމަށް ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓު (އައިސީޖޭ) އިން ނިންމި ތާރީހީ ނިންމުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހޫނު މަރުހަބާއެއް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު އައިސީޖޭގެ 15 ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން 9 ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އިއްވި މި ޙުކުމުގައި ވަނީ، 2017 ވަނަ އަހަރު މިޔަންމާގެ އުތުރު ރަކައިން ސްޓޭޓުގައި އެ ޤައުމުގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނަކީ ރޮހިންޔާ ދަރިކޮޅުގެ ބޮޑު ބައެއް ނައްތާލުމުގެ ޤަސްތުގައި ހިންގި ޢަމަލުތަކެއްކަން ސާފުކޮށް އެނގެން އޮތް ކަމަށް ކަނޑައަޅާފައެވެ.
މި ނިންމުމާ ގުޅިގެން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އައިސީޖޭގެ މި ޙުކުމަކީ 'ޖެނޮސައިޑް ކޮންވެންޝަން' ނެގެހެއްޓުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނީ ޒިންމާތައް ތަންފީޒުކޮށް އިންސާފު ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި މައްސަލައިގެ ތެރެއަށް ދިވެހިރާއްޖެއިންވެސް ތަދައްޙުލުވެފައިވާކަން ފާހަގަކުރައްވައި، މިފަދަ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ކޯޓުގެ ހުކުމުގައި ތަފްސީލުކޮށްދީފައިވާ ގޮތުގައި މިޔަންމާގެ ސަލާމަތީ ބާރުތަކުން ވަނީ ރޮހިންޔާ މީހުން މެރުމާއި، ޖިސްމާނީ އަދި ނަފްސާނީ ބޮޑެތި އަނިޔާތައް ދިނުމުގެ އިތުރުން އެ ދަރިކޮޅުގެ ދަރިމައިވުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. އަދި އަހަރުތަކެއް ވަންދެން ހިންގި ނަފްރަތުގެ ކެމްޕޭންތަކާއި، އަވަށްތަކުގައި ހުޅުޖެހުމާއި، އަންހެނުންނާއި ކުޑަކުދިންނަށް އަމާޒުކޮށް ހިންގި ޖިންސީ އަދި ޖިސްމާނީ އަނިޔާތަކަކީ ޖެނޮސައިޑް ކޮންވެންޝަނާ ޚިލާފަށް، އެ ނަސްލު ނައްތާލުމުގެ ނިޔަތުގައި ހިންގާފައިވާ ޖަރީމާތަކެއް ކަމަށް ކޯޓުން ނިންމިއެވެ.
މިޔަންމާ އަސްކަރިއްޔާއިން 2017 ވަނަ އަހަރު ހިންގި މި ލާއިންސާނީ އަނިޔާތަކާ ގުޅިގެން 730,000 އަށްވުރެ ގިނަ ރޮހިންޔާ މުސްލިމުން އަވައްޓެރި ބަންގްލަދޭޝަށް ހިޖުރަކުރި އެވެ.