އެއާ އެކު، މިރޭ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ، މިނިސްޓްރީތަކުގެ މެންޑޭޓަށް ގެންނެވި ބަދަލުތަކާއެކު، ކެބިނެޓު އަލުން އެކުލަވާލައްވައި، އާ މިނިސްޓަރުން މަގާމުތަކަށް އައްޔަނުކުރައްވައިފަ އެވެ.

ސަރުކާރުގެ މިނިސްޓްރީތަކުގެ މެންޑޭޓަށް ބޮޑެތި ބަދަލުތައް ގެނެސް، ވަޒީރުންގެ މަޖިލިސް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަލުން އެކުލަވާލައްވައިފި އެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީއަށް ލިބުނު ބޮޑު ނާކާމިޔާބީ އާ ގުޅިގެން، ރައްޔިތުން އެދޭ ގޮތަށް ސަރުކާރުގެ ހިންގުމަށް ބޮޑެތި ބަދަލުތައް ގެންނަވާނެކަމަށް ރައީސް ވިދާޅުވެފައިވަނިކޮށް، ކެބިނެޓުގެ 10 މިނިސްޓަރަކު މިއަދު ވަނީ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފަ އެވެ.
އެއާ އެކު، މިރޭ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ، މިނިސްޓްރީތަކުގެ މެންޑޭޓަށް ގެންނެވި ބަދަލުތަކާއެކު، ކެބިނެޓު އަލުން އެކުލަވާލައްވައި، އާ މިނިސްޓަރުން މަގާމުތަކަށް އައްޔަނުކުރައްވައިފަ އެވެ.
އަލަށް އެކުލަވައިލި ކެބިނެޓުގައި އާ ހަތަރު ބޭފުޅަކު ހިމެނިވަޑައިގަންނަވަ އެވެ.
މިގޮތުން، ފޮރިން މިނިސްޓަރަކަށް އައްޔަނުކުރައްވާފައިވަނީ، އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރު އިރުތިޝާމް އާދަމް އެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނުކަމުގައި ހުންނެވި ހީނާ ވަލީދު ވަނީ ކަލްޗާ މިނިސްޓަރަކަށް އައްޔަނުކުރައްވައިފަ އެވެ. އަދި ހެލްތު މިނިސްޓަރަކަށް އައްޔަނުކުރެއްވީ، ބެލްޖިއަމްގައި ހުންނަވާ ދިވެހި ސަފީރު ގީލާ އަލީ އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީ ހަވާލުކުރެއްވީ އަލީ ޝަރީފްއާ އެވެ.
ދެން އެންމެ ބޮޑު ބަދަލެއް ގެންނަވާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އަށެވެ. ޓޫރިޒަމް މިނިސްޓަރަކަށް އައްޔަނުކުރެއްވީ ކުރިން ޓްރާންސްޕޯޓު މިނިސްޓަރަކަށް ހުންނެވި މުހައްމަދު އަމީން އެވެ.
ކުރިން މިނިސްޓަރުކަމުގައި ތިއްބެވި ބޭފުޅުންނާ ވެސް ހަމަ އެ މިނިސްޓްރީތައް ހަވާލުކުރައްވާފައިވަނީ މެންޑޭޓުތަކަށް ބަދަލު ގެންނަވައިފަ އެވެ.
މިރޭ ކެބިނެޓު އެކުލަވާލެއްވި އިރު، ބައެއް މިނިސްޓްރީތަކަށް ވަޒީރުން އައްޔަނުކުރައްވާފައެއް ނުވެ އެވެ. މިގޮތުން، ޑިފެންސާއި ފިޝަރީޒް އަދި ލޯކަލް ގަވަމަންޓް މިނިސްޓްރީއަށް ވަޒީރުން އައްޔަނުކޮށްފައިނުވާއިރު، އެ މެންޑޭޓުތައް އެހެން ވުޒާރާތަކާ ވެސް އެއްކޮށްލައްވާފައެއް ނުވެ އެވެ.