ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެ އަމުރަށް ތަބާވުމަކީ ހުރިހާ ރައްޔިތުންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ތުހުމަތުކޮށް "އަދަދު" ނޫހުން އާންމު ކުރި "އައިޝާ" ނަމަކަށް ކިޔާ ޑޮކިއުމެންޓްރީ އާންމުނުކުރުމަށާއި އޭގެ ވާހަކަ ނުދެއްވުމަށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރަށް ދިވެހި ހުރިހާ ރައްޔިތުން ތަބާވާން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
"އަދަދު" ނޫހުން މިދިޔަ މާޗު 28 ވަނަ ދުވަހު ނެރުނު "އައިޝާ" ނަމަކަށް ކިޔާ އެ ޑޮކިއުމެންޓްރީއަކީ ރައީސްގެ މައްޗަށް ގަޒުފްކޮށް ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްރީއެކެވެ.
އެ ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށާއި، ޝަރީއަތަށް ހުށަހަޅާފައިވާ ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވެފައިވާ މީހާ (ރައީސް މުއިއްޒު)ގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް އެ އަމުރުގައިވެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެ އަމުރަށް ތަބާވުމަކީ ހުރިހާ ރައްޔިތުންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.
އެ އަމުރުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅިގެންދާނެތޯ ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެއީ ސަރުކާރުން ނެރުނު އަމުރެއް ނޫން ކަމަށާއި އެއީ ތިން ބާރު ވަކިވެފައިވާ އޮތް ނިޒާމެއްގެ ތެރެއިން ކޯޓަކުން ނެރެފައިވާ އަމުރެއް ކަމަށެވެ.
"އަޅުގަނޑަކަށް ހިޔެއް ނުވޭ މިގައުމަށްވުރެ ބޮޑަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ގައުމެއް އޮންނާނެ ހެންނެއް،" ރައީސް ވިދާޅުވި އެވެ.
އެހެންނަމަވެސް ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށާއި، ގާނޫނުއަސާސީގައި އެކަންކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާތީ، އެފަދަ ވާހަކަތައް ފެތުރުމަކީ ރަނގަޅުކަމެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި އިސްލާމްދީން މަނާކޮށްފައި ހުރި ކަންކަމެއް ނުކުރެވޭނެ، ގާނޫނުއަސާސީއާ ހިލާފު ކަންކަމެއް ނުކުރެވޭނެ. އެއްވެސް ފަރާތަކަށް ލިބިފަ އޮތް ހައްގެއް ނޫން އެއީކީ. ނޫސްވެރިކަމުގެ ފާހެއް އެޅުމަކީ ރައްޔިތުންގެ އަބުރަށް އަރައިގަތުމުގެ ލައިސެންސެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން ނެރުނު އެ އަމުރާ ގުޅިގެން އެމަނިކުފާނު އެއްވެސް އެއްޗެއް ވިދާޅުނުވާނެ ކަމަށާއި އަދި އެއްވެސް ރައްޔިތަކު ވެސް އެޔަށް އެއްޗެއް ނުބުނުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
ކޯޓުން އިއްޔެ އެ އަމުރު ނެރުނީ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެނޫހުގެ އެޑިޓަރު ހަސަން މުހައްމަދަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފޮނުވައި އެފަދަ އަމުރެއް ނެރެދިނުމަށް އެ އޮފީހުން ހުށަހެޅުމުންނެވެ.
އެ ދެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ގަޒުފު ކުރުމުގެ ކުށުގެ ދައުވާ އެވެ.