އެޗްޑީސީގެ މުވައްޒަފުން ވަނީ މިދިޔަ 25 އަހަރު ގިނަ ހިދުމަތްތައް ދިވެހިންނަށް ދީފަ އެވެ. މިހާރު އެ ކުންފުނިން ހިންގާ އެންމެ އުންމިދީ މަޝްރޫއަކީ ރައީސް ރިޔާސީ މައިވައުދު ކަމަށްވާ ދިވެހިންގެ އިކޯސިޓީ ރަސްމާލެ މަަޝްރޫއެވެ.

އޮކްޓޫބަރު 16، 1997 ވަނަ ދުވަހުގެ އިރު އަރައިގެން އައީ އުންމިދީ ކުލަތަކާއެކުގަ އެވެ. ރާއްޖޭގެ ވެރިރަށް މާލެ އަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަގުސަދުގައި ހުޅުލެ ފަޅުން ބައެއް ހިއްކައިގެން "މެގަ ސިޓީ" އެއްގެ ތަސްވީރު ފެށި ފުރަތަމަ ވެލިކޮޅު އެ ދުވަހު އެޅިގެން ދިޔަ އެވެ. މޫދުން ހިއްކައިގެން ދުނިޔޭގައި މިހާރު ހަދާފައިވާ މަޝްހޫރު ސިޓީތަކަށްވުރެ ކުރިން ފެށި މި އުންމީދީ މަޝްރޫއު ނިމި 2004 މެއި މަހު އެ ރަށުގައި މީހުން ދިރިއުޅެން ފެށި އެވެ. އެންމެ ފުރަތަމަ އާބާދުވީ ގާތްގަނޑަކަށް 1،000 އެއްހާ މީހުންނެވެ. މި ހުރިހާ މަސައްކަތެއް އަލިފުން ޔާއަށް ބަލަހައްޓަމުން ދިޔައީ ކުރީގައި މި މަޝްރޫއު ބެލެހެއްޓި ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓް އެވެ. އަދި އޭގެފަހުން ހުޅުމާލެ ޑިވެލޮޕްމަންޓް ބޯޑް އަދި
ފަހުން މަޝްހޫރު ހުޅުމާލެ ޑިވްލޮޕްމަންޓް ކޯޕަރޭޝަން ނުވަތަ މިހާރުގެ ގޮތުންނަމަ ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންނެވެ. މިއަދު އެ ކުންފުނީގެ މި އަގު ނުކުރެވޭ ހިދުމަތަށް 25 އަހަރު ފުރުން ނުވަތަ "ސިލްވަ ޖުބިލީ" ފާހަގަ ކުރަމުންދާއިރު ކުރި މަގަށް އެ ކުންފުނިން ކުރަހަނީ އަދި މާ އުންމީދީ މަންޒަރުތަކެވެ.
އެޗްޑީސީ އިން ވަނީ މިދިޔަ 25 އަހަރު ތެރޭގައި ދިވެހިންގެ ދިރިއުޅުމަށް ގިނަ ބަދަލު ތަކެއް ގެނުވާފަ އެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ދިވެހިންގެ ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން އެ ކުންފުނީގެ ކުޑައިގެ ދަށުގައި ކުރިއަށް ގެންދިޔަ އެކި މަޝްރޫއު ތަކެވެ. މިދިޔަ އަހަރުތަކުގައި އޮތް ހުރިހާ ސަރުކާރެއްގެ ސިޔާސަަތުތަކާ އެއްގޮތަށް ހިންގި މި މަޝްރޫއުތަކާއެކު މިހާރު އެޗްޑީސީން 15،000 އަށްވުރެ ގިނަ ހައުސިން ޔުނިޓުގެ ކަންކަން ދަނީ ގާތުން ބަލަމުންނެވެ. މި މަސައްކަތާއެކު ހުޅުމާލެ ސާފުކޮށް މި ރަށަކީ ރައްޔިތުން ދިރިއުޅެން އެކަށީގެންވާ ތަނެއްގެ ގޮތުގައި ބޭއްވުމަށް އެ ކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރެ އެވެ. މި މަަސައްކަތުގައި އެތައް ހާސް ދިވެހިންނެއް ހަރަކާތްތެރިވެ އެވެ.
މި ހުރިހާ މަސައްކަތާއެކު މި ފަހުން އެޗްޑީސީން ފުރިހަމަ ކުރި އެންމެ އުންމިދީ މަޝްރޫއަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިއްދޮށުގައި ހިއްކައިގެން ތަރައްގީކުރި އާ ސަަރަހައްރެވެ. މިހާރު ހުޅުމާލެ "ފޭސް ތިނެއް" ގެ ނަން ދީފައިވާ މި ތަނުން ވަނީ ޖުމްލަ 63 ހެކްޓަރުގެ ބިން ކުރު މުއްދަތެއްގެ ތެރޭގައި ހިއްކާ ނިންމާލާފަ އެވެ. އަދި މިތަނުން ދޭ ގޯތިތަކާއި ފްލެޓުތަކުގައި ޖުމްލަ 25،000 އާއި 30،000 އާބާދީއެއް ވަޒަންވެރިވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މީގެ އިތުރުން މާލެއާ ބްރިޖަކުން ގުޅެމުންދާ ގުޅީފަޅުން ގޯތިދޭންވެސް ވަނީ 150 ހެކްޓަރުގެ ސަރަހައްދެއް ހިއްކާފަ އެވެ.
މި ރަށުން 1،250 އަކަފޫޓާއި 4،000 އަކަފޫޓުގެ 2،000 އަށްވުރެ ގިނަ ގޯތި ދޭން ވަނީ ފަށާފަ އެވެ. މި މަޝްރޫއުގެ ހުންގާނުގައި ވެސް އޮތީ އެޗްޑީސީ އެވެ. މީގެ އިތުރުން ވިޔަފާރީގެ ހަބެއްގެ ގޮތުގައި ތަރައްގީ ކުރަމުން ގެންދާ ތިލަފުށި ވެގެންދާނީ ކުރިމަގުގައި ރާއްޖޭގެ އިގްތިސޯދުގެ އުފުލުން ދައްކުވައިދޭނެ ތަނަކަށެވެ. މި ރަށަށް މާލެ ވިޔަފާރި ބަނދަރު ބަދަލުވެ ފެކްޓްރީތަކާއި ކާރުހާނާތައް އުފެދިގެންދާނެ އެވެ. މީގެ އިތުރުން އެޗްޑީސީ އިން ވަނީ މާލޭގެ ތޮއްޖެހުމުން ނުކުމެ ހިތްހަމަ ޖައްސާލަން ރައްޔިތުން ދާނެ ރަށެއް ވެސް ތަރައްގީކޮށްފަ އެވެ. މާލެއިން ފުރައިގެން 30 މިނެޓުގެ ރާސްތާގައި ހިއްކައިގެން ތަރައްގީކުރި ކުޑަގިރި ބަލަހައްޓަނީ ވެސް އެޗްޑީސީ އިންނެވެ. މި ރަށަކީ މާލޭގެ ތޮއްޖެހުމުން ނުކުމެ ހަފުތާ ބަންދުގައި ދިވެހި އާއިލާތައް ހިތްހަމަ ޖައްސާލަން ގޮސް އުޅޭ ދިވެހިންގެ "ރިޓްރީޓް އައިލެންޑް" އެވެ.

މި ހުރިހާ މަސަައްކަތާއެކު އެޗްޑީސީގެ ބެލުމުގެ ދަށުން ހިއްކަމުން ގެންދާ ރަސްމާލެ ވެގެންދާނީ ކުރިމަގުގެ ތަސްވީރަށެވެ. އަދި ކުރިމަގުގައި އެ ކުންފުނީގެ ވިޔަފާރީގެ އާމްދަނީއަށް ގެތޭނެ އާ ބޮޅަކަށެވެ. މާލީ ގާބިލްކަން އުފުލިބެންދާނެ ރަައުސުލްމާލް އަކަށެވެ. ދުނިޔެ އިރާދަކުރަނިވި ހަކަތަ އަށް ކުރަމުންދާ ދަތުރުގެ މަންޒިލެއްގެ ގޮތުގައި ކުރިމަގުގައި ފެންނާނެ "ދިވެހިންގެ އިކޯ ސިޓީ" އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި ތަަސްވީރާއެކު ކުރިއަށްދާ ރަސްމާލެ މަޝްރޫއުން ތަރައްގީގެ އާ މިންގަނޑެއް ކުރަހާނެ އެވެ. މި ހުރިހާ މަސައްކަތެއްގެ މުގުލުގައި ތިބީ އެޗްޑީސީގެ ހީވާގި މުވައްޒަފުންނެވެ.
އެޗްޑީސީގެ ރިހިޔޫބީލްއާ ދިމާކޮށް ގިނަ ހަރަކާތް ތަކެއް ހިންގަން ވަނީ ނިންމާފަ އެވެ. މި ހަރަކާތައް މުޅި އަހަރަށް ބަހާލައިގެން ކުރިއަށްދާނެ އެވެ. އެގޮތުން މި މަހު އޮތް އެންމެ ހާއްސަ ހަރަކާތަކީ އެނުވާސަރީ ގާލާ އިވެންޓުގައި އޮންނަ "އަހަރެންގެ ހުޅުމާލެ" ފޮތް ނެރުމެވެ. މި މަހު އޮންނަ ފްލެގްޝިޕް ގާލާ މި އިވެންޓަކީ މި ހަރަކާތްތަކުގެ އެންމެ މުހިންމު އެއް ބައެވެ. މި ހަފްލާގައި ދާއިރާގެ އިސްވެރިންނާއި ޕާޓްނަރުން ބައިވެރިވާއިރު، "އަހަރެންގެ ހުޅުމާލެ" ފޮތް ނެރުމާއި ހިދުމަތްތެރިންނަށް އެވޯޑް ދިނުން ވެސް އޮންނާނެ އެވެ. މީގެ އިތުރުން ވެސް މުޅި އަހަރަށް ބަހާލައިގެން 25 އަހަރުގެ އުފާ ދެމިގެންދާނެ އެވެ.