މި މައްސަލައިގައި ވަގުތީ އަމުރަކަށް އެދުމަށާއި، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ވެސް ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ އިހުތިސޯސްގައި ހިމެނޭ 14 ބިމެއް ސަރުކާރަށް ނަގަން ނިންމުމާ ގުޅިގެން، އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ކައުންސިލުން ނިންމައިފި އެވެ.
މި ނިންމުން ނިންމާފައިވަނީ ކައުންސިލުން ރޭ ބޭއްވި ކުއްލި ޖަލްސާއެއްގަ އެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ސަރުކާރުން ނަގަން ނިންމާފައިވާ ބިންތަކަކީ ކައުންސިލަށް އާމްދަނީ ލިބޭ ބިންތަކެއް ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދަތިތަކަކާ ކުރިމަތިވާނެ ކަމަށެވެ.
އަދި ބަޖެޓު އެކުލަވާލާފައި ވަނީ އެ ބިންތަކުން ލިބޭނެ އާމްދަނީއަށް ބިނާކޮށް ކަމަށްވާތީ، އެ ފައިސާ ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، މި މައްސަލައިގައި ވަގުތީ އަމުރަކަށް އެދުމަށާއި، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ވެސް ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރު މީކާއީލް މުހައްމަދު ރިޔާޒް ވިދާޅުވީ، މި އަމަލަކީ ލާމަރުކަޒީ ނިޒާމު ފުނޑާލުމަށް ސަރުކާރުން ގަސްދުގައި ކުރާ ކަމެއް ކަމަށާއި، މިއީ ތަރައްގީގެ ނަމުގައި ހިންގާ ސްކޭމެއް ކަމަށެވެ.
އަދި ބިންތައް ނެގުމުގައި ކައުންސިލާ މަޝްވަރާކޮށްފައި ނުވާކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު ހުސައިން ފުރުޝާން ފާހަގަކުރެއްވި އެވެ. ސަރުކާރުން ނަގަން ނިންމާފައިވާ ބިންތަކުގެ ތެރޭގައި މަސް މާރުކޭޓާއި، ސަލްޓަން ޕާކާއި، އަދި ކާނިވާ ސަރަހައްދު ވެސް ހިމެނެ އެވެ.