ކޯޕަރޭޓް ރެސިޑެންސީ ވިސާ އަކީ އިންވެސްޓަރުން ރާއްޖޭގައި ދިގު މުއްދަތުގައި ތިބުމަށް ހިތްވަރު ދިނުމަށް އެމްޑީޕީ ސަރުކާރުން ތައާރަފްކުރި އައު ވިސާއެއް ކަމަށް ވިދާޅވި އެވެ.
މި ސަރުކާރުން މަސައްކަތެއްގެ ގޮތުގައި އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމެއް ތައާރަފް ކުރަން އިއުލާނު ކުރި ނަމަވެސް މި މަސައްކަތަކީ އެމްޑީޕީ ސަރުކާރުން 2020 ގައި އިމިގްރޭޝަން ގާނޫނު އިސްލާހުކޮށް "ކޯޕަރޭޓް ރެސިޑެންސީ ވިސާ" ގެ ނަމުގައި މުޅިން ނިންމާފަ އޮތް މަސައްކަތެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު / އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވީ އިންވެސްޓަރުންނަށް ރެޒިޑެންސީ ނުވަތަ ރަށްވެހިކަން ލިބިދޭ ޕްރޮގުރާމެއް ތައާރަފުކުރުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވާ އެކަން ފެށުމަށް ނިންމުމާއި ގުޅިގެންނެވެ.
ކުރީގެ މިނިސްޓަރު ފައްޔާޒު ވިދާޅުވީ ގާނޫނުގައި ނެތް ނަަމަވެސް ރައީސް ޔާމީނުގެ ސަރުކާރުން ވެސް މިފަދަ ހިދުމަތެއް ފޯރުކޮށްދީފައިވާ ކަމަށެވެ. މިއީ އެމްޑީޕީ ސަރުކާރުން 2020 ގައި އިމިގްރޭޝަން ގާނޫނު އިސްލާހުކޮށް "ކޯޕަރޭޓް ރެސިޑެންސީ ވިސާ" ގެ ނަމުގައި މުޅިން ނިންމާފަ އޮތް މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ކޯޕަރޭޓް ރެސިޑެންސީ ވިސާ އަކީ އިންވެސްޓަރުން ރާއްޖޭގައި ދިގު މުއްދަތުގައި ތިބުމަށް ހިތްވަރު ދިނުމަށް އެމްޑީޕީ ސަރުކާރުން ތައާރަފްކުރި އައު ވިސާއެއް ކަމަށާ އިންވެސްޓަރުން ރާއްޖޭގައި ގިނަ ދުވަހު ތިބުމަކީ ރާއްޖޭގައި އިތުރު އިންވެސްޓްމަންޓް ކުރުމަށް ހުޅުވޭ އައު ދޮރެއް ކަމަށެވެ.
އެމްޑީޕީ ސަރުކާރުން ކޮށްފަ ހުރި މަސައްކަތްތައް އެއީ ރައީސް މުއިއްޒުގެ މަސައްކަތްތައް ކަމަށް ދައްކަމުން ދިއުމަކީ އައު ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ފައްޔާޒު ވަނީ އޭރު އެމްޑީޕީގެ ސަރުކާރުން އެ މަސައްކަތް ކުރަން ފެށުމުން އިދިކޮޅުގައި ތިބެ މި ސަރުކާރުގެ ވެރީން ދެއްކެވި ވާހަކަތައް ހަނދާން ކޮށް ދެއްވާފަ އެވެ.
"އިމިގްރޭޝަން ގާނޫނަށް އޭރު އެ ބަދަލު ގެންނަން ހުށަހެޅުމުން ޕީއެންސީން ގޮވަމުން ދިޔައީ ގައުމު ވިއްކާލަނިއްޔޭ، އިންޑިއާ މީހުން މިތާގައި ވަޒަންވެރި ކުރުވަން އުޅެނީއޭ،" މި ސަރުކާރުގެ ވެރީން ކުރީން ދެއްކި ވާހަކަތައް ފާހަގަ ކުރައްވާ ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވަނީ ކުރީން އެ ގޮތަށް ވާހަކަ ދެއްކި ނަަމަވެސް މި ކަން ހުއްޓާނުލައްވާ ކުރިއަށް ގެންދަވަން ނިންމެވުން އެއީ ހެޔޮފާލެއް ކަމަށް ވިދާޅުވެ އެކަމަށް ރައީސް މުއިއްޒަށް މަރުހަބާ ދަންނަވާފަ އެވެ.