ފުލުހުން ހިންގި މި އޮޕަރޭޝަންގައި މާދޫގެއިން 826 ފުޅި ބަނގުރާ ވަނީ އަތުލައިގެންފަ އެވެ.

ފުޅާ ދާއިރާއެއްގައި މާލެ ތެރެއަށް ބަނގުރާ ސަޕްލައި ކުރާ ނެޓްވޯކަކަށް އަމާޒުކޮށް އިއްޔެ ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި ތިން މީހުން ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި އޮޕަރޭޝަން ހިންގާފައި ވަނީ ހ. މާދޫގޭގަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ ތިން ރައްޔިތެއް ކަމަށްވާ އަލް އަމީން 34، އާއި ޕޮލިން 43، ގެ އިތުރުން އެމްޑީ ރަކިބް ހޮސެން 25، އެވެ.
ފުލުހުން ބުނީ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަލް އަމީން އަދި ޕޮލިން ފަސް ދުވަހަށް އަދި ރަކިބް ހޮސެން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަންގައި މާދޫގެއިން 826 ފުޅި ބަނގުރާ ވަނީ އަތުލައިގެންފަ އެވެ.
ފުލުހުން އިއްޔެ ވަނީ ނޫސްވެރިންނަށް އެގެއިން އަތުލައިގަތް ތަކެތި ވެސް ދައްކާލާފަ އެވެ. އޮފީހެއް ގޮތަށް ހަދާފައި ހުރި އެތަނުގެ ތެރޭގައި އެކި ބްރޭންޑްތަކުގެ ބަނގުރާ ކޭސްތައް އަތުރާފައި ހުއްޓެވެ.