ތެލުގެ އަގު އުފުލުމާއެކު ކަނޑުދަތުރުފަތުރަށް ވަނީ ގޮންޖެހުން ކުރިމަތިވެފަ އެވެ. މި ވަގުތު އެންމެ އަވަސް ހައްލަކީ އީވީ ވަސީލަތްތާއެކު ހުރި ޒަމާނީ ޓެކްނޮނޮލޮޖީގެ ބޭނުން ހިފުމެވެ. މިގޮތުން ހައިޑްރޯ ފޮއިލްއަކީ އެއް ވަސީލަތެވެ.

އުޅަނދަށް ބަލައިލުމުން މާބޮޑު ތަފާތެއް ނެތެވެ. އެތެރެ ފުރިހަމަ އެވެ. އެތެރޭގެ މާހައުލު ފުރިހަމަ އެވެ. ދުއްވާއިރު އަޑެއް ނުއިވެ އެވެ. މިއީ އިންޑިއާގެ ކޮޗިންގެ މައި ކޯރާއި ކަނޑާއި ކޯރުތައް ގުޅުވައިލަން އިންޑިއާގައި ގާއިމްކޮށްފައިވާ އީވީ "ކޮޗިން ވޯޓާ މެޓްރޯ" އެވެ. މި ނިޒާމުގެ ސަބަބުން ތެލަށް ކުރާ ހަރަދުން ބޮޑު ބައެއް އުނިވެގެން ވަނީ ގޮސްފަ އެވެ. އަހަރެން ކޮޗިންގައި ހުރި މަހެއްހާ ދުވަހުގެ ތެރޭން އެއް ދުވަހު މި ފެރީ ނިޒާމުގެ ތަޖުރިބާކޮށްލަން ފުރުސަތު ލިބުނުއިރު ހިތަށް އެރީ މިއީ ރާއްޖެ އަށް ކޮންމެހެން ބޭނުން ވަސީލަތެކެވެ. ރާއްޖޭގެ 99 ޕަސެންޓް ކަނޑުއޮތްއިރު ކަނޑާނުލައި އުޅެވެގެން ނެތްއިރު ތެލަށް ކުރާ ހަރަދު ވެފައިވަނީ މިހާރު އޮޑިވެރިންގެ އަތުން ކުރާ އެންމެ ބޮޑު އެއް ހޭދަށެވެ. އަދި މިހާރު ދުނިޔޭގައި ތެލުގެ އަގު ހުރި ގޮތުން އަދި ކުރި މަގުގައި ހުންނާނެ ކަމަށް ލަފާކުރެވޭ ގޮތަށް ބަލާއިރު ދިވެހިން މިވަނީ ތެޔޮނޫން ގޮތެއް ހޯދަން ޖެހިފަ އެވެ.
އޮޑިވެރިންނާ ކަނޑުއުޅަނދުގެ ވެރިން ތެލަށް ކުރާ ހަރަދު ކުޑަވާނެ ގޮތެއް ނެތީ ހެއްޔެވެ؟ ދުނިޔޭގައި މިފަދަ ޓެކްނޮލޮޖީ ނެތީ ހެއްޔެވެ؟
ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ގިނަ އުޅަނދުތަކެއް ބަނުމުގައި ބޮޑު އެހީތެރިކަމެއް ދީފައިވާ އަލްޝާލީ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ޝަރީފު ވިދާޅުވި ގޮތުގައި މިހާރު ތެލުގެ ހަރަދު ހުރި ގޮތުން ހަގީގަތަކީ އުޅަނދުގެ ވެރިންގެ އާމްދަނީގެ ބޮޑު ބަައެއް ގެއްލިގެންދާނެ އެވެ. ނަމަވެސް މިހާރު ރާއްޖޭގައި މި ހަރަދު ކުޑަކޮށްދޭނެ ޓެކްނޮލޮޖީ އެބަހުއްޓެވެ.

"އަޅުގަނޑުމެން މިހާރު ބަންނަ ޑައިވިން ދޯނި ފަހަރުތަކުގައި އެޅޭނެ ރަނގަޅު އިލެކްޓްރިކް ޕްރޮޕަލްޝަން އެއް މިހާރު އަޅުގަޑުމެނަށްމިވަނީ ހޯދިފައި. އަލަށް ޑައިވިން ދޯނި ބަންނަން ބޭނުންވާ ފަރާތްތަކަށް މިހާރު ފުލް އިލެކްޓްރިކް ދޯނި ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހޭނެ. އަދި މިހާރު ބޭނުންކުރާ ދޯނިތައް ވެސް ފުލް އިލެކްޓްރިކް ވެސެލްސްތަކަށް ބަދަލު ކުރެވޭނެ .މީގެ ސަބަބުން ތެލަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަކޮށް ދޭނެ،" ރާއްޖޭގެ ޓޫރިޒަމް މާކެޓާއި ޕަބްލިކް ޓްރާންސްޕޯޓަށް ވެސް އުޅަނދު ފަހަރު ބަންނަ ކުންފުނިން ވާހަކަ ދެއްކެވި ޝަރީފު ވިދާޅުވި އެވެ.

ހަގީގަތަކީ އީވީ ޗާޖު ކުރެވޭ ނިޒާމަކީ މި ވަގުތު ދުނިޔޭގައި ފަސޭހަ ނިޒާމެއް ކަމެވެ. އަދި މިއީ ފަސޭހަ ޓެކްނޮލޮޖީ އެކެވެ. މިހާރު ތެޔޮ އަޅާ ގޮތަށް އެސްޓީއޯ އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ތެޔޮ ވިއްކާ ބަނދަރުތަކުގައި ވެސް މި ނިޒާމު ގާއިމްކޮށްގެން ދައުލަތުގެ ބަޖެޓުން ވެސް ބޮޑު އަދަދެއް ސަލާމަތް ކުރެވިދާނެ އެވެ. އެއީ ސަރުކާރުގެ ދަތުރުފަތުރުގެ ނިޒާމު އެމްޓީސީސީ އިން މުޅި ރާއްޖޭގައި 30 ހަކަަށް ސްޕީޑް ލޯންޗުގައި ހިދުމަތް ދެމުންދާއިރު، މި ލޯންޗު ފަހަރުގެ މަތީގައި ސޯލާ ޕެނަލް ބަހައްޓައި، ބެޓެރި ޕެކެއް ލޯންޗުގައި ބެހެއްޓުމުން ތެލުގެ ހަރަދު ކުޑަކުރެވޭނެ އެވެ.
މިކަމަށް ކުރަން ޖެހޭ އިންވެސްޓްމަންޓުގެ ކުޑަ ހިސާބެއް ހަދާނަމަ ތެލަށް އެއް އަހަރު ދުވަހުން ކުރަން ޖެހޭ ހަރަދު މިކަމަށް އިންވެސްޓްކޮށްފިނަމަ ބާކީ އަހަރުތަކުގައި ހަރަދުން ބޮޑު ބައެއް އުނި ވެގެންދާނެ އެވެ. މީގެ އިތުރުން އެހެން އޮޕްޝަންތައް ވެސް ދުނިޔޭގައި އެބަހުއްޓެވެ. މިފަހަދަ ޓެކްނޮލޮޖީއެއް ރާއްޖެ އަށް ތައާރަފު ކުރަން ވެސް އަލްޝާލީ އިން މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފު ވިދާޅުވި އެވެ. އެއީ ލޯންޗް ފަހަރުގައި "ހައިޑްރޯ ޕޮއިލް" އެވެ.

ހައިޑްރޯ ފޮއިލް - ހައިޑްރޯ ފޮއިލްއަކީ މަތިންދާ ބޯޓެއްގެ ފިޔަގަނޑު ވައިގެ ތެރޭގައި އުދުހޭ އުސޫލުން، ފެނުގެ ތެރޭގައި އުޅަނދު މައްޗަށް އުފުލާ ވަސީލަތެވެ. މިއީ ލޯންޗުގައި ވަކިން ހަރުކުރެވޭ އެއްޗެކެވެ. މި ވަސީލަތުގެ ސަބަބުން ހަމަ އެއްވަރެއްގެ ބާރެއް ބޭނުންކޮށްގެން، އާދައިގެ އުޅަނދަކަށްވުރެ މާ ބާރަށް ހައިޑްރޯފޮއިލް އުޅަނދު ދުވާނެ އެވެ. އަދި ރާޅުތަކުގެ މަތިން އުޅަނދު އުފުލިފައި ހުރުމުގެ ސަބަބުން، ގަދަ ކަނޑުތަކުގައި ވެސް ލޮޅުން ކުޑަ، އޮމާން ދަތުރެއް ކުރެވޭނެ އެވެ. ތެޔޮ އެންދުން މަދުވުމުގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުވެ އެވެ.
އަންދާޒާ ކުރެވޭ ގޮތުގައި އާންމު ހިސާބުތަކަށް ބަލާއިރު، ހައިޑްރޯފޮއިލް ހަރުކޮށްފައިވާ އުޅަނދަކުން 30 ޕަސެންޓްވަރު ތެލުގެ ހަރަދު ކުޑަކުރެވޭނެ އެވެ. ބައެއް ޒަމާނީ އިލެކްޓްރިކް ހައިޑްރޯފޮއިލް އުޅަނދުތަކުގައި މި އަދަދު 80 ޕަސެންޓަށް ވުރެ މައްޗަށް ވެސް ދެއެވެ.
ޝަރީފު ވިދާޅުވި ގޮތުގައި އުޅަނދުގައި ހައިޑްރޯ ފައިލް ހަރުކުރަން އަލްޝާލީގެ ލޯންޗެއް ބޭރަށް ގެންގޮސް ވަނީ ޓެސްޓްވެސް ކޮށްފަ އެވެ. އަދި ރާއްޖޭގައި ޓެސްޓް ކުރުމަށްފަހު މި ތައާރަފު ކުރަން އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.
"ތެލުގެ ހަރަދުން 30 ޕަސެންޓް ކުޑަވުމަކީ އަހަރަށް ބަލާނަމަ ބޮޑު ސޭވެއް. ހައިޑްރޯ ފޮއިލް މި ހަރުކުރަނީ ލޯންޗުގެ ކުރީގަ.
ހައިޑްރޯ ފޮއިލް ހަރުކޮށްފަ އިންނައިރު ކައްޕިއަށް އޮންނާނެ އެ ތިރިކޮށް މަތި ކުރުމުގެ އިހުތިޔާރު ވެސް. ތިލަ ތަންތަނަށް ދާނަމަ މައްޗަށް އުފުލާލެވޭނެ. މީގެ ސަބަބުން އުޅަނދުން ތެލަށް ކުރާ ހަރަދުން ބޮޑު ބައެއް އުނިވެގެން ދާނެ،" ޝަރީފު ވިދާޅުވި އެވެ.
އުޅަނދުގެ ވެރިން ތެލަށް ކުރާ ހަރަދު ކުޑަ ކުރަން ޖެހެ އެވެ. އެނޫން އޮޕްޝަނެއް މިހާރު ދުނިޔެ އޮތްގޮތުން ނެތެވެ. ތެލުގެ އަގު މިހާރު ހުރި ވަރަށްވުރެ ދަށްވުމުގެ ނިޝާނެއް ނުފެނެ އެވެ، އެހެންވެ ބެޓެރި ޕެކެއް ހަރުކޮށްގެން ނޫނީ ހައިޑްރޯ ފޮއިލް ހަރުކޮށްގެން ނަމަވެސް ތެޔޮ ނޫން ގޮތެއް ހޯދަން އެބަޖެހެ އެވެ.