މި ހަނގުރާމަ | ޓޫރިޒަމް ވިކުރާއިން 500 މިލިއަން ޑޮލަރު ގެއްލުމުގެ ބިރު

ޑެއިލީ އެރައިވަލް އިން ވަނީ 4،000 ޓޫރިސްޓުން މަދުވެފަ އެވެ. މިއާއެކު އެންމެ ގޯސް ހާލަތުގައި މުޅި ޓޫރިޒަމް އާމްދަނީއިން 500 މިލިއަން ޑޮލަރު އުނިވުމުގެ ފުރުސަތު އެބައޮތެވެ. އަދި ޓެކްސް ނިޒާމުން މަހަކު 100 މިލިއަން ޑޮލަރު ގެއްލުން ގާތެވެ.

ފްލައިޓްތައް ހުއްޓާލުމުން ނުފުރިފައި ވީއައިއޭގައި ހުރި ޓޫރިސްޓެއް -- ދައުރު ފޮޓޯ

މެދުއިރުމަތީގައި މިހާރު ފެށިފައިވާ ހަނގުރާމައަކީ ކޮވިޑަށްފަހު ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވާނެ އެންމެ ބޮޑު ފިލާވަޅެވެ. އެންމެ ބޮޑު ދަށްވުން ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ. މި ދަށްވުމަށް ބަލިފައި މައްޗަށް ފޮއެ ވެއްޓުން ފަދަ ވޭންހުރި ކަމަށްވަނީ ދުނިޔޭގެ ބޮޑެތި އެއާލައިންތަކުގެ ޓިކެޓުގެ އަގު މަތި ކުރުމެވެ. ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ދެވަނަ މާކެޓު ކަމަށްވާ ރަޝިއާ އިން ރާއްޖެ އަށް އަންނަ ޔޫރޯފްލޯޓުގެ ބިޒްނަސް ކްލާހުގެ ޓިކެޓެއްގެ އަގު މިހާރު ހުރީ 17،000 ޑޮލަރަށްވުރެ މަތީގަ އެވެ. ގާތްގަނޑަކަށް މި އެއާލައިންނަށް އެކަނި ވަނީ 10 ޕަސެންޓުގެ އިތުރުވުމެއް ޓިކެޓުގެ އަގަށް ގެނެސްފަ އެވެ. އަދި އެހެން އެއާލައިންތަކުގެ ޓިކެޓުގެ އަގުތައް މި ހަނގުރާމައާއެކު ވަނީ ބޮޑުވާން ފަށާފަ އެވެ. ދުނިޔޭގެ ތެލުގެ ދައުރުވުމުގެ 30 ޕަސެންޓް އޮންނަ ހުރުމޫޒް ކަނޑުއޮޅި އީރާނުން ބަންދު ކުރުމާއެކު ޓިކެޓުގެ އަގުތައް ބޮޑުވުން ވެގެންދަނީ ޓޫރިޒަމަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށެވެ. 

މި ހުރިހާ ކަމަކާއެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިހާރު ވަނީ ގާތްގަނޑަކަށް ދުވާލެއްގެ މައްޗަށް ބަލާނަމަ 4،000 މީހުން ވަނީ އުނިވެފަ އެވެ. މި ގެއްލުމާއެކު ޓޫރިޒަމަށް ލިބޭ އާމްދަނީ އިން މަހެއްގެ މައްޗަށް އެންމެ މަދުވެގެން 200 މިލިއަން ޑޮލަރު އުނިވާނެ އެވެ. އަދި އެންމެ ގޯސް ސިނާރިއޯގައި މި އަދަދު މުޅި ޓޫރިޒަމުންވާ ގެއްލުން 500 މިލިއަން ޑޮލަރަށް އެރުމުގެ ފުރުސަތު އެބައޮތެވެ. 

"މިހާރު ވަރަށް ބޮޑު އަސަރެއް އެބަކުރޭ. ބައެއް ސެކްޓާތަކުގެ ޓިކެޓުގެ އަގުތައް ވެސް ބޮޑު ވެއްޖެ. އެހެންވެ އަންނަ ޓޫރިސްޓުންގެ އަދަދަށް ޔަގީނުންވެސް އަސަރު ކުރާނެ. ކުރިން ދުވާލަކު ރާއްޖޭގައި 80،000 ޓޫރިސްޓުން އަބަދު ވެސް ތިބޭނަމަ މިހާރު އަޅުގަނޑުގެ އަންދާޒާއަކީ މި އަދަދު ހުންނާނީ 50،000 ވަރުގައޭ،" ގިނަ އެއާލައިންތަކެއްގެ އެޖެންޓްކަން ކުރާ އިނަ މޯލްޑިވްސް ކުންފުނީގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވި އެވެ.

ޓޫރިޒަމުން ނެރުނު އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް މެދުއިރުމަތީގެ ހަނގުރާމައާއެކު މިދިޔަ 12 ވަރަށް ދުވަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ ކުރިއާ ބަލާނަމަ 24.9 ޕަސެންޓް ދަށްވުމެއްގަ އެވެ. އަދި އެވްރެޖުކޮށް މި ދުވަސްވަރު 7000 ޓޫރިސްޓުން ދުވާލެއްގެ މައްޗަށް އައިނަމަވެސް މިހާރު އެވްރެޖު އެރައިވަލް ހުރީ 4،000 ގަ އެވެ.

ދިވެހި ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ، މަޓާޓޯގެ ސީއީއޯ މުހައްމަދު ބައްސާމް އާދަމް މިއަދު "މިރާ" އަށް ވިދާޅުވި ގޮތުގައި
މި ހަނގުރާމައިގެ ސަބަބުން ޓޫރިޒަމް ކެންސަލޭޝަން ގާތްގަނޑަކަށް 40 އާއި 60 ޕަސެންޓް ވަރު އުޅޭ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެހެންވެ އިންޑަސްޓްރީ އާއި ސަރުކާރު ގުޅިގެން މި ގެއްލުން ކުޑަކުރެވޭނެ ގޮތް ތަކެއް ހޯދަން މުޅި އިންޑަަސްޓްރީއެކު މަޓާޓޯ އިން މަސައްކަތް ފަށާފައިވާކަަމަށް ބައްސާމް ވިދާޅުވި އެވެ.

"ދެން ޖެހޭނީ އެހެން ދިމަދިމާލަށް ފްލައިޓް ބާއްވައިގެން އެރައިވަލް އިތުރު ކުރަން މަސައްކަތް ކުރަން،" ބައްސާމް ފާހަގަ ކުރެއްވި އެވެ.

ރާއްޖެ އަށް ޓޫރިސްޓުން ގެންނަން ދުބާއީ އާއި ރަޝިއާ ހިމެނޭހެން 11 ގައުމެއްގައި އޮފީސް ހިންގާ ރިސޯޓް ލައިފްގެ ވެރިޔާ މުހައްމަދު ޝާޒް ވަލީދު ވިދާޅުވި ގޮތުގައި އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް ޓޫރިޒަމުން 16 މިލިއަން ޑޮލަރުގެ އާމްދަނީއެއް ކުރިން ލިބުނު ނަމަވެސް މިހާރު މި އަދަދު ހަ މިލިއަން ޑޮލަރަށް ވެއްޓިގެން ދިއުމުގެ ފުރުސަތު އެބައޮތެވެ.

މަހަކަށް 120،000 ޓޫރިސްޓުން މަދުވާނެ

ދުނިޔޭގެ މައި ޓްރާންސިޓް ހަބްތައް ހިމެނޭ މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބަންދު ކުރުމާއި ޓިކެޓުގެ އަގު މަތިވުމުގެ ސަބަބުން މަސް ދުވަހަށް ބަލާނަމަ ޖުމްލަ ޓޫރިސްޓުންގެ އަދަދުން ގާތްގަނޑަކަށް 120,000 ޓޫރިސްޓުން އުނިވާނެ ކަމަށް "މިރާ" ގެ އަންދާޒާ ކުރެވެ އެވެ. މި އަދަދު އުނިވުމާއެކު ޓޫރިޒަމަށް ލިބޭ އާމްދަނީން ބޮޑު ބައެއް ގެއްލުމުގެ ފުރުސަތު އެބައޮތެވެ. ސަބަބަކީ ހަނގުރާމަ ފެށިފައިވަނީ ރާއްޖޭގެ މުހިންމު މާކެޓުތަކާ ގުޅުންހުރި މައި ހަބްތަކަށްވުމެވެ. ރާއްޖެ އަށް ޔޫރަޕުން އަންނަ ޓޫރިސްޓުންގެ ގިނަ ބަޔަކު މެދުއިރުމަތިން ދަތުރު ކުރެ އެވެ. މީގެ ތެރޭގައި އެ ސަރަހައްދުގައި މަސައްކަތް ކުރާ ގިނަ ބަޔަކު ވެސް ހިމެނެ އެވެ. އަދި ދުނިޔޭގެ ހުރިހާ ފްލައިޓްތަކުގެ ކަނެކްޝަން ހުއްޓޭ ދުބާއީ އާއި ގަތަރުގައި ހުރި ދަތުރު ކުރުމުގެ ހުރަސްތައް ވެގެން ދަނީ ރާއްޖެއަށް އޭގެ ގެއްލުން އިންތިހާ އަށް ބޮޑުވާނެ ކަމެވެ.

ރާއްޖޭގެ މައި ޓޫރިޒަމް ބޯޓް ވިޒިޓް މޯލްޑިވްސްގެ ޗެއާމަން އަބްދުﷲ ގިޔާސް ވިދާޅުވި ގޮތުގައި މެދުއިރުމަތިން ނޫން އެހެން ދިމަދިމާލުންވެސް ކެންސަލޭޝަން އުޅޭކަން ފާހަގަވެ އެވެ.

"މިހާރު ބައެއް ބައެއްގެ ހިތުގަ ވަނީ ދަތުރު ކުރަން އޮތް ޓްރަންސްޓް ކުޑަވެފަ. ބިރުވެރިކަން އުފެދިފަ. އެހެންވެގެންހެން ހީވަނީ އެހެން ސެކްޓާތަކުން ކެންސަލޭޝަން ފާހަގަވަނީ،" އަބްދުﷲ ވިދާޅުވި އެވެ.

ގައުމީ އުފެއްދުންތެރިކަމަށް އަސަރު ކުރާނެ

މިހުރިހާ ކަމަކާއެކު ޓޫރިޒަމަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑެވެ. އަންދާޒާ ކުރެވޭ ގޮތުގައި މަތިންދާބޯޓާއި ސީޕްލޭންގެ ދާއިރާ އިން ރިސޯޓްތަކަށް މީހުން އުފުލާ ސީޕްލޭންތަކުގެ އާމްދަނީ މިހާރު ފެންނަ ފްލައިޓް ކެންސަލޭޝަންތަކުން މަހަކު ގާތްގަނޑަކަށް 19 މިލިއަނާއި 24 މިލިއަން ޑޮލަރު އުނިވުން ގާތެވެ. އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބޭ ސާވިސް ޗާޖުން މަހަކު ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު އުނިވާނެ ކަމަށް ބެލެވެ އެވެ. މިއީ ދިވެހި އާއިލާތަކުގެ އާމްދަނީއަށް ކުރާނެ ވަރަށް ބޮޑު ނޭދެވޭ އަސަރެކެވެ.

ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު މިގޮތަށް 4,000 ޓޫރިސްޓުން މަދުވަމުންދާނަމަ ރާއްޖޭގެ އިގްތިސާދީ ނިޒާމަށް ބޮޑު ނޭދޭ އަސަރެއް ކުރާނެ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 30-25 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދަށްވުމުގެ ފުރުސަތު އޮތް ކަމެކެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ޓެކްސް ނިޒާމަށް ކުރިމަތިވާނެ ގޮންޖެހުންވެސް އިންތިހާއަށް ބޮޑެވެ. ސަބަބަކީ މިިކަމުގެ ސަބަބުން ޓޫރިޒަމާ ގުޅުންހުރި ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އަދި އެއާޕޯޓް ޑިވްލޮޕްމަންޓް ފީފަދަ ފީތަކަށް އަސަރު ކުރާނެ އެވެ. އެހެންވެ ދައުލަތަށް ލިބޭ އާމްދަނީއިން 100 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް އުނިވުމުގެ ފުރުސަތު އެބައޮތެވެ.

ޓެކްސް ނިޒާމުން ޓޫރިޒަމަށް އަންނާނެ ދަަށްވުން

  •  ޓީޖީއެސްޓީ - މަހަކު 87 - 49 މިލިއަން ޑޮލަރު އުނިވާނެ
  •  ގްރީން ޓެކުހުން - މަހަކު ގާތްގަނޑަކަށް 8.35 މިލިއަން ޑޮލަރު އުނިވާނެ
  •  އެއާޕޯޓް ފީއިން - މަހަކު ހަ މިލިއަން ޑޮލަރު

މި ވަގުތު ބޮޑު ގެއްލުމެއް ކުރިމަތިން ފެންނައިރު، ޓޫރިޒަމް މިނިސްޓްރީ އިސްވެ ގިނަ މަސައްކަތްތަކެއް މިވަނީ އިންޑަަސްޓްރީއެކު ފަށަން ޖެހިފަ އެވެ. ހާއްސަކޮށް އަވަހަށް ފެށޭނެ ޓޫރިޒަމް ރޫޓުތައް ބަލައި ދަތުރު ފަށަން ޖެހެ އެވެ. ގައުމީ އެއާލައިންގެ ބޭނުން މިވަގުތު އެންމެ ފުރިހަމަ ގޮތުގައި ކުރަން ޖެހެ އެވެ. މިވަގުތަކީ ޗާޓަރުތަކެއް ފަށައިގެންނަމަވެސް ހުސްތަން ފުރަން ޖެހޭ ވަގުތެވެ. މިކަން ނުކޮށްފިނަމަ ޓޫރިޒަމް ވިކުރާއިން ބޮޑުބައެއް އުނިވެގެން ގޮސް އާއްމު ރައްޔިތު މީހާއަށް މީގެ ގެއްލުމާ ކުރިމަތިވުން ގާތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.