ރައްޔިތުން ހަވާލުކުރި މެންޑޭޓާ ހިލާފު، އެމްޑީޕީން ގޮވައިލި މަޝްވަރާއަށް އިޖާބައެއް ނުދޭނެ

އަޅުގަނޑު ހިތުން ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓުން ބޭރު ކަމެއް އެއީ. ރައްޔިތުން އަޅުގަނޑަަށް ދީފައިވާ މެންޑޭޓަކީ ފަސް އަހަރުގެ ދައުރެއް ތިމަންނަމެން ހަވާލުކުރީއޭ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު މައުލޫމާތު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައްޔިތުން ސަރުކާރު އިންތިހާބުކޮށް، ހަވާލުކޮށްފައިވާ މެންޑޭޓާ ހިލާފުކަމަށްވާތީ، ސަރުކާރު ހިންގަން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރަން އިދިކޮޅު އެމްޑީޕީން ގޮވައިލި ގޮވާލުމަށް އިޖާބަ ނުދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާ އެކު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވައި، ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތައް ގެންނަވަން ވަނީ ހުށަހަޅުއްވައިފަ އެވެ.

އެގޮތުން ދައުލަތުގެ ވެރިޔާ އާއި ސަރުކާރުގެ ވެރިޔަކީ ތަފާތު ދެ ބޭފުޅުން ކަމުގައި ބަދަލުކޮށް، ސަރުކާރުގެ ވެރިޔަކަށް ފައްޔާޒް ހުންނަވާފައި ދައުލަތުގެ ވެރިޔެއްގެ ގޮތުގައި ނަޝީދު ހުންނެވުމުގެ ވިސްނުން، ދެ ބޭފުޅުން އެކުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަކުރައްވައިފަ އެވެ.

އެ ބަދަލާ ގުޅޭގޮތުން ސަރުކާރާ އެކު ވެސް މަޝްވަރާކުރުމުގެ ޝައުގުވެރިކަން އިއްޔެ ފާޅުކޮށްފައިވަނިކޮށް، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ސުވާލުކުރުން ރައީސް ވިދާޅުވީ، އެކަމަކީ ރައްޔިތުން ހަވާލުކޮށްފައިވާ މެންޑޭޓާ ހިލާފުކަމެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. 

"އަޅުގަނޑު ހިތުން ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓުން ބޭރު ކަމެއް އެއީ. ރައްޔިތުން އަޅުގަނޑަަށް ދީފައިވާ މެންޑޭޓަކީ ފަސް އަހަރުގެ ދައުރެއް ތިމަންނަމެން ހަވާލުކުރީއޭ، އަޅުގަނޑު އިއުލާނުކުރި މެނިފެސްޓޯ އާއި ވައުދުތަކާ އެއްގޮތަށް ކަންކަން ކުރަން. އެހެންވީމަ އަޅުގަނޑު ދާނީ ރައްޔިތުން އަޅުގަނޑާ ހަވާލުކުރި މަސައްކަތައިގެން ކުރިއަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ދައުލަތުގެ ވެރިޔާ އާއި ސަރުކާރުގެ ވެރިއެއް ވަކިވަކިން އޮންނަނީ އާންމު ގޮތެއްގައި ބަރުލަމާނީ ނިޒާމް އޮންނަ ގައުމުތަކުގަ އެވެ. އަދި ނަޝީދަކީ ވެސް ޒަމާނުއްސުރެ ރާއްޖެ އަށް ބަރުލަމާނީ ނިޒާމް ގެންނަން ވަކާލާތު ކުރައްވާ ބޭފުޅެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.