ބޮޑު ދަރަނި ދެއްކުމުގެ އެހީއަކަށްވީ ޑޮލަރުގެ އާމްދަނީ އިތުރު ކުރުމުގެ ފިޔަވަޅުތައް

މަރުކަޒީ ބޭންކުން ބުނީ ދައުލަތަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީ އިތުރުކުރުމަށާއި އަދި ބޭރު ފައިސާގެ ލިކިއުޑިޓީ އިތުރުކުރުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް އެމްއެމްއޭ އިން ވަނީ ތަންފީޒުކުރަން ފަށާފަ އެވެ.

ގަވަރުނަރު އަހުމަދު މުނައްވަރު މިއަދުގެ ހަފުލާގައި ވާހަކަ ދައްކަަވަނީ -- އެމްއެމްއޭ

ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ބޭރު ފައިސާގެ ޤާނޫނު ތަންފީޒުކުރުމުގެ ނަތީޖާއަކީ ސޫކޫކު ފަދަ ސަރުކާރުގެ ދަރަނިތައް ދެއްކުމުގައި އެހީތެރިކަން ލިބުނުކަމެއް ކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ބުނެފި އެވެ.

މަރުކަޒީ ބޭންކުން މި ގޮތަށް ބުނީ 2021 ވަނަ އަހަރު ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު އަދި އޭގެ ކޫޕަން ޕޭމަންޓަށް ވާ ޖުމުލަ 524.68 މިލިއަން ޑޮލަރު، 2 އޭޕްރީލް 2026 ވަނަ ދުވަހު، ސަރުކާރުގެ ފިސްކަލް އެޖެންޓުގެ ހައިސިއްޔަތުން ދައްކައި ޚަލާސްކުރުމަށްފަހު ނެރުނު ނޫސް ބަޔާނުގަ އެވެ.

މަރުކަޒީ ބޭންކުން ބުނީ ސުކޫކަށް ނަގާފައިވާ ދަރަންޏަށް ފައިސާދައްކާފައިވަނީ ދައުލަތުގެ ރަސްމީ ރިޒާވުގައި ހުރި ފައިސާގެ އިތުރުން ދައުލަތުގެ ދަރަނި އަދާކުރުމަށް ޤާއިމުކޮށްފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ބޭނުންކޮށްގެންނެވެ. 

މަރުކަޒީ ބޭންކުން ބުނީ ދައުލަތަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީ އިތުރުކުރުމަށާއި އަދި ބޭރު ފައިސާގެ ލިކިއުޑިޓީ އިތުރުކުރުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް އެމްއެމްއޭ އިން ވަނީ ތަންފީޒުކުރަން ފަށާފަ އެވެ.

"އެގޮތުން، 2024 ވަނަ އަހަރު، ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހު ތަންފީޒުކުރުމުގެ ނަތީޖާއަކީ ރާއްޖޭގެ ބޭރު ފައިސާގެ ނިޒާމު ކުރިއަށްވުރެ ހަރުދަނާވެ، ދައުލަތުން އަދާކުރަންޖެހޭ ދަރަނިތައް ދެއްކުމުގައި މުޙިއްމު ކުރިއެރުންތަކެއް ލިބުމެވެ،" މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.

އެމްއެމްއޭއިން މީގެ އޭގެ އިތުރުން، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމާއި އަދި މިކަމާ ގުޅޭ އެހެނިހެން އިސްތިރާޖީ ރިފޯމްސްތައް ތަންފީޒުކުރެވިފައިވަނީ ދިވެހި ސަރުކާރާއި ދައުލަތުގެ އެއްމެހައި އިދާރާތަކާއި އެމްއެމްއޭއާއި ގުޅިގެން ކުރެވުނު މުޙިއްމު މަސައްކަތްތަކުންނެވެ.

އެމްއެމްއޭއިން ބުނ ގޮތުގައި ކުރިއަތް އޮތްތާގައި ވެސް އެ އޮތޯރީޓީ މަސައްކަތްކުރަމުން ދާނީ ސަރުކާރާއި ދައުލަތުގެ އެއްމެހައި އިދާރާތާކުގެ އެއްބާރުލުމާއެކު، ދައުލަތުގެ ރިޒާވު އިތުރަށް ވަރުގަދަކުރުމަށްޓަކައި އެކުލަވާލަންޖެހޭ އެންމެހައި ސިޔާސަތުތައް ރާވައި ތަންފީޒުކުރުމުގައެވެ.

މި ދަރަނި ސަރުކާރުން އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ. ފިނޭންސް އިން ބުނެފައިވާ ގޮތުގައި މި ދަރަނި އަދާކުރުމާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރު ދަށްވެ، ކުރިއަށް އޮތް މެދު ރާސްތާގައި ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަވެގެންދާނެ އެވެ.

ފިނޭންސް އިން ބުނި ގޮތުގައި މި ސުކޫކަކީ 2021 ވަނަ އަހަރު މުއްދަތު ހަމަވި 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު ދެއްކުމަށްޓަކައި ރައީސް ސޯލިހުގެ ސަރުކާރުން ނަގާފައިވާ ދަރަންޏެކެވެ. އަދި މި ސުކޫކަކީ ދުނިޔޭގެ އިޤްތިސާދީ ހާލަތު ނާޒުކު ދަނޑިވަޅެއްގައި ދަރަނި އަދާކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތި، ބޮޑު އިންޓްރެސްޓެއްގައި ނަގާފައިވާ ދަރަންޏެއްކަންވެސް މާލީ ވުޒާރާއިން ފާހަގަކުރިއެވެ. އަދި 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވި މިހާރުގެ ސަރުކާރުން ވަނީ ދައުލަތުގެ މާލިއްޔަތަށާއި އިޤްތިސާދަށް ނޭދެވޭ އަސަރެއް ނުކުރާނޭހެން ދަރަނި އަދާކުރުމަށް ހާއްސަ އިސްކަމެއް ދީފައެވެ.

ފިނޭންސް އިން ބުނީ މިގޮތުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ ދަރަނި އަދާކުރުމަށްޓަކައި އުފައްދާފައިވާ އެސްޑީއެފް ފަންޑަށް ބޭރު ފައިސާ ޖަމާކުރަން ފެށުމެވެ. މީގެ އިތުރުން، 2024 ވަނަ އަހަރު ސަރުކާރުން ވަނީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ރޭޓުތަކަށް ބަދަލު ގެނެސް، ފަންޑަށް ވަންނަ ފައިސާ އިތުރުކޮށްފަ އެވެ. މި ބަދަލު ގެނެސްފައިވަނީ އެއާޕޯޓުން ދަތުރުކުރާ ދިވެހިންނަށް އެއްވެސް ބުރައަކަށް ނުވާނޭ ގޮތުގެ މަތިންނެވެ.

މި ފިޔަވަޅުތަކާއެކު އެސްޑީއެފް ފަންޑުގައި ހުރި ބޭރު ފައިސާގެ އަދަދު ފުރަތަމަ ފަހަރަށް 350 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ފިނޭންސުން ބުނެފައިވެ އެވެ. އަދި ދައުލަތުގެ ރަސްމީ ރިޒާވް މިދިޔަ މަސް ނިމުނުއިރު، މިހާރު 1.3 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވާއިރު، މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރިޒާވް އެންމެ މަތިވި ފަހަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.