މި ބަދަލާއެކު ފޮރިން އިންވެސްޓްމަންޓުގެ ގޮތުގައި މިހާރު ހުރި ބައެއް ދާއިރާތައް ދިވެހިންނަށް ހާއްސަ ވެގެންދާނެ އެވެ. އަދި މިހާރު ތިބި ކުންފުނިތަކަށް ޓްރާންސިޝަން ޕީރިއަޑްގެ ގޮތުގައި ބަދަލުވާން މުއްދަތެއް ދީފައިވެ އެވެ.
ރާއްޖެއަކީ އަބަދު ވެސް ފޮރިން އިންވެސްޓްމަންޓަށް ފަހި ގައުމެވެ. ނަމަވެސް ރާއްޖޭގެ ގާނޫނުތައް ހުރި ގޮތުން "ގާނޫނުތަކުގައި ހުރި ލޯވަޅުތައް" ބޭނުންކޮށްގެން ވަދެ ބިދޭސީން ދަނީ ދިވެހިންނަށް ހަރަކާތެރިވެވޭމެ ނުވެވޭނެ ފޮރިން ޑައިރެކްޓް އިންވެންސްޓްމަންޓް (އެފްޑީއައި) ތަކުގައި މަސައްކަތް ކުރަމުންނެވެ. އެހެންވެ، ދިވެހި ގިނަ ކުންފުނިތަކަށް ފުރުސަތު ގެއްލި ދަނީ ހަވާސާވަމުންނެވެ. އެހެންވެ ދިވެހިންނަށް ހާއްސަކޮށް ބިދޭސީންނަށް ހަރަކާތްތެރި ނުވެވޭ ގޮތަށް އެފްޑީއައި ލިސްޓެއް ހަދައި އިކޮނޮމިކް މިނިސްޓްރީން ނެރެފި އެވެ.
އާ ފޮރިން އިންވެސްޓްމަންޓް ގާނޫނުން ބާރު ލިބިގެން ހެދި ގަވައިދާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި މި ބަދަލު ގެނައީ ބިޒްނަސް ކައުންސިލްގައި ސްޓޭކްހޯލްޑަރުންނާއެކު ގިނަ މަޝްވަރާ ތަކެއް ކުރުމަށްފަހު ކަމަށާ، މި މަޝްވަރާތަކުގައި އިންޑަސްޓްރީން އެދުނު ގޮތަށް މި ބަދަލު ގެންނަން ނިންމާފައިވާ ކަމަށާ މިއީ ދިވެހިންނަށް ފަހި ފުރުސަތުތަކެއް ދޭން ގެނެވުނު ބަދަލެކެވެ.
"ބިޒްނަސް ކައުންސިލްގައި ފުޅާކޮށް ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާ ކުރެވި އެ ބޭފުޅުން ގެންނަން ބޭނުންވި ބަދަލުތަކެއް މިއީ. ވަރަށް ބޮޑު ކޮންސެލްޓެންޓިވް ޕްރޮސެސްއަކަށްފަހު މި ބަދަލު ގެންނަނީ. މީގެ ކުރިން ދުވަހަކު ވެސް ނުގެންދާ ލެވަލްގައި ގެންދިޔައިން. ރާއްޖޭގެ ލޯޔަރުންނާއި ވިޔަފާރިތަކާ މަޝްވަރާކޮށް ކެބިނެޓުންވެސް މަޝްވަރާކުރި. އަދި އޭގެ ފަހުން ވެސް ބިޒްނަސް ކައުންސިލްގެ ލޯޔަރުންނާއެކު ވެސް ބައްދަލުވުންތައް ބޭއްވުނު،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި މި ބަދަލާއެކު ދިވެހި ކޮންޓްރެކްޓަރުންނަށް ފުރުސަތު ފަހި ވެގެންދާނެ އެވެ.
"މިއީ ދިވެހިންނަށް ހަރަކާތްތެރިވާން ލިބޭ ފަހި ފުރުސަތެއް. މީގެ 40 އަހަރު ކުރިން 40،000 ޑޮލަރުވެސް ކޮންޓްރެކްޓަރުންނަށް ބޮޑުވެދާނެ. އެކަމަކު މިހާރު އެބަހުރި 200 މިލިއަން ޑޮލަރުގެ މަޝްރޫއު ހިންގާ ދިވެހި ކުންފުނިތައް. އެ ކުންފުނިތައްވެސް ކޮންމެވެސް ޑެޓެއް [ދަރަނީގެ ވަސީލަތެއް ނަގައިގެން] ކްރިއޭޓްކޮށްގެން މަސައްކަތް ކުރަނީ. މިހާރު އެ ބޭފުޅުނަށް މި ފުރުސަތު ލިބެނީ ދިވެހިންނަށް ނަގައިގެން ދިވެހި އެހެން ކުންފުނިތަކަށް މަޝްރޫއު ސަބްކޮންޓްރެކްޓްކޮށްގެން ވެސް ކުރުމުގެ ފުރުސަތު،" ސައީދު ވިދާޅުވި އެވެ.
މި ބަދަލާއެކު ބޭރުގެ ފޮރިން އިންވެސްޓަރުންނަށް ބަންދު ކުރާ ދާއިރާތަކުގައި މިހާރު ތިބި އިންވެސްޓަރުން މި ދާއިރާ އިން ނުކުންނަން "ޓްރާންސިޝަން ޕީރިއަޑެއް" ދީފައިވެ އެވެ. މި ބައި ވަނީ ހަތަރު ކެޓަގަރީއަކަށް ބަހާލާފަ އެވެ. މިގޮތުން މި ކުންފުނިތައް ނުކުނަން އެއް އަހަރާއި ހަތް އަހަރުގެ މުއްދަތެއް ދޭނެ އެވެ. މީގެ އިތުރުން އިންވެސްޓްމަންޓުން އިންވެސްޓްކޮށްފައިވާ އަދަދަށް ވެސް ލިޔެކިޔުންތަކުގެ އަލީގައި އިކޮނޮމިކް މިނިސްޓްރީން ބަލާނެ އެވެ.
ހިޖުރަކުރަން ދޭ މުއްދަތާއި ވިޔަފާރިތައް
ކަނޑު ދަތުރުފަތުގެ ދާއިރާ - މި ފޮރިން އިންވެސްޓްމަންޓްތައް ހިޖުރަ ކުރަން 7-3 އަަހަރުގެ މުއްދަތެއް ލިބޭނެ އެވެ. ފަސް މިލިއަން ޑޮލަރަށްވުރެ ދަށުގެ އިންވެސްޓްމަންޓަށް ތިން އަހަރު ލިބޭނެ އެވެ. އަދި 10 މިލިއަނާއި ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކޮށްގެން ތިބި ފަރާތްތަކަށް ފަސް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. މީގެ އިތުރުން 10 މިލިއަން ޑޮލަރަށްވުރެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖޭން ހިޖުރަ ކުރަން ހަތް އަހަރުގެ މުއްދަތެއް ދޭނެ އެވެ. އަދި މި މުއްދަތުގައި ފުޅާކުރަން އިތުރު ފުރުސަތެއް ނުދޭނެ އެވެ.
އެތެރޭގެ މުދާ އުފުލުގެ ދާއިރާ - މި ފޮރިން އިންވެސްޓްމަންޓްތައް ހިޖުރަ ކުރަން 7-3 އަަހަރުގެ މުއްދަތެއް ލިބޭނެ އެވެ. ފަސް މިލިއަން ޑޮލަރަށްވުރެ ދަށުގެ އިންވެސްޓްމަންޓަށް ތިން އަހަރު ލިބޭނެ އެވެ. އަދި 10 މިލިއަނާއި ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކޮށްގެން ތިބި ފަރާތްތަކަށް ފަސް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. މީގެ އިތުރުން 10 މިލިއަން ޑޮލަރަށްވުރެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖޭން ހިޖުރަ ކުރަން ހަތް އަހަރުގެ މުއްދަތެއް ދޭނެ އެވެ. އަދި މި މުއްދަތުގައި ފުޅާކުރަން އިތުރު ފުރުސަތެއް ނުދޭނެ އެވެ.
ބިޒްނަސް އަދި ސަބް ސްޓޭޝަލް އިންވެސްޓްމަންޓްތައް - މި ފޮރިން އިންވެސްޓްމަންޓްތައް ހިޖުރަ ކުރަން 7-3 އަަހަރުގެ މުއްދަތެއް ލިބޭނެ އެވެ. ފަސް މިލިއަން ޑޮލަރަށްވުރެ ދަށުގެ އިންވެސްޓްމަންޓަށް ތިން އަހަރު ލިބޭނެ އެވެ. އަދި 10 މިލިއަނާއި ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކޮށްގެން ތިބި ފަރާތްތަކަށް ފަސް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. މީގެ އިތުރުން 10 މިލިއަން ޑޮލަރަށްވުރެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖޭން ހިޖުރަ ކުރަން ހަތް އަހަރުގެ މުއްދަތެއް ދޭނެ އެވެ. އަދި މި މުއްދަތުގައި ފުޅާކުރަން އިތުރު ފުރުސަތެއް ނުދޭނެ އެވެ.
ރިއަލް އެސްޓޭޓް / ރެސިޑެންޝަން ރިއަލް އެސްޓޭޓް - މި ދާއިރާގައި އިންވެސްޓްކޮށްގެން ތިބި ފަރާތްތައް ހިޖުރަކުރަން ދޭ މުއްދަތު ބިނާ ވެގެންދަނީ އެ ކުންފުނިތަކުން ތަރައްގީކޮށްފައިވާ ޕްރޮޕަޓީތަކުގެ މުއްދަތަށެވެ. އެކަން ބިނާ ވެގެންދާނީ އެއްބަސްވުމަށެވެ. އާ ޕްރޮޖެކްޓެއް ނުފެށޭނެ އެވެ.
ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި - މިފަދަ ވިޔަފާރިތައް ރާއްޖެ ދޫކޮށް ހިޖުރަކުރަން އެއް އަހަރުގެ މުއްދަތެއް ދޭނެ އެވެ. އަދި މި މުއްދަތުގައި އިތުރު ފިހާރައެއް ހުޅުވަން ފުރުސަތެއް ނުދޭނެ އެވެ.
އިންވެސްޓްމޯލްޑިވްސްގެ ސީއީއޯ ނުހާ ވިދާޅުވި ގޮތުގައި މި ބަދަލާއެކު ޖެނެރަލް ސޭލްސް އެޖެންޓުންނާއި
ކާގޯ ސޭލްސް އެޖެންޓުން އަދި ޕެސެންޖަރު ސޭލްސް އެޖެންޓުގެ ދާއިރާއެއްކޮށް ބިދޭސީންނަށް އެއް އަހަރުތެރޭ ބަންދުވާނެ އެވެ.
"މީގެ މާނައަކީ މި ހިދުމަތްތައް ދޭން އެ ފަރާތްތައް ނޫޅެވޭނެއޭ. އެކަމަކު އެކައުންޓިން އޮޑިޓިން ދާއިރާއެއްކޮށް ބަންދެއް ނުވޭ. ނަމަވެސް ދެން އޮޕަރޭޓް ކުރެވޭނީ ދިވެހިންނަށް 25 ޕަސެންޓް ހިއްސާއެއް އޮންނަ ގޮތަށް،" ނުހާ ވިދާޅުވި އެވެ.