މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަހުމަދު އަދި އަބޫ ތާހިރު އެވެ. މީގެ ތެރެއިން އެމްޑީ މަސްއޫދު މިމަހުގެ 11 ވަނަ ދުވަހު ބަންދުކޮށްފައިވާއިރު، އަބޫ ތާހިރު ބަންދުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް، ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި އިތުރު ދެ ބިދޭސީން ހައްޔަރު ކޮށްފި އެވެ.
މިފަދަ ފަރާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އާންމުންގެ ފަރާތުން އެދިފަ އެވެ.
ފުލުހުން ރޭ ބުނީ، އެ މައުލޫމާތު ހިއްސާ ކުރާ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިމިގްރޭޝަނާއެކު ކުރި މަސައްކަތުން، ހުއްދަނެތި އަދި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ ރައްޔިތަކު އިމިގްރޭޝަންގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަހުމަދު އަދި އަބޫ ތާހިރު އެވެ. މީގެ ތެރެއިން އެމްޑީ މަސްއޫދު މިމަހުގެ 11 ވަނަ ދުވަހު ބަންދުކޮށްފައިވާއިރު، އަބޫ ތާހިރު ބަންދުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށް ގެންދާއިރު، މި ދެ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
ގާނޫނާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ ތަންތަނުގެ މައުލޫމާތު ހިއްސާ ކުރަން ފުލުހުން އެދިފައިވާއިރު، ލައިސެންސް ނެތި ހިންގާ މަނީ އެކްސްޗޭންޖް އޮފީހެއް މިމަހުގެ އެއްވަނަ ދުވަހު ފުލުހުން ވަނީ ފުރަތަމަ ފަހަރަށް ރެއިޑްކޮށް، އެތަނުގެ ބޭންކް އެކައުންޓުތައް ފްރީޒްކޮށްފަ އެވެ. އެއީ "ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް" ކިޔާ ކުންފުންޏެކެވެ.
ފުލުހުން ވަނީ ގަވާއިދާ ހިލާފަށް، ހުއްދަ ނެތި ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތް ކުރަމުން ދިޔަ ހަ ބިދޭސީއަކު ވެސް މީގެ ކުރިން އަތުލައިގެންފަ އެވެ.