މޯލްޑިވްސް ޕްރިމިއަ ބޭންކުގެ ބޯޑް އޮފް ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވީ ރާއްޖޭގެ މާލީ ދާއިރާގެ ތަޖުރިބާކާރުންނެވެ.

ރާއްޖޭގެ 100 ޕަސެންޓް ފުރަތަމަ ކޮމާޝަލް ބޭންކުގެ ގޮތުގައި އުފައްދާފައިވާ މޯލްޑިވްސް ޕްރިމިއަ ބޭންކް (އެމްޕީބީ) ގެ އޮފީސް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ހުޅުއްވާ ދެއްވައިފި އެވެ.
ހ. ސަންސީލް ބިލްޑިންގެ ފުރަތަމަ ފަންގިފިލާގައި އެމްޕީބީ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު މުނައްވަރުގެ އިތުރުން އެމްއެމްއޭގެ މެނޭޖުމަންޓުގެ ބޭފުޅުންގެ އިތުރުން އެމްޕީބީގެ ގެ ބޯޑު ޗެއާޕާސަންގެ މަގާމުގައި ހުންނެވީ އައިޝާ ނުރައިން ޖަނާހް އާއި އެ ބޭންކުގެ ޑިރެކްޓަރުން ބޯޑުގެ ބޭފުޅުން ބައިވެރިވި އެވެ.
މި ރަސްމިއްޔާތުގައި ގަވަރުނަރު މުނައްވަރު މި ބޭންކުން ފެނިގެން ދަނީ ހަމައެކަނި ހުވަފެނެއް ދެކުމުގެ ބަދަލުގައި އެ ހުވަފެން ހަގީގަތަކަށް ހަދަން މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށާ ބޭންކު ހުޅުވުމުގެ ހުވަފެން ހަގީގަތަކަށް ހަދަން ބޯޑާއި ހއްސާދާރުން ކުރި މަސައްކަތް ކަމަށެވެ. އަދި މިއީ މާލީ ވަޒީރުގެ ހައިސިއްޔަތުން ހުޅުމާލޭގައި އެމްއައިބީގެ ބްރާންޗެއް ހުޅުވައިދެއްވުމަށްފަހު، މިއީ އެ މަނިކުފާނު ރަސްމީކޮށް ހުޅުވައިދެއްވި ފުރަތަމަ ބޭންކުކަން ފާހަގަ ކުރެއްވާފަ އެވެ.
ގަވަރުނަރު ވަނީ މި ބޭންކުގެ ނަން ކަމަށްވާ "ޕްރިމިއަ" މި ނަމަށް އަލި އަޅުވާ ލައްވައި، ބޭންކުގެ އަމާޒަކީ އެންމެ ކުރީގައި ނުވަތަ އެއްވަނައިގައި އޮތުންކަން ފާހަގަ ކުރައްވާފަ އެވެ. ގަވަރުނަރު ވަނީ ކުޅިވަރުގެ ދާއިރާއިން މިސާލު ޖައްސަވަމުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފުޓުބޯޅަ ލީގް ކަމަށްވާ "ޕްރިމިއަ ލީގާ" ގުޅުވާ ލައްވާފަ އެވެ.
އެމްޕީބީގެ ގެ ބޯޑު ޗެއާޕާސަންގެ ނުރައިން ވިދާޅުވީ ބޭންކްގެ ލައިސަންސްގެ ޕްރީ-އެޕްރޫވަލް މަރުހަލާގައި ވޭތުވެދިޔަ އެއް އަހަރު ދުވަހު ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފަ އެވެ.
އަޅުގަނޑުމެންގެ ތަސައްވުރަކީ ހަމައެކަނި އަމިއްލަ މިނިވަން މާލީ އިދާރާއެއްގެ ގޮތުގައި ނުވަތަ 'ޓިއަރ ވަން' ލައިސަންސް އޮތް ބޭންކެއްގެ ގޮތުގައި އޮތުމެއް ނޫން. އެކަމާ މެދު އަޅުގަނޑުމެން ފަޚުރުވެރިވާ ހާލު، އަޅުގަނޑުމެން ގަބޫލުކުރަނީ މިއީ މާލީ ދާއިރާގެ މުހިންމު ބައިވެރިއެއް،" ނޫރެއިން ވިދާޅުވި އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުން ނޫރެއިން ވިދާޅުވި ގޮތުގައި މި ބޭންކް ހުޅުވިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމާއި، ޒުވާން ދިވެއްސެއްގެ ހައިސިއްޔަތުން ލިބުނު ފަހުރެއް ކަމަށެވެ.
މި ބޭންކް އުފައްދާފައިވަނީ ރާއްޖޭގެ މާލީ ދާއިރާގެ ތަޖުރިބާކާރުންނާއެކުގަ އެވެ. އަދި މި ބޭންކުގެ މެނޭޖްމަންޓް ޓީމަކީ ބޭންކިންގް ޓެކްނޮލޮޖީ، އޮޕަރޭޝަންސް، ރިސްކް، އަދި ހިއުމަން ރިސޯސަސްގެ ދާއިރާތަކުން އޭޝިއާ އާއި އެފްރިކާ އަދި ޔޫރަޕުގެ އިތުރުން ޕެސިފިކް އަދި ރާއްޖެ ހިމެނޭހެން ދުނިޔޭގެ 14 ގައުމެއްގައި މަސައްކަތްކޮށް، ފުޅާ ދާއިރާއެއްގައި ތަޖުރިބާ ހޯދާފައިވާ ޓީމެކެވެ. އަދި ރެގިއުލޭޓްކުރެވޭ މާލީ އިދާރާތަކުގެ އިސް ލީޑަޝިޕް މަގާމުތައް ފުރާއްވަވާފައިވާ މި ޓީމަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަން، ގަވަރނަންސް، އޮޕަރޭޝަނަލް އެކްސެލެންސް، އަދި ދެމެހެއްޓެނިވި ކުރިއެރުމުގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގެ لަޔާގަތްތެރިކަން ލިބިފައިވާ ބޭފުޅުންނެވެ.