ފައްޔާޒާއި ނަޝީދު ހުށަހަޅުއްވަނީ ދެ ބޭފުޅުން އިސްވެ ތިއްބަވާ ސަރުކާރެއް!

ފައްޔާޒް އަދި ނަޝީދު ހުށަހަޅުއްވާ ގޮތަކީ ދެ ބޭފުޅުން އިސްވެ ހުންނަވައިގެން ސަރުކާރެއް ހިންގެވުން

ކުރީގެ ރައީސް ނަޝީދާއި އިބޫ އަދި ފައްޔާޒް --ފޮޓޯ: ހަތާވީސް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާ އެކު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނެ ކަމަށް މިއަދު ދެ ބޭފުޅުން އިއުލާން ކުރައްވައިފި އެވެ.

ވެރިކަން ހިންގުމުގެ ނިޒާމަށް ހުށަހަޅުއްވަން އުންމީދު ކުރައްވާ ބޮޑެތި ބަދަލުތަކެއްގެ ތަފްސީލް ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒް ވިދާޅުވީ އޭނާ އަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެވި ރައްޔިތުން 2028 ގައި އިންތިހާބު ކޮށްފި ނަމަ ފުރަތަމަ ދުވަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮވާލާނެ ކަމަށެވެ.

އެގޮތުން ދައުލަތުގެ ވެރިޔާ އާއި ސަރުކާރުގެ ވެރިޔަކީ ތަފާތު ދެ ބޭފުޅުން ކަމުގައި ބަދަލު ކުރައްވާނެ ކަމަށާއި އެގޮތުން ސަރުކާރުގެ ވެރިޔަކަށް އޭނާ ހުންނަވާފައި ދައުލަތުގެ ވެރިޔެއްގެ ގޮތުގައި ނަޝީދު ހުންނެވުމަކީ އެދިވަޑައިގަންނަވާ ގޮތް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"ބޮޑު ބަދަލު ހިފައިގެން މި ނުކުންނަނީ ރިޔާސީ ޕްރައިމަރީ ވެސް. މިއީ މައިގަނޑު ވައުދުތަކަކީ. އެއަށް ނަޝީދު ބެކް ކުރައްވަނީ އަޅުގަނޑަށް،" ފައްޔާޒް ވިދާޅުވި އެވެ. 

"އަޅުގަނޑަކީ ކެނޑިޑޭޓު ކަމަށް ނިންމައިފި ނަމަ ހުވާ ކުރާ ދުވަހު ރައްޔިތުންނަށް ގޮވާލާނަން ރެފަރަންޑަމް އަކަށް."

ދައުލަތުގެ ވެރިޔާ އާއި ސަރުކާރުގެ ވެރިއެއް ވަކިވަކިން އޮންނަނީ އާންމު ގޮތެއްގައި ބަރުލަމާނީ ނިޒާމް އޮންނަ ގައުމުތަކުގަ އެވެ. އަދި ނަޝީދަކީ ވެސް ޒަމާނުއްސުރެ ރާއްޖެ އަށް ބަރުލަމާނީ ނިޒާމް ގެންނަން ވަކާލާތު ކުރައްވާ ބޭފުޅެކެވެ.

އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ފައްޔާޒް ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގެ އެންމެ ބޮޑު އެއް ސިފައަކީ ސަރުކާރު ހިންގާ ބޮޑު ވަޒީރަކީ މަޖިލީހުގެ މެންބަރަކަށް ވުމެވެ. ނަމަވެސް އޭނާ ހުށަހަޅުއްވަނީ އެގޮތް ނޫން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"މިހާރު މި އޮތް ނިޒާމުގައި އެބަހުރި މަސްހުނި ކަންކަން. އަދިވެސް މި ގެންދަނީ މަސްހުނިކޮށްގެން. ވަކި ނިޒާމެއް ރާއްޖެ އަށް ގެންނަން ސޫޓަބަލްއެއް ނޫން. އަޅުގަނޑުމެން މި ޖެހެނީ އަމިއްލަ ގޮތްތަކެއް ގެންނަން،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.