ސަރުކާރުން ވަނީ އިސްވެ ހާމަކުރަން ޖެހޭ މައުލޫމާތު 100 ޕަސެންޓަށް ހާސިލް ކޮށްފައި

މައުލޫމާތު ހާމަ ކުރުމުގެ ގާނޫނުގެ ދަށުން ސަރުކާރުގެ އިދާރާތަކުން ކޮންމެހެން ހާމަކޮށްފައި ހުންނަންޖެހޭ މައުލޫމާތު މި ސަރުކާރުން އާންމުކުރުމަކީ ސަރުކާރު ޒިންމާދާރުކުރަން މަގުފަހިވި ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އާރްޓީއައި ގާނޫނުގެ ދަށުން "ޕްރޯއެކްޓިވް ޑިސްކްލޯޝާ"ގެ ގޮތުން މިނިސްޓްރީތަކުގެ ވެބްސައިޓުގައި އާންމުކޮށްފައި ހުންނަންޖެހޭ ހުރިހާ މައުލޫމާތުތައް އާންމު ކުރުން ފާހަގަކޮށް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ ހުރިހާ މިނިސްޓްރީއަކާއި ރައީސް އޮފީހުން އިސްވެ ހާމަކުރަން ޖެހޭ މައުލޫމާތު 100 ޕަސެންޓު ހާސިލް ކުރީ ތާރީހުގައި ފުރަތަމަ ފަހަރަށް ކަމަށެވެ.
ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް އެކަނި ނޫން ކަމަށާއި އާންމުންގެ އިތުބާރު ހޯދުމަށް މައުލޫމާތު ހޯދުމުގެ އަސާސީ ހައްގުގެ މުހިންމު ކަން ސަރުކާރުން ގަބޫލު ކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން މިއީ ހާމަ ކަން ބޮޑު ގޮތެއްގައި ދައުލަތް ހިންގުމާއި ޖަވާބުދާރީ ކުރުން މަގުފަހިކުރަން އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އިންފޮމޭޝަން ކޮމިޝަނާ އޮފީހުން ހާމަ ކުރި ތަފާސްހިސާބުތަކުގައި ދައްކާ ގޮތުގައި ޕްރޯއެކްޓިވް ޑިސްކްލޯޝާގެ އެވްރެޖު 100 ޕަސެންޓު ރައީސް އޮފީހާއި މި ސަރުކާރުގެ 16 މިނިސްޓްރީއަކުން މިހާރު ހާސިލުކޮށްފައިވެ އެވެ.
މީގެ ކުރިން އެ އެވްރެޖު ހުރީ 34 ޕަސެންޓުގަ އެވެ.