އެޗްޑީސީއިން ވަނީ މުޅި އަހަރު ދުވަހަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ހިންގަން ހުޅުވާލާފަ އެވެ. މިގޮތުން "އަހަރެންގެ ހުޅުމާލެ" ގެ ނަމުގައި ހާއްސަ ފޮތެއްވެސް ނެރޭނެ އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އުފެދުނުތާ 25 އަހަރު ފުރުން ނުވަތަ "ސިލްވަ ޖުބިލީ" ފާހަގަކުރުމަށް މުޅި އަހަރަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ހިންގަން ނިންމައިފި އެވެ.
އެޗްޑީސީއިން ބުނީ މި އަހަރުގެ މާރިޗު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ސިލްވަ ޖުބިލީގެ މަގުސަދަކީ ހުޅުމާލެ ބިނާކުރުމުގައި އެ ކުންފުނިން ކޮށްފައިވާ ބުރަ މަސައްކަތާއި، ކުންފުނީގެ ބާނީންނާއި މުވައްޒަފުންގެ އަގުވަޒަންކުރުމެވެ.
ސިލްވަ ޖުބިލީގެ ހަރަކާތްތައް ފެށިގެންދާނީ "ފައުންޑަސް ޓްރިބިއުޓް" އަދި "ސިލްވަ ވޯކް" ގެ ނަމުގައި ކުރިއަށްގެންދާ ޑިޖިޓަލް ކެމްޕޭނަކުންނެވެ. މީގެ މަގުސަދަކީ ކުންފުނި އުފެދުމުގައި ހިއްސާވި ބާނީންނާއި ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ ހަނދާންތައް އާކުރުމެވެ.
އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފްލެގްޝިޕް ގާލާ އިވެންޓަކީ މި ހަރަކާތްތަކުގެ އެންމެ މުހިންމު އެއް ބައެވެ. މި ހަފްލާގައި ދާއިރާގެ އިސްވެރިންނާއި ޕާޓްނަރުން ބައިވެރިވާއިރު، ހުޅުމާލެއަށް ހާއްސަކޮށް "އަހަރެންގެ ހުޅުމާލެ" ފޮތް ނެރުމާއި، ހިދުމަތްތެރިންނަށް އެވޯޑް ދިނުން އޮންނާނެ އެވެ.
އެޗްޑީސީން ވަނީ އާންމު ރައްޔިތުންނަށް ވެސް މި އުފަލުގައި ބައިވެރިވެވޭނެ ގިނަ ހަރަކާތްތަކެއް ރާވާފަ އެވެ.
މައި ހުޅުމާލެ ފެސްޓިވަލް - ހުޅުމާލޭގެ ސަގާފަތާއި، ކުދި ވިޔަފާރިތަކާއި ހުނަރުވެރިން ދައްކާލާނެ ފެސްޓިވަލެއް.
ސިލްވަ ވޮއިސަސް - ހުޅުމާލޭގައި ދިރިއުޅޭ އެންމެ ދޮށީ މީހުންނާއި، ޒުވާނުން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޝުއޫރުތައް ހިމެނޭ ސިލްސިލާ ހަރަކާތެވެ، މި ހަރަކާތުގައި ފެނިގެންދާނީ 25 އަހަރުތެރޭ އެ ފަރާތްތަކުގެ ދިރިއުޅުމަށް ހުޅުމާލެއާއެކު އައި ބަދަލެވެ.
އާޓް ފެސްޓިވަލް (އޮގަސްޓް) - ފަންނުވެރިންނަށް ހާއްސަ ހަރަކާތްތަކެއް ހިންގާނެ އެވެ.
ކާނިވަލް (އޮކްޓޯބަރު) - އާއިލާތަކަށް އަމާޒުކޮށްގެން ބާއްވާ ކުޅިވަރާއި ކާބޯތަކެތީގެ ބޮޑު ކާނިވަލެއް ބާއްވާނެ އެވެ.
އެ ކުންފުނިން މީގެ އިތުރުން މުވައްޒަފުންގެ އަގުވަޒަންކުރުމަށް ޖޫން މަހު އެނުއަލް އިވެންޓެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ނޮވެމްބަރު މަހު ކުޑަގިރީގައި މުވައްޒަފުންގެ ރިޓްރީޓެއް ބޭއްވުމަށް ނިންމާފަ އެވެ. މީގެ އިތުރުން ޖުލައި މަހު ބާއްވާ މިނިވަން ދުވަހުގެ ޕެރޭޑުގައި ވެސް އެޗްޑީސީގެ ޚާއްސަ ފްލޯޓެއް ފެނިގެންދާނެ އެވެ. އަދި އަހަރުގެ ހަރަކާތްތައް ނިމިގެންދާނީ ޑިސެމްބަރު މަހު ބާއްވާ "ރިވައިންޑް 2026" އިންނެވެ. މިއީ މުޅި އަހަރުގެ އުފާވެރި ހަނދާންތައް ދައްކާލާނެ ފައިނަލް ކެމްޕޭނެވެ.