މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ޗައިނާ ސަރުކާރުން ދަނީ ދިރާސާތައް ހަދައި އެންމެފަހުގެ ތައްޔާރީތައް ކުރަމުންނެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލެ އާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއީ އެ މަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވާ އެއް ވައު ދެވެ.
ރައީސް އޮފީހުގެ "ދަ ޕަލްސް" ޕޮޑްކާސްޓުގެ ހަތަރުވަނަ އެޕިސޯޑުގައި ރައީސް ވިދާޅުވީ، މަޝްރޫއު ލަސްވެފައިވަނީ ހިލޭ އެހީގެ ދަށުން ހިންގާ ބޮޑެތި މަޝްރޫއުތަކުގައި ފުރިހަމަކުރަންޖެހޭ ދިގު އިދާރީ މަރުހަލާތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާރު އެ މަރުހަލާތައް ނިމި، އަމަލީ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫއަކީ ހަމައެކަނި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތެއް ނޫންކަން ފާހަގަކުރައްވައި، ރައީސް ވަނީ މަޝްރޫއުގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަން ހިއްސާކުރައްވާފަ އެވެ.
ޒަމާނީ ފެންހިންދާ ނިޒާމު - ފެންވަރު ރަނގަޅު ސްޓޯމް ވޯޓާ ޑްރެއިނޭޖް (ފެން ހިންދާ) ނިޒާމެއް ގާއިމުކުރުން.
ޑީވޯޓަރިން އަދި ފަޔާ ސިސްޓަމް - އަލަށް އިމާރާތްކުރާ ތަންތަނުން ފެން ހިންދުމަށް ބޭނުންވާ ނިޒާމާއި، އަލިފާނުގެ ހާދިސާތަކުގައި ބޭނުންކުރާނެ ނިޒާމުތައް މަގުތަކުގެ އަޑީގައި ގާއިމުކުރުން.
ހިނގާ މީހުންނަށް ފަސޭހަވުން - މާލޭގެ ހަނި ގޯޅިތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަވާނެ ގޮތަށް މަގުތައް ފަރުމާކުރުން.
ޕާކިން އަށް ހައްލު - މަގުތައް ހެދިގެންދާއިރު ޕާކިންގ މައްސަލައަށް ހައްލުތަކެއް ގެނައުން.
ރައީސް ޑރ. މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފެށި ސްޓޯމް ވޯޓާ މަޝްރޫއުގެ ސަބަބުން، ކުރިން ދުވަސްތަކެއް ވަންދެން މަގުތަކުގައި ފެންބޮޑުވެފައި އޮންނަ އޮތުން ނިމުމަކަށް އައިސް، މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ފެން ހިންދާނެ ނިޒާމެއް ގާއިމުކުރެވުނުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، އާބާދީ އިތުރުވުމާއި މަގުތައް ބެލެހެއްޓުމުގައި ދިގު މުއްދަތެއްގެ އިހުމާލުތަކެއް ވުމުގެ ސަބަބުން ދާއިމީ ހައްލެއް އަދި ލިބިފައި ނުވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ކުރީ ސަރުކާރުން ހެދި އަމީނީމަގުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ލަސްކޮށް އަދި ފެންވަރު ދަށްކޮށް ކަމަށާއި، ދެ އަހަރު ނުވަނީސް އެ މަގުގެ ތާރުގަނޑު އަލުން މަރާމާތުކުރަން ޖެހިފައިވުމަކީ އޭގެ ހެކި ކަމުގައި ރައީސް ވިދާޅުވިއެވެ.
ޗައިނާ ސަރުކާރުން މި މަޝްރޫއަށް އުންމީދީ ޖަވާބެއް ދެއްވާފައިވާއިރު، މިއީ މާލޭގެ ތާރީހުގައި ވެސް ހިންގޭނެ އެންމެ ބޮޑު އެއް މަޝްރޫއުކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. މި މަޝްރޫއު ނިމިގެންދާއިރު މާލެ އާއި ވިލިމާލޭގެ މަގުތަކަކީ ޒަމާނީ އަދި ރައްޔިތުންނަށް ފަސޭހަ މަގުތަކަކަށް ވެގެންދާނެއެވެ.