ގައުމީ ފެން ކުންފުނިން ބުނީ މޫދު އަޑިން ފެން ނަގައިގެން މީރު ފެނަށް ބަދަލުކުރުމުގެ (ސަބްސީ ޑީސެލިނޭޝަން) ފީސިބިލިޓީ ސްޓަޑީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ފްލޯޝަން ގެ ޓެކްނިކަލް ޓީމަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ރާއްޖޭގެ ތާރީހުގައި މާކަނޑުގެ ފުނުން ފެން ނަގައިގެން ހައިކޮލިޓީ ފެން އުފައްދަން ފެން ކުންފުނިން ފަށާ މަޝްރޫއުގެ އަމަލީ ދިރާސާ ފަށައިފި އެވެ.
ގައުމީ ފެން ކުންފުނިން ބުނީ މޫދު އަޑިން ފެން ނަގައިގެން މީރު ފެނަށް ބަދަލުކުރުމުގެ (ސަބްސީ ޑީސެލިނޭޝަން) ފީސިބިލިޓީ ސްޓަޑީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ފްލޯޝަން ގެ ޓެކްނިކަލް ޓީމަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. މި ދަތުރުގެ ތެރެއިން އެ ޓީމުން ވަނީ ދިރާސާއަށް ބޭނުންވާ ފެނުގެ ސާމްޕަލްތައް ކަނޑުގެ 500 މީޓަރު އަޑިން ނަގާފައެވެ. މިގޮތުން ނެގުނު ފެނަކީ މިހާތަނަށް ފެނުނު އެންމެ ސާފު ކަނޑުގެ ފެން ކަމަށް އެ ޓީމުން ވަނީ ފާހަގަކޮށްފައެވެ.
ފެން ކުންފުނިން ބުނި ގޮތުގައި ކަނޑުގެ އެހާ ފުންމިނުން ނެގުނު މި ސާމްޕަލްތަކުގެ އެހީގައި، މީރުފެން އުފައްދަން ބޭނުންކުރާ ފީޑް ވޯޓަރ (Feed water) އަށް ކަނޑައެޅިފައިވާ ކޮލިޓީ ސްޓޭންޑަޑްތަކަށް މި ފެން ފެތޭތޯ ކަށަވަރުކުރުމަށްޓަކައި ލެބޯޓަރީގައި ފުޅާދާއިރާއެއްގައި ޓެސްޓުތައް ކުރިއަށް ގެންދާނެ އެވެ.
ކަނޑުގެ އަޑީގައި ވޯޓާ ޕްލާންޓެއް ބަހައްޓައިގެން ފެން އުފެއްދުމުގެ މި ބޮޑު މަޝްރޫއު ކުރިއަށްގެންދަނީ މި ދާއިރާގެ ބޮޑު ތަޖުރިބާއެއް ލިބިފައިވާ ނޯވޭގެ ކުންފުންޏަކާ ގުޅިގެންނެވެ.
އާންމުކޮށް ބޯހޯލުން ނަގާ ލޮނަށްވުރެ ކަނޑުގެ 500 މީޓަރު އަޑިން ލިބޭ ލޮނު މާބޮޑަށްވެސް ސާފުވާނެކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ އޭގައި އޯގަނިކް މެޓީރިއަލްސް މަދުވުމުގެ ސަބަބުން ފެން އުފެއްދުމުގެ އެފިޝިއެންސީ އިތުރުވެ، ކުރަންޖެހޭ ހަރަދުތައް ބޮޑު ތަނުން ކުޑަ ވެގެންދާނެ އެވެ.
އެންމެ ފުރަތަމަ މި ވާހަކަ ދެކެވުމުން ބައެއް ފަރާތްތަކުން ސުވާލު އުފެއްދި ނަމަވެސް، މިއީ އެމްޑަބްލިޔުއެސްސީގެ ފެން އުފެއްދުމުގެ ޤާބިލުކަން އެތައް ގުނައެއް ހަރުދަނާކޮށްދޭނެ ކާމިޔާބު މަސައްކަތަކަށް ވާނެކަމުގެ ޔަޤީންކަން އޭނާ ދެއްވި އެވެ.
ރާއްޖޭގައި އާއްމުކޮށް ފެން އުފައްދަނީ ޑީސެލިނޭޝަން ޕްލާންޓްތަކުގައި ލޮނުފެން އެއްގަމަށް ޕަމްޕުކުރުމަށްފަހު ފިލްޓްރޭޝަން މެމްބްރޭންތަކުގެ ތެރެއިން ފެން ފޮނުވުމަށްޓަކައި ގިނަ އަދަދެއްގެ ހަކަތަ ބޭނުންކޮށްގެންނެވެ. ނަމަވެސް އެއާ ޚިލާފަށް، މި ހުށަހެޅިފައިވާ ނިޒާމުގައި ފެން އުފެއްދުމުގެ މަރުހަލާގެ ބޮޑު ބައެއް ކުރިއަށް ގެންދާނީ ކަނޑުގެ ވަރަށް އަޑީގަ އެވެ.
މި މަޝްރޫއު ކުރިއަށް ގެންދަނީ ނޯވޭގެ ކުންފުންޏެއް ކަމަށްވާ "ފްލޯޝަން" އިން ތަރައްޤީކޮށްފައިވާ ސަބްސީ ޑީސެލިނޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. މި މަޝްރޫއު 2027 ވަނަ އަހަރުގެ މެދުތެރޭގައި ނިންމާނެ އެވެ.