މި ހާލަތުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވަނީ ރާއްޖޭގެ ޓޫރިޒަމަށް އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ދިވެހި މެދުފަންތީގެ ގެސްޓްހައުސްތަކާއި ޓްރެވަލް އޭޖެންޓުންގެ އިތުރުން ޓުއާ އޮޕަރޭޓަރުންނަށެވެ.
ހަނގުރާމައިގެ ސަބަބުން ޓޫރިޒަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށާ، މިކަމުގެ ސަބަބުން ކުދި ގެސްޓްހައުސްތަކާއި ދިވެހި ޓްރެވަލް ކުންފުނިތަކަށް ބޮޑު ގެއްލުމެއް ވެފައިވާތީ ސަރުކާރުގެ އެހީތެރިކަން ދިނުމަށް މަޓާޓޯ އާއި އެންއެޗްގޭމް އިން ގޮވާލިފި އެވެ.
މަޓާޓޯ އާއި އެންއެޗްގޭމް އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން، 500 މިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށާ އެކައުން އަރައިގަންނަން ސަރުކާރުން އަވަސް ފިޔަވަޅު ތަކެއް އަޅަން ޖެހޭ ކަމަށެވެ.
މި ދެ ޖަމިއްޔާ އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މާޗް 2026 އިން ފެށިގެން ފަތުރުވެރިން އަންނަ މިންވަރަށާއި ބުކިންތަކަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. ރަސްމީ ތަފާސްހިސާބުތަކަށް ރިއާޔަތްކޮށް ބަޔާނުގައި ބުނެފައިވަނީ، މާޗް އަދި އޭޕްރީލް މަހު ޓޫރިސްޓުން އައި އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާއިރު، މި ހިނގާ މެއި މަހުވެސް އެ އަދަދު އިތުރަށް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މަޓާޓޯ އާއި އެންއެޗްގޭމް އިން ބުނީ މި ހާލަތުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވަނީ ރާއްޖޭގެ ޓޫރިޒަމަށް އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ދިވެހި މެދުފަންތީގެ ގެސްޓްހައުސްތަކާއި ޓްރެވަލް އޭޖެންޓުންގެ އިތުރުން ޓުއާ އޮޕަރޭޓަރުންނަށެވެ. މާލީ ގޮންޖެހުންތަކުގެ ސަބަބުން މިފަދަ ބައެއް ވިޔަފާރިތައް ހުއްޓާލަންޖެހޭ ހިސާބަށް ކަންތައް ގޮސްފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މާލީ ލުއިތައް - އިންޓަރެސްޓް ފްރީ މޮރޮޓޯރިއަމް ލޯނު ދިނުމާއި، މިހާރު ހުރި ލޯނުތައް ރީސްޓްރަކްޗާ ކުރުމަށް އެހީތެރިވުމުގެ އިތުރުން ޓެކްސް ދެއްކުން ފަސްކޮށްދިނުމާއި ފީތައް މައާފުކޮށްދިނުން.
މުވައްޒަފުން ހިފެހެއްޓުން - ލޯކަލް އޮޕަރޭޓަރުންނަށް ވިޔަފާރީގައި ދެމިތިބެވޭނެ ގޮތް ހަދައި، މުވައްޒަފުން ވަޒީފާގައި ބޭތިއްބުމަށްޓަކައި މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ ނިޒާމެއް ގާއިމުކުރުން.
ހަރަދުތައް ކޮންޓްރޯލްކުރުން - އެއާޕޯޓް ތެލުގެ އަގު ބޮޑުވުމާއި ހިންގުމުގެ ޚަރަދުތައް އިންތިހާއަށް މަތިވަމުންދާ މައްސަލައަށް ވަގުތުން ފިޔަވަޅު އެޅުން.
މަޓާޓޯ އާއި އެންއެޗްގޭމް އިން ބުނީ ޓޫރިޒަމް މަޝްރޫއުތަކަށް ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނުގެ އަގު ބޮޑުވަމުންދާތީ، އެކަމުގެ އަސަރު ކުރާ ގެސްޓްހައުސްތަކާއި އެސްއެމްއީތަކަށް ސަޕޯޓް މެކޭނިޒަމެއް ހަމަޖައްސައިދޭން ޖެހޭ ކަމަށެވެ.