ދިވެހި ދައުލަތުގެ މަތީ އިއްޒަތް ހަތަރު ބޭފުޅަކަށް

އެންމެ މަތީ ޝަރަފު އަރުވާފައިވަނީ ޗަމްޕާގެ ދެ ބެއިން ކަމަށްވާ އަފީފު އާއި އުއްޗު އަދި ލަތީފުގެ އިތުރުން އިބްރާހީމް ރަޝީދު މޫސާ އަށެވެ.

ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ކަމަށްވާ ނިޝާން ލިބިވަޑައިގެންނެވި ރަޝީދު މޫސާ އާއިލާއާއެކު -- ރައީސް އޮފީސް

ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ކަމަށްވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) ހިދުމަތްތެރި ހަތަރު ބޭފުޅަކަށް ދިވެހި ސަރުކާރުން މިއަދު އަރުވައިފި އެވެ.

ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގެ ހޯލުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް އަރުވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. 

އެންމެ މަތީ ޝަަރަފު ލިބިވަޑައިގެންނެވި ބޭފުޅުން

  • ޑރ. މުހައްމަދު ލަތީފް، މއ. ކިނބި
  • އިބްރާހީމް ރަޝީދު މޫސާ، ހ. މީރުބަހުރުގޭއާގެ
  • ހުސެއިން އަފީފް، މއ. ޗަމްޕާވިލާ
  • މުހައްމަދު މޫސާ (އުއްޗު) މއ. ޗަމްޕާވިލާ

ޑރ. ލަތީފް ތައުލީމީ ދާއިރާއަށް ހިދުމަތް ކުރެއްވުމުގެ ރޮނގުން

ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މއ. ކިނބި، ޑރ. ލަތީފަށް "ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ"ގެ ލަޤަބު އަރުވާފައިވަނީ ކުރެއްވި ގިނަ ގުނަ ހިދުމަތްތަކަަށް ބަލާދަ އެވެ. 

ތައުލީމީ ދާއިރާ: އެމަނިކުފާނު ދައުލަތަށް އެންމެ ގިނަ ދުވަހު (22 އަހަރު) ޚިދުމަތްކުރެއްވީ މި ދާއިރާއަށެވެ.
ލަތީފް ވަނީ 1993 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓަރުކަން ކުރައްވާފަ އެވެ. ޓީޗަރުން ތަމްރީނުކުރުމަށާއި މަންހަޖު އެކުލަވާލުމަށް "އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރު" (އީ.ޑީ.ސީ) އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި 1995 އިން 2005 އަށް ތަންފީޒުކުރި "އެޑިއުކޭޝަނަލް މާސްޓަރ ޕްލޭން" އެކުލަވާލެއްވިއެވެ. އަދި 1998 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ކޮލެޖު (މޯލްޑިވްސް ކޮލެޖު އޮފް ހަޔަރ އެޑިއުކޭޝަން) ޤާއިމުކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވިއެވެ.އިބްތިދާއީ ތަޢުލީމު ފުޅާކުރުމާއި، ސްކޫލްތަކުގެ ވަސީލަތްތައް ތަރައްޤީކޮށް ފަންޑު ހޯދުމުގައި ޢަމަލީގޮތުން ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.


ހާރިޖީ އަދި އިޤްތިސާދީ ދާއިރާ: ސްރީލަންކާ އެމްބަސީގެ ތިންވަނަ ސެކްރެޓަރީކަމާއި، އދ. ގައި ހުންނަ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަޤާމު ފުރުއްވިއެވެ. އަދި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ (އެލް.ޑީ.ސީ) ލިސްޓުން ރާއްޖެ އުނިކޮށް، މެދު ފަންތީގެ ޤައުމަކަށް ބަދަލުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވިއެވެ.

އެހެނިހެން ޚިދުމަތްތައް: ރާއްޖޭގައި ސިވިލް ސަރވިސް ކޮމިޝަން އުފެއްދެވުމުގައްޔާއި، ސަރަޙައްދީ ޖަމާޢަތެއް ކަމަށްވާ "އެސޯސިއޭޝަން އޮފް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ސައުތު އޭޝިއާ" އުފެއްދެވުމުގައި އިސްނަންގަވައިގެން މަސައްކަތްކުރެއްވިއެވެ.

އިގްތިސާދާއި ޓޫރިޒަމަށް ހުސައިން އަފީފް

ފަތުރުވެރިކަމުގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންވާ އަފީފްއަކީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފުކުރެއްވި އެންމެ އިސް އެއް މޭސްތިރިޔާ އެވެ. ރިޒޯޓުތަކުގެ އެންމެ އާދައިގެ ވަޒީފާތަކުން ފެށިގެން މެނޭޖްމަންޓާ ހަމައަށް މަސައްކަތްކުރައްވައި، ހޮސްޕިޓޭލިޓީގެ މިންގަނޑުތައް ހިފެހެއްޓެވުމަށް އިސްކަންދެއްވި އެވެ. 

އިންގިލާބީ މަޝްރޫޢުތައް - 2014 ވަނަ އަހަރު މާލެއަތޮޅު ގަސްފިނޮޅުގައި ދުނިޔޭގެ އެންމެ ފުރަތަމަ ސޯލަރ ރިޒޯޓު ތަރައްޤީކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ މާކެޓުގައި ރާއްޖެ ޕްރޮމޯޓްކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.

މަޓީ ގެ އިސް ދައުރު - ފަތުރުވެރިކަމުގެ ޞިނާޢަތުގެ ޖަމްޢިއްޔާ، މަޓީ އުފެއްދެވި ފައުންޑިންގ މެންބަރެކެވެ. އަދި މިހާރުވެސް ހުންނެވީ އެ ޖަމްޢިއްޔާގެ ޗެއަރމަންގެ މަޤާމުގައެވެ.

އަފީފްގެ އެހެނިހެން ސިނާޢަތްތައް:

ސިއްހީ ދާއިރާ - ރާއްޖޭގެ ފުރަތަމަ ފަރޓިލިޓީ ކްލިނިކާއެކު، 210 އެނދުގެ ޓާޝަރީ ލެވެލްގެ ޓްރީ ޓޮޕް ހޮސްޕިޓަލް އުފެއްދެވުމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަތެވެ.

މާލީ އަދި އޭވިއޭޝަން ދާއިރާ - ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އުފައްދަވައި އެ ބޭންކުގެ ޗެއަރމަންކަން ކުރެއްވުމުގެ އިތުރުން، އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގައި ބޮޑު ޙިއްސާއެއްވެއެވެ.

އިޖުތިމާޢީ ޚިދުމަތް - "ޢަލިފުޅު ތުއްތު ފައުންޑޭޝަން" ގެ އެހީގައި ގިނަ ކުދިންތަކަކަށް ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދެއްވައި، ރާއްޖޭގެ ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކޮށްދެއްވިއެވެ.

ކުރީހެ ޝަރަފާއި އިނާމު:

ފަތުރުވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު (1989) އަދި ޝަރަފުވެރިކަމުގެ އިނާމު (2004)

ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިޔާގެ ލަޤަބު (2010)

ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (2013)

އިގްތިސާދާއި އިޖުތިމާއީ ދާއިރާއިން އުއްޗު

އެރުވުނު ޝަރަފު - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ) މުޙައްމަދު މޫސާއަށް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި އަރުވާފައެވެ.

ތަޢުލީމާއި ތަޖުރިބާ - މަޖީދިއްޔާ ސްކޫލުންނާއި އިންޑިއާގެ ޖާމިޢާ ދާރުއްސަލާމުން ތަޢުލީމު ޙާސިލުކުރެއްވިއެވެ. އަދި އިންޑިއާގެ ކާރުޚާނާތަކުގައި މަސައްކަތްކުރައްވައި އަމަލީ ގޮތުން ގިނަ ތަޖުރިބާތަކެއް ހޯއްދެވިއެވެ.

ދަނޑުވެރިކަމާއި ވިޔަފާރި - ދަނޑުވެރިކަން ފުޅާދާއިރާއެއްގައި ކުރައްވައި، "ޗަމްޕާ ހޯލްސޭލް" މެދުވެރިކޮށް ކާބޯތަކެތި ފޯރުކޮށްދެއްވައެވެ. ތިމާވެށްޓާ ގުޅޭ މަސައްކަތްތަކުގެ އަގުވަޒަންކޮށް 1996 ވަނަ އަހަރު ސަރުކާރުން ވަނީ "ތިމާވެށީގެ ފެހިފަތް" އަރުވާފައެވެ.

ފަތުރުވެރިކަން - މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއް ބާނީއެވެ.

މީޑިއާ އަދި މުވާސަލާތު - ރާއްޖޭގެ ފުރަތަމަ އަމިއްލަ ބްރޯޑްކާސްޓިންގ ސްޓޭޝަންތައް ކަމަށްވާ "ދި އެފް.އެމް" އަދި "ދި ޓީވީ" ވުޖޫދަށް ގެންނެވިއެވެ.

އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްގީ - "ޢަލިފުޅު ތުއްތު ފައުންޑޭޝަން" މެދުވެރިކޮށް ސްކޮލަރޝިޕްތަކާއި އެހީތެރިކަން ފޯރުކޮށްދެއްވިއެވެ. އަދި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި މަޑިވަރު އެއަރޕޯޓް ތަރައްޤީކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

ސިއްހީ އަދި މާލީ ދާއިރާ - ޓްރީ ޓޮޕް ހޮސްޕިޓަލް، ކޮމަރޝަލް ބޭންކް އޮފް މޯލްޑިވްސް އަދި އެމް.އެފް.އެލް.ސީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތެވެ.

އެހެނިހެން އެވޯޑުތައް - ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (2013)، ޓޫރިޒަމް ގޯލްޑް އެވޯޑް (2022) އަދި ފޭސް އޮފް ސައުތު އޭޝިއާ ޓޫރިޒަމް އެވޯޑް (2024)

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރު ކުރުމުގެ ދާއިރާއިން އިބްރާހީމް ރަޝީދު މޫސާ

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކުރައްވައި ރާއްޖޭގައި އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމަށާއި ތަޢުލީމީ ދާއިރާއަށް ނުހަނު އަގުހުރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވައިފައިވާ ފުންނާބުއުސް އލްމުވެރިއެކެވެ.

އެމަނިކުފާނުގެ ހިދުމަތްތައް މައިގަނޑު ގޮތެއްގައި ބެހިގެންވަނީ އަންނަނިވި ދާއިރާތަކަށެވެ

ތަޢުލީމީ ދާއިރާ - މިސްރުގެ އަލްޖާމިޢުލް އަޒުހަރުން މަތީ ތަޢުލީމު ހާސިލުކުރެއްވުމަށްފަހު، ފުރަތަމަ އަދާކުރެއްވީ މަޖީދިއްޔާ ސްކޫލުގެ ހިސާބު މުދައްރިސެއްގެ މަގާމެވެ. މީގެ އިތުރުން ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމުދޭ "މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ" އުފައްދަވައި އެތަން ހިންގެވުމާއި، ޢަރަބިބަހުން ކިޔަވައިދިނުން ފުޅާކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވިއެވެ.

ލިޔުންތެރިކަމާއި ނޫސްވެރިކަން - ދީނީ ރޮނގުން 50 އަށްވުރެ ގިނަ ފޮތް ލިޔުއްވައި، 11 ފޮތެއް ތަރުޖަމާކުރައްވައިފައިވެއެވެ. އަދި "އަމާޒު" އާއި "ފަތްތޫރަ" ފަދަ މަޖައްލާތަކަށް ލިޔުއްވުމުގެ އިތުރުން، ނޫސްވެރިކަމުގެ ދާއިރާގެ އިސް މަގާމުތައް ފުރުއްވިއެވެ.

މީޑިއާއާއި ދީނީ ޕްރޮގްރާމްތައް - ރޭޑިއޯ މެދުވެރިކޮށް "ޤުރްއާން ކިޔަވަން ދަސްކުރަމާތޯ" ގެ 365 ޕްރޮގްރާމާއި، "ޤުރްއާނާއި ސައެންސް" ގެ 52 ޕްރޮގްރާމް އުފައްދަވައި ރެކޯޑުކުރެއްވިއެވެ. އަދި ޓީވީއެމް އިން ދައްކާ ދިވެހިންގެ މެދުގައި މަޤުބޫލު "މުޙައްމަދު ރަސޫލުﷲ" ސިލްސިލާ ދިވެހިބަހަށް ތަރުޖަމާކޮށްދެއްވީވެސް އެމަނިކުފާނެވެ.

ފުރުއްވި އިސް މަގާމުތައް - ދައުލަތަށް ޚިދުމަތްކުރެއްވި ދިގު މުއްދަތުގެ ތެރޭގައި އެންމެ ގިނަދުވަހު ޚިދުމަތްކުރެއްވީ މަޢުހަދު އަދި ފަހުން ކުއްލިއްޔާގައެވެ. 17 ނޮވެންބަރު 2018 ގައި ދައުލަތުގެ ޚިދުމަތުން ވަކިވެވަޑައިގަތްއިރު ހުންނެވީ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ރައީސްކަމުގެ މަގާމުގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.