ގާނޫނާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ މީހުންގެ މައުލޫމާތު ހިއްސާ ކުރަން އެދިއްޖެ

މިގޮތަށް މައުލޫމާތު ދޭ ފަރާތްތަކުން، މައްސަލައިގެ ތަހުގީގީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މާލޭގެ މަނީ އެކްސްޗޭންޖު ކުރާ ތަނެއް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް، ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން ބުނީ މިފަދަ ފަރާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރަން ބޭނުންވާ ފަރާތްތަކުން، ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖު ކޮށްގެން މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށެވެ. އަދި އެ ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށް ވެސް މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށެވެ.

މި ނަންބަރަށް މެސެޖުކޮށް މައުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ ވަނަވަރާއި މައުލޫމާތުތައް ފުރިހަމައަށް ރައްކާތެރި ކޮށްދެވޭނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ އަރުވާފަ އެވެ. އަދި މިގޮތަށް މައުލޫމާތު ދޭ ފަރާތްތަކުން، މައްސަލައިގެ ތަހުގީގީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގާނޫނާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ ތަންތަނުގެ މައުލޫމާތު ހިއްސާ ކުރަން ފުލުހުން އެދިފައިވާއިރު، ލައިސެންސް ނެތި ހިންގާ މަނީ އެކްސްޗޭންޖް އޮފީހެއް އިއްޔެ ފުލުހުން ވަނީ ފުރަތަމަ ފަހަރަށް ރެއިޑްކޮށް، އެތަނުގެ ބޭންކް އެކައުންޓުތައް ފްރީޒްކޮށްފަ އެވެ.

މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ބަންދު ކޮށްފައި ވަނީ "ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް" ކިޔާ ކުންފުންޏެކެވެ.

ފުލުހުން ވަނީ ގަވާއިދާ ހިލާފަށް، ހުއްދަ ނެތި ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތް ކުރަމުން ދިޔަ ހަ ބިދޭސީއަކު ވެސް އަތުލައިގެންފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.