އެމަނިކުފާނު މިހެން ވިދާޅުވީ ރެސިޑެންސީ ވިސާ ދޭ ޕްރޮގްރާމް ހުއްޓުވަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޖިލީހަށް ގަރާރެއް ހުށަހަޅާފައި ވަނިކޮށެވެ.

ރާއްޖެ އަށް ބޮޑެތި އިންވެސްޓް ކުރާ ފަރާތްތަކަށް ރެސިޑެންސީ ދޭ ޕްރޮގްރާމް ހުއްޓުވަން އެމްޑީޕީން ކުއްލި މައްސަލައެއް މަޖިލީހަށް ވެއްދިއިރު، މި ޕްރޮގްރާމުގެ މޮޅު ވާހަކަތަކާއެކު އެ ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ތާއީދު ކުރައްވައިފި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރެސިޑެންސީ ވިސާ ދޭ ޕްރޮގްރާމް ހުއްޓުވަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޖިލީހަށް ގަރާރެއް ހުށަހަޅާފައި ވަނިކޮށެވެ.
އޭގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަކި ކުރުމަށް މިއަދު ހުށަހެޅި ގަރާރުގައި ވެސް އެ ޕްރޮގްރާމްގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ.
ނަމަވެސް ސަރުކާރުން ހިންގާ އެ ޕްރޮގްރާމަށް ތާއީދު ކުރައްވައި ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރެސިޑެންސީ ޕްރޮގްރާމަކީ އެހެން ބާވަތެއްގެ ޓޫރިޒަމް ވިޔަފާރީގެ ފުރުސަތެއް ކަމަށާއި އޭގެ ސަބަބުން ރާއްޖެ އަށް ނުހަނު ފައިދާ ވާނެ ކަމަށެވެ.
ޕާލް ރެސިޑެންސީ ޕްރޮގްރާމް ފަރުމާކުރަން ދުނިޔޭގެ ނަން މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހެންލީ އެންޑް ޕާޓްނާސްއާ ހަވާލުކުރީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި އިންވެސްޓު ކުރުމަށް ފަހު ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވިސާ ލިބޭނެ އެވެ.
ސަރުކާރުން ބުނާ ގޮތުގައި އެ މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދު ސިންދިފާތު ކުރުމަށް އެޅިގެންދާ ބާރެކެވެ. އަދި ރާއްޖެ އަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީ އިންތިހާ އަށް އިތުރުވެގެން ދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ނަމަވެސް އެމްޑީޕީން ބުނާ ގޮތުގައި އެ މަޝްރޫއުގެ ސަބަބުން ދައުލަތުގެ ތެރޭގައި އެކި އިދާރީ އަދި ގާނޫނީ ބާރުތަކެއް ލިބިގެންވާ ވަކި ދައުލަތެއް އުފެދި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ސިޔާދަތީ ބާރުތަކަށް އުނިކަން އަތުވެދާނެ އެވެ.
އެމްޑީޕީއިން މަޖިލީހަށް މައްސަލައެއް ވެއްދިއިރު، އެމްޑީޕީ ވެރިކަމުގެ އިކޮނޮމިކް މިނިސްޓަރު / އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ މީގެ ކުރިން މި މަސައްކަތަކީ އެމްޑީޕީ ސަރުކާރުން 2020 ގައި އިމިގްރޭޝަން ގާނޫނު އިސްލާހުކޮށް "ކޯޕަރޭޓް ރެސިޑެންސީ ވިސާ" ގެ ނަމުގައި މުޅިން ނިންމާފަ އޮތް މަސައްކަތެއް ކަމަށް ކަމަށް ވިދާޅުވެފަ އެވެ.
ފައްޔާޒު މިހެން ވިދާޅުވީ އިންވެސްޓަރުންނަށް ރެޒިޑެންސީ ނުވަތަ ރަށްވެހިކަން ލިބިދޭ ޕްރޮގުރާމެއް ތައާރަފުކުރުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވާ އެކަން ފެށުމަށް ނިންމުމާއި ގުޅިގެންނެވެ.
ކުރީގެ މިނިސްޓަރު ފައްޔާޒު ވިދާޅުވީ ގާނޫނުގައި ނެތް ނަަމަވެސް ރައީސް ޔާމީނުގެ ސަރުކާރުން ވެސް މިފަދަ ހިދުމަތެއް ފޯރުކޮށްދީފައިވާ ކަމަށެވެ. މިއީ އެމްޑީޕީ ސަރުކާރުން 2020 ގައި އިމިގްރޭޝަން ގާނޫނު އިސްލާހުކޮށް "ކޯޕަރޭޓް ރެސިޑެންސީ ވިސާ" ގެ ނަމުގައި މުޅިން ނިންމާފަ އޮތް މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ކޯޕަރޭޓް ރެސިޑެންސީ ވިސާ އަކީ އިންވެސްޓަރުން ރާއްޖޭގައި ދިގު މުއްދަތުގައި ތިބުމަށް ހިތްވަރު ދިނުމަށް އެމްޑީޕީ ސަރުކާރުން ތައާރަފްކުރި އައު ވިސާއެއް ކަމަށާ އިންވެސްޓަރުން ރާއްޖޭގައި ގިނަ ދުވަހު ތިބުމަކީ ރާއްޖޭގައި އިތުރު އިންވެސްޓްމަންޓް ކުރުމަށް ހުޅުވޭ އައު ދޮރެއް ކަމަށެވެ.