ސޯބެ އާއެކީ ފޮޓޯއެއް ނެގި މައްސަލާގައި އެ މަގާމް އުވާލުމުގެ އިތުރުން ވެމްކޯގެ ޕެންޝަން މައްސަލަ ފެންމަތިކުރި މުވައްޒަފުން ވަކި ކޮށްފައި ވަނީ ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ސަބަބުތަކާ ހެދި ސަރުކާރު ކުންފުނިތަކުގެ ބައެއް މުވައްޒަފުން ވަކި ކުރަމުން ގެންދަނީ ގޮތް ހުސްވެފައިވާތީ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒް "އެކްސް"ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ) އާއެކު ކެމްޕެއިންގައި އުޅުނު މުވައްޒަފުން ވަކި ކުރުމުން ކަންބޮޑުވާ ކަމަށެވެ.
އޭގެ އިތުރުން ވެމްކޯ އިން ޕެންޝަން ފައިސާ ޖަމާނުކުރާތީ ހައްގުތައް ހޯދުމަށް އަޑުއުފުލި ދެ މުވައްޒަފަކު ވެސް ސަރުކާރުން އަންގައިގެން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އެކަންކަން ފައްޔާޒް ސިފަ ކުރެއްވީ އިންތިހާބަކުން ބަލިވުމުން ބަދަލު ހިފުމުގެ އަމަލުތަކެއް ގޮތުގަ އެވެ.
"ދައުލަތުގެ ކުންފުނިތައް މުއިއްޒުގެ ސިޔާސީ ޖަގަހަތަކެއްގެ ގޮތުގައި ބޭނުންކޮށް އާއިލާތަކެއް ނިކަމެތި ކޮށްގެން ތާއިދު އިތުރުވާނެ ކަމަށް ދެކިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ މި ބޭއިންސާފަށް ފަސް ނުޖެހި އެމްޑީޕީން މި ސަރުކާރު ބަލި ކުރާނެ ކަމަށެވެ.
މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމު އުވައިލީ އެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރު ސޯބެ އާއެކު ފޮޓޯއެއް ނެގި މައްސަލައިގައި ކަމަށް ތުހުމަތު ކުރެ އެވެ. އަދި ވެމްކޯގެ ޕެންޝަން މައްސަލަގަނޑު ފެންމަތިވުމާއެކު އެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.