މި ބޮޑު މަޝްރޫއު ކުރިއަށްގެންދަނީ މި ދާއިރާގެ ބޮޑު ތަޖުރިބާއެއް ލިބިފައިވާ ނޯވޭގެ ކުންފުންޏަކާއި ފެން ކުންފުނި ގުޅިގެންނެވެ. މި ހިސާބުން ނަގާ ފެނުގެ ކޮލެޓީ އެވެ. މަޝްރޫއު އަންނަ އަހަރު ނިންމާނެ އެވެ.

ގިރާވަރުފަޅާ ދިމާ ބޭރު ކަނޑުގެ 500 މީޓަރު އަޑީގައި ޕްލާންޓެއް ގާއިމުކޮށްގެން ފެން އުފެއްދުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ފެށުމަށް ތައްޔާރުވެ، އެކަމުގެ ދިރާސާ ނިމުމަކާ ގާތް ވެއްޖެ އެވެ.
ނޫސްވެރިންނާއެކު ގައުމީ ފެން ކުންފުނިން ބޭއްވި ބައްދަލުވުމެއްގައި މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި މިހާރު ވެސް ކާމިޔާބުކަމާއެކު ބޭނުންކުރަމުން އަންނަ މި ޓެކްނޮލޮޖީ ރާއްޖެ އަށް ތަޢާރަފުކުރުމަށް ހަދަންޖެހޭ ސާވޭތައް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.
ކަނޑުގެ އަޑީގައި ވޯޓާ ޕްލާންޓެއް ބަހައްޓައިގެން ފެން އުފެއްދުމުގެ މި ބޮޑު މަޝްރޫއު ކުރިއަށްގެންދަނީ މި ދާއިރާގެ ބޮޑު ތަޖުރިބާއެއް ލިބިފައިވާ ނޯވޭގެ ކުންފުންޏަކާ ގުޅިގެންނެވެ.
އާންމުކޮށް ބޯހޯލުން ނަގާ ލޮނަށްވުރެ ކަނޑުގެ 500 މީޓަރު އަޑިން ލިބޭ ލޮނު މާބޮޑަށްވެސް ސާފުވާނެކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ އޭގައި އޯގަނިކް މެޓީރިއަލްސް މަދުވުމުގެ ސަބަބުން ފެން އުފެއްދުމުގެ އެފިޝިއެންސީ އިތުރުވެ، ކުރަންޖެހޭ ހަރަދުތައް ބޮޑު ތަނުން ކުޑަ ވެގެންދާނެ އެވެ.
އެންމެ ފުރަތަމަ މި ވާހަކަ ދެކެވުމުން ބައެއް ފަރާތްތަކުން ސުވާލު އުފެއްދި ނަމަވެސް، މިއީ އެމްޑަބްލިޔުއެސްސީގެ ފެން އުފެއްދުމުގެ ޤާބިލުކަން އެތައް ގުނައެއް ހަރުދަނާކޮށްދޭނެ ކާމިޔާބު މަސައްކަތަކަށް ވާނެކަމުގެ ޔަޤީންކަން އޭނާ ދެއްވި އެވެ.

ރާއްޖޭގައި އާއްމުކޮށް ފެން އުފައްދަނީ ޑީސެލިނޭޝަން ޕްލާންޓްތަކުގައި ލޮނުފެން އެއްގަމަށް ޕަމްޕުކުރުމަށްފަހު ފިލްޓްރޭޝަން މެމްބްރޭންތަކުގެ ތެރެއިން ފެން ފޮނުވުމަށްޓަކައި ގިނަ އަދަދެއްގެ ހަކަތަ ބޭނުންކޮށްގެންނެވެ. ނަމަވެސް އެއާ ޚިލާފަށް، މި ހުށަހެޅިފައިވާ ނިޒާމުގައި ފެން އުފެއްދުމުގެ މަރުހަލާގެ ބޮޑު ބައެއް ކުރިއަށް ގެންދާނީ ކަނޑުގެ ވަރަށް އަޑީގަ އެވެ.
މި މަޝްރޫއު ކުރިއަށް ގެންދަނީ ނޯވޭގެ ކުންފުންޏެއް ކަމަށްވާ "ފްލޯޝަން" އިން ތަރައްޤީކޮށްފައިވާ ސަބްސީ ޑީސެލިނޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. މި މަޝްރޫއު 2027 ވަނަ އަހަރުގެ މެދުތެރޭގައި ނިންމާނެ އެވެ.

މީގެ ނިޒާމެއް ނޯވޭ ކުންފުނިން ވަނީ ރެޑްސީގައި ބަހައްޓާފަ އެވެ. މި މެޝިން ބަހައްޓަނީ ކަނޑުގެ 200 މީޓަރަށްވުރެ ފުން ހިސާބުތަކުގަ އެވެ. އެ ހިސާބުތަކަށް އިރުގެ އަލި ނުލިބޭތީ ފެން ނުބައި ކުރާ ބެކްޓީރިއާއާއި ފެއްސެއް ނުހުރެ އެވެ. އެހެންކަމުން ކެމިކަލް އަޅައިގެން ފެން ސާފުކުރާކަށް ނުޖެހެ އެވެ. މީގެ އިތުރުން ފުންމިނުގައި ހުންނަ ގުދުރަތީ ޕްރެޝަރުގެ (40 އިން 50 ބާރު) އެހީގައި ޕަމްޕުތަކުން ފެން ދަމައިގަތުމަށް ފަސޭހަވެ، ހަކަތަ ބޭނުންވާ މިންވަރު 30% އާއި 50% އާ ދެމެދުގެ މިންވަރަކަށް ކުޑަކޮށްދެ އެވެ.
އަގުހެޔޮވުން - ހަކަތައަށް ކުރާ ހޭދަ ކުޑަވުމާއެކު، ފެން އުފެއްދުމަށް ހިނގާ ހަރަދު ދެބައިކުޅަ އެއްބަޔަށް ކުޑަވެއެވެ.
ތިމާވެއްޓާ ރައްޓެހިވުން - ކެމިކަލް ބޭނުން ނުކުރުމާއި، ބޭރުކުރާ ލޮނުގަނޑު (ގްރީން ކޮންސެންޓްރޭޓް) ފަސޭހައިން ކަނޑާ އެކުވެގެންދާތީ ކަނޑުގެ ދިރުންތަކަށް ގެއްލުމެއް ނުލިބެއެވެ.
ޖާގަ ކުޑަވުން - އެއްގަމުގައި ޕްލާންޓްތައް ބަހައްޓަން ބޭނުންވާ ޖާގައިގެ 95% މި ނިޒާމުގެ ސަބަބުން ސަލާމަތްވެއެވެ.
މި މަޝްރޫއަކީ އެލެކްސެންޑަ ފުގްލެސަން އިސްވެ ހުރެ، ފްލޯޝަން އޭއެސް އިން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މިހާރު މި ނިޒާމުގެ ފުރަތަމަ ޕްލާންޓް ޓެސްޓުކުރުމަށް ރެޑް ސީ ސަރަހައްދަށް ވަނީ ފޮނުވާފަ އެވެ. މި ނިޒާމު އެންމެ ކާމިޔާބުކަމާއެކު ބޭނުންކުރެވޭނީ އައްސޭރިފަށުން ފެށިގެން 10 ކިލޯމީޓަރުގެ ތެރޭގައި 400 މީޓަރުގެ ފުންމިން ލިބެން ހުންނަ ސަރަހައްދުތަކުގަ އެވެ. ފެން އުފައްދާ މާކެޓް 2030 ވަނަ އަހަރާ ހަމައަށް ދެގުނަ ބޮޑުވާނެކަމަށް ލަފާކުރެވޭއިރު، ފްލޯޝަންގެ އަމާޒަކީ މި ދާއިރާގެ ލީޑަރަކަށް ވުމެވެ.