ސިޔާސީ މަގާމަކީ ހަދިޔާއެއް ނޫން، މަސައްކަތް ނުކުރާނަމަ ވަކިކުރެވޭނެ

ސިޔާސީ މަގާމްތަކުގައި ތިއްބަވާ ފަރާތްތަކަށް ވެސް މުސާރަ ދެމުން އަންނަނީ ރައްޔިތުންގެ ފައިސާ އިން ކަމަށާއިރު އެ މީހުންނަށް ނަތީޖާ ނުދެއްކޭނަމަ އެ މަގާމްތަކުގައި ތިބުމަކީ އެކަށީގެންވާ ގޮތެއް ނޫން ކަމަށް މުންދު ވިދާޅުވި.

ރައީސް އޮފީހުން އިންތިޒާމްކޮށްގެން ސަރުކާރުގެ ސިޔާސީ މުވައްޒަފުންނަށް ބޭއްވި ޕްރޮގްރާމެއް. --ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން އައްޔަންކުރާ ސިޔާސީ މަގާމްތަކަކީ ސިޔާސީ ގޮތުން ދެވޭ ހަދިޔާއެއް ނޫން ކަމަށާއި މަސައްކަތް ނުކުރާނަމަ އެ ފަރާތްތައް ވަކިކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި މުންދު ވިދާޅުވީ ސިޔާސީ މަގާމްތަކަކީ ވަކި ސިޔާސީ ފިކުރެއްގައި ހުރުމުގެ ސަބަބުން ލިބޭ ވަޒީފާތަކަކަށްވީ ނަމަވެސް ގާނޫނުއަސާސީގައިވާ ގޮތަށް އެ މަގާމްތަކުގައި ތިބޭ ފަރާތްތަކުން ރައީސް އަންގަވާ ގޮތަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ސިޔާސީ މަގާމްތަކުގައި ތިއްބަވާ ފަރާތްތަކަށް ވެސް މުސާރަ ދެމުން އަންނަނީ ރައްޔިތުންގެ ފައިސާ އިން ކަމަށާއިރު އެ މީހުންނަށް ނަތީޖާ ނުދެއްކޭނަމަ އެ މަގާމްތަކުގައި ތިބުމަކީ އެކަށީގެންވާ ގޮތެއް ނޫން ކަމަށް މުންދު ވިދާޅުވި އެވެ. އަދި އެފަދަ މީހަކު މަގާމުން ވަކި ކޮށްފި ނަމަ ޝަކުވާ ކޮށްގެން ވެސް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ މަގާމްތަކަކީ ޕާޓީ އަށް ވަފާތެރިވީތީ ފަސް އަހަރުގެ ދުވަހަށް ލިބޭ ހަދިޔާއެއް ނޫން." މުންދު ވިދާޅުވި އެވެ.

ސަރުކާރުގެ ކެބިނެޓާއި އޮނިގަނޑަށް އައި ބަދަލާއެކު ސިޔާސީ މަގާމްތަކުގައި ތިއްބެވި 500 މީހެއް ވަކި ކުރަން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ.

އެކަން ދޮގު ކުރައްވައި މުންދު ވިދާޅުވީ ވަކި އަދަދެއް ކަނޑައަޅައިގެން މީހުން ވަކި ކުރުމުގެ މަސައްކަތްތަކެއް ސަރުކާރުން ނުކުރާ ކަމަށެވެ.

އެހެން އަހަރުތަކާ އެއްގޮތަށް މި އަހަރު ވެސް ސިޔާސީ މަގާމްތަކުގައި ތިއްބެވި ފަރާތްތަކުގެ ޕަފޯމަންސް އެސެސް ކުރަމުން އަންނަ ކަމަށާއި އެ އެސެސްމަންޓުގެ ތެރެއިން ބައެއް ފަރާތްތަކުން ވަކިކޮށް ނުވަތަ އެހެން އިދާރާތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މުންދު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.