ދިވެހި ޑިވެލޮޕަރުންނާއި ޑިޒައިނަރުން އަދި އޮންލައިންކޮށް ޚިދުމަތްދޭ ފަރާތްތަކަށް، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ކްލައިންޓަކަށްވެސް ފަސޭހަކަމާއެކު ޚިދުމަތް ދީ، އޭގެ އުޖޫރަ ސީދާ ޑޮލަރުން ހޯދޭނެ އެވެ.

ރާއްޖޭން ބޭރަށް ވިއްކާ އުފެއްދުންތަކުގެ ސޭލްސް އަންނަ މަހުން ފެށިގެން ބީއެމްއެލް ގޭޓްވޭއިން ބަލައިގަނެވޭ ގޮތް ވާނެ ކަަމަށް ސަރުކާރުން ބުނެފި އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ބާއްވާ ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު، މޯލްޑިވްސް އެކްސްޕޯގައި އޮންނަ "އެސްއެމްއީ އެވޯޑް" ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ ފްރީލާންސަރުންނާއި، ޑިޖިޓަލް އާޓިސްޓުން އަދި ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ބާޒާރުގައި ވާދަކޮށް އާމްދަނީ ހޯދުމަށް އޮތް އެންމެ ބޮޑު ހުރަސް ނައްތާލައި، ބައިނަލްއަޤްވާމީ މާކެޓުގެ ދޮރުތައް މިވަނީ ހުޅުވާލާފައެވެ.
ރައީސް ޑރ. މުޢިއްޒު އިޢުލާނުކުރެއްވި ގޮތުގައި އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ސީދާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެއެވެ.
މި ބަދަލާއެކު ލިބޭނެ ފަސޭހަތައް
ބޯޑަރުތައް ނެތިދިއުން - ދިވެހި ޑިވެލޮޕަރުންނާއި ޑިޒައިނަރުން އަދި އޮންލައިންކޮށް ޚިދުމަތްދޭ ފަރާތްތަކަށް، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ކްލައިންޓަކަށްވެސް ފަސޭހަކަމާއެކު ޚިދުމަތް ދީ، އޭގެ އުޖޫރަ ސީދާ ޑޮލަރުން ހޯދޭނެއެވެ.
ލޯކަލް ބްރޭންޑްތައް ބޭރަށް ވިއްކުން - ދިވެހި އުފެއްދުންތެރިން (މިސާލަކަށް ދިވެހި އަތްތެރި މަސައްކަތާއި ފޭރާން އުފައްދާ ފަރާތްތައް) އޮންލައިންކޮށް ބޭރު މީހުންނަށް މުދާ ވިއްކައިގެން ލިބޭ އާމްދަނީ ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ޑޮލަރުން އެކައުންޓަށް ޖަމާކުރެވޭނެ އެވެ.
ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުން - ޑިޖިޓަލް މަސައްކަތްކުރާ ފަރާތްތަކަށް ކޮންމެހެން ބޭނުންވާ ސޮފްޓްވެއަރތަކާއި (މިސާލަކަށް އެޑޯބީ ކްރިއޭޓިވް ކްލައުޑް، ވެބް ހޯސްޓިންގ) ޓޫލްސްތަކަށް ފައިސާ ދެއްކުމަށް، ލިބޭ ޑޮލަރު އެއްވެސް ދަތިކަމެއް ނެތި ކާޑު މެދުވެރިކޮށް ބޭނުންކުރެވޭނެއެވެ.
ބޭރުން މުދާ ހޯދުން - ވިޔަފާރިއަށް ބޭނުންވާ ރޯމެޓީރިއަލް އާއި މެޝިނަރީ ފަދަ ތަކެތި ބޭރުން ގަތުމަށް، ލިބޭ ޑޮލަރު ބޭނުންކުރެވޭނެ މަގު ތަނަވަސްވެގެން ދިއުމަކީ އުފެއްދުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.
މި ބަދަލަކީ ގޭގައި ތިބެގެން އޮންލައިންކޮށް އާމްދަނީ ހޯދާ ޒުވާނުންނަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. މިއީ ރާއްޖޭގައި ޑިޖިޓަލް އިކޮނޮމީއެއް ބިނާކުރުމަށް އެޅޭ ވަރަށް ވަރުގަދަ ބިންގަލެކެވެ. އަދި ސަރުކާރުގެ އަމާޒާ އެއްގޮތަށް، މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އާމްދަނީ އިތުރުވެ، ފަރުދީ ގޮތުން މާލީ ބާރުވެރިކަން ލިބިގެންދާނެ އެވެ.