މިއީ 2024ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި "އައު ފޮރިން އިންވެސްޓްމެންޓް" ޤާނޫނޫގެ ދަށުން އެޅި ފިޔަވަޅެކެވެ.

ދިވެހިންނަށް ޚާއްސަ ކުރެވިފައިވާ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ބޭރުގެ 28 ކުންފުންޏެއްގެ މަސައްކަތް ހުއްޓުވައި އެ ކުންފުނިތައް އުވާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މި ފިޔަވަޅު އެޅީ ދިވެހިންނަށް ފުރުސަތު ދިނުމުގެ ސިޔާސަތުގެ ދަށުން ޤާނޫނުގެ ދަށުން ރަޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ލިބިފައިވާ ބާރުގެ ދަށުނެވެ. މި ބާރު ލިބިފައިވަނީ ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމެންޓްސް ނުވަތަ ދިވެހި ރާއްޖޭގައި އިންވެސްޓް ކުރުމުގެ ޝަރުތުތައް ޝާޢިއުކޮށްފައި މިދިޔަ އަހަރު ނެރުނު ގަވައިދާއެކުފަ އެވެ. މިއީ 2024ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި "އައު ފޮރިން އިންވެސްޓްމެންޓް" ޤާނޫނޫގެ ދަށުން އެކުލަވާލެވުނު ޝަރުތުތަކެކެވެ.
އުވާލަން ނިންމި ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގައި ވިޔަފާރިކުރާތާ 27 އަހަރުވީ ބޭރު ކުންފުންޏެއްވެސް ހިމެނެ އެވެ. އެ ކުންފުންޏަކީ އޯޝަން އެއާ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ހަރަކާތްތެރިވަމުން ދިޔަ ކުންފުންޏެކެވެ. މީގެ އިތުރުން ޔުނިވާސަލް އޭވިއޭޝަންގެ ނަމުގައި އެއާފްލައިޓުގެ ވިޔަފާރީގައި އުޅުނު ކުންފުންޏެއްވެސް ހިމެނެ އެވެ. އަދި ޝިޕިން އެންޑް ލޮޖިސްޓިކްގައި ހަރަކާތްތެރިވި ފްލައިޓް ބްރައިޑް އިންޓަނޭޝަނަލް ކުންފުނިވެސް ހިމެނެ އެވެ.
މި ގަވައިދާ ބެހޭ ގޮތުން އާ ފޮރިން އިންވެސްޓްމަންޓް ގާނޫނުން ބާރު ލިބިގެން ހެދި ގަވައިދާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި މި ބަދަލު ގެނައީ ބިޒްނަސް ކައުންސިލްގައި ސްޓޭކްހޯލްޑަރުންނާއެކު ގިނަ މަޝްވަރާ ތަކެއް ކުރުމަށްފަހު ކަމަށާ، މި މަޝްވަރާތަކުގައި އިންޑަސްޓްރީން އެދުނު ގޮތަށް މި ބަދަލު ގެންނަން ނިންމާފައިވާ ކަމަށާ މިއީ ދިވެހިންނަށް ފަހި ފުރުސަތުތަކެއް ދޭން ގެނެވުނު ބަދަލެކެވެ.
"ބިޒްނަސް ކައުންސިލްގައި ފުޅާކޮށް ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާ ކުރެވި އެ ބޭފުޅުން ގެންނަން ބޭނުންވި ބަދަލުތަކެއް މިއީ. ވަރަށް ބޮޑު ކޮންސެލްޓެންޓިވް ޕްރޮސެސްއަކަށްފަހު މި ބަދަލު ގެންނަނީ. މީގެ ކުރިން ދުވަހަކު ވެސް ނުގެންދާ ލެވަލްގައި ގެންދިޔައިން. ރާއްޖޭގެ ލޯޔަރުންނާއި ވިޔަފާރިތަކާ މަޝްވަރާކޮށް ކެބިނެޓުންވެސް މަޝްވަރާކުރި. އަދި އޭގެ ފަހުން ވެސް ބިޒްނަސް ކައުންސިލްގެ ލޯޔަރުންނާއެކު ވެސް ބައްދަލުވުންތައް ބޭއްވުނު،" ސައީދު ވިދާޅުވި އެވެ.
މި ބަދަލާއެކު ބޭރުގެ ފޮރިން އިންވެސްޓަރުންނަށް ބަންދު ކުރާ ދާއިރާތަކުގައި މިހާރު ތިބި އިންވެސްޓަރުން މި ދާއިރާ އިން ނުކުންނަން "ޓްރާންސިޝަން ޕީރިއަޑެއް" ދީފައިވެ އެވެ. މި ބައި ވަނީ ހަތަރު ކެޓަގަރީއަކަށް ބަހާލާފަ އެވެ. މިގޮތުން މި ކުންފުނިތައް ނުކުނަން އެއް އަހަރާއި ހަތް އަހަރުގެ މުއްދަތެއް ދޭނެ އެވެ. މީގެ އިތުރުން އިންވެސްޓްމަންޓުން އިންވެސްޓްކޮށްފައިވާ އަދަދަށް ވެސް ލިޔެކިޔުންތަކުގެ އަލީގައި އިކޮނޮމިކް މިނިސްޓްރީން ބަލާނެ އެވެ.