ފިނޭންސް މިނިސްޓްރީން ބުނީ، ވިއްކި ސުކޫކުގެ 500 މިލިއަން ޑޮލަރުގެ އިތުރުން އޭގެ އިންޓަރެސްޓެއްވާ 25 މިލިއަން ޑޮލަރާ އެކު، ޖުމްލަ 525 މިލިއަން ޑޮލަރު މިއަދު ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ.

ބަޖެޓު ސަޕޯޓަށް 2021 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ސަރުކާރުން ދޫކޮށްފައިވާ 500 މިލިއަން ޑޮލަރު (ގާތްގަނޑަކަށް އަށް ބިލިއަން ދިވެހި ރުފިޔާ) ގެ ސުކޫކު މިއަދު އަނބުރައި ދައްކައި، ހަލާސްކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ވިއްކި ސުކޫކުގެ 500 މިލިއަން ޑޮލަރުގެ އިތުރުން އޭގެ އިންޓަރެސްޓެއްވާ 25 މިލިއަން ޑޮލަރާ އެކު، ޖުމްލަ 525 މިލިއަން ޑޮލަރު މިއަދު ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ ޖުމްލަ ބޭރު ދަރަނީގެ ތެރެއިން އެންމެ ބޮޑު ދަރަނި ދައްކައި ހަލާސްކޮށްފައިވަނީ ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްގެ އިތުރުން ސަވަރިން ޑިވެލޮޕްމަންޓަށް ޖަމާކޮށްފައިވާ ފައިސާއިން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ، އެ ދަރަނި އަދާކުރުމާ އެކު، ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރު ދަށްވެ، ކުރިއަށް އޮތް މެދުރާސްތާގައި ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަވާނެ ކަމަށެވެ.
މި ދަރަނި ސަރުކާރުން އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ. ފިނޭންސް އިން ބުނެފައިވާ ގޮތުގައި މި ދަރަނި އަދާކުރުމާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރު ދަށްވެ، ކުރިއަށް އޮތް މެދު ރާސްތާގައި ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަވެގެންދާނެ އެވެ.
ފިނޭންސް އިން ބުނި ގޮތުގައި މި ސުކޫކަކީ 2021 ވަނަ އަހަރު މުއްދަތު ހަމަވި 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު ދެއްކުމަށްޓަކައި ރައީސް ސޯލިހުގެ ސަރުކާރުން ނަގާފައިވާ ދަރަންޏެކެވެ. އަދި މި ސުކޫކަކީ ދުނިޔޭގެ އިޤްތިސާދީ ހާލަތު ނާޒުކު ދަނޑިވަޅެއްގައި ދަރަނި އަދާކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތި، ބޮޑު އިންޓްރެސްޓެއްގައި ނަގާފައިވާ ދަރަންޏެއްކަންވެސް މާލީ ވުޒާރާއިން ފާހަގަކުރިއެވެ. އަދި 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވި މިހާރުގެ ސަރުކާރުން ވަނީ ދައުލަތުގެ މާލިއްޔަތަށާއި އިޤްތިސާދަށް ނޭދެވޭ އަސަރެއް ނުކުރާނޭހެން ދަރަނި އަދާކުރުމަށް ހާއްސަ އިސްކަމެއް ދީފައެވެ.
ފިނޭންސް އިން ބުނީ މިގޮތުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ ދަރަނި އަދާކުރުމަށްޓަކައި އުފައްދާފައިވާ އެސްޑީއެފް ފަންޑަށް ބޭރު ފައިސާ ޖަމާކުރަން ފެށުމެވެ. މީގެ އިތުރުން، 2024 ވަނަ އަހަރު ސަރުކާރުން ވަނީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ރޭޓުތަކަށް ބަދަލު ގެނެސް، ފަންޑަށް ވަންނަ ފައިސާ އިތުރުކޮށްފަ އެވެ. މި ބަދަލު ގެނެސްފައިވަނީ އެއާޕޯޓުން ދަތުރުކުރާ ދިވެހިންނަށް އެއްވެސް ބުރައަކަށް ނުވާނޭ ގޮތުގެ މަތިންނެވެ.
މި ފިޔަވަޅުތަކާއެކު އެސްޑީއެފް ފަންޑުގައި ހުރި ބޭރު ފައިސާގެ އަދަދު ފުރަތަމަ ފަހަރަށް 350 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ފިނޭންސުން ބުނެފައިވެ އެވެ. އަދި ދައުލަތުގެ ރަސްމީ ރިޒާވް މިދިޔަ މަސް ނިމުނުއިރު، މިހާރު 1.3 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވާއިރު، މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރިޒާވް އެންމެ މަތިވި ފަހަރެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި ސުކޫކް ދައްކާ ނިމުމާއެކު ވެސް، ރައްޔިތުންނަށް ބޭނުންވާ ތެލާއި، އަސާސީ ހިދުމަތްތަކާއި، މުދާ މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، އިޤްތިސާދީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފައިވެ އެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ މާލީ އިދާރާތަކާ ގުޅިގެން މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މާލީ ވުޒާރާއިން ހާމަކުރެއެވެ. އެގޮތުން، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކުން ފަސްކުރުމުގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށް މާލީ ވުޒާރާ އިން ބުނެފައިވެ އެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މާލީ އަދި އިޤްތިސާދީ ހަމަޖެހުން ދަމަހައްޓައި، ދައުލަތުގެ ދަރަނި ދަށްކުރެވެނިވި މަގަކަށް ރުޖޫޢަކުރުން ކަމަށްވެސް މާލީ ވުޒާރާގެ ބަޔާނުގައިވެއެވެ.