ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ނަވީން މިއަދު ވިދާޅުވީ، ފުލުހުންގެ ހިދުމަތުން މިއަދު ވަކިވެވަޑައިގަތީ މީގެ ގާތްގަނޑަކަށް 32 އަހަރުގެ ކުރިން އެ ހިދުމަތާ ގުޅުނު ގޮތަށް ކަމަށެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން، ފުލުހުންގެ ހިދުމަތުންރިޓަޔާ ކުރައްވައިފި އެވެ.
ނަވީން ކުއްލި ގޮތަކަށް ރިޓަޔާ ކުރައްވަން ނިންމެވި ސީދާ ސަބަބެއް ސާފު ނުވިޔަސް، މިއީ އެކަމަށް ރަނގަޅު ވަގުތުކަމުގައި އޭނާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ނަވީން މިއަދު ވިދާޅުވީ، ފުލުހުންގެ ހިދުމަތުން މިއަދު ވަކިވެވަޑައިގަތީ މީގެ ގާތްގަނޑަކަށް 32 އަހަރުގެ ކުރިން އެ ހިދުމަތާ ގުޅުނު ގޮތަށް ކަމަށެވެ. އަދި އެއީ ފުލުހުންގެ ބެޖަށް އޮތް އިހުތިރާމާއި މުއައްސަސާއާށް އޮތް އިތުބާރާއި ގައުމު ދެކެ ވެވަޑައިގަންނަވާ ލޯބި އެ ގޮތުގައި އޮތުމުން ކަމަށް ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރެއްވުމަކީ ލިބުނު ފަހުރެއް ކަމަށް ވެސް ނަވީން ވިދާޅުވި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ހިދުމަތާ 2006 ވަނަ އަހަރު ގުޅިވަޑައިގެންނެވި ނަވީން، ޕޮލިސް ކޮމިޝަނަރުކަމަށް އައްޔަނުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.
އޭގެކުރިން ނަވީން ވަނީ މޯލްޑިވްސް ޕޮލިސް ފުލުހުންގެ ޑިރެކްޓަރޭޓްގެ ވެރިޔާގެ މަގާމާއި، ޕީޕަލް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަގާމާއި، ސެންޓްރަލް ޕޮލީސިން ކޮމާންޑްގެ ވެރިޔާގެ މަގާމުގެ އިތުރުން، ފޮރެންސިކް ސާވިސަސް ޑިރެކްޓަރޭޓް މަގާމު ފުރުއްވާފަ އެވެ.
ނަވީން ސީޕީކަމަށް އައްޔަނުކުރީ، ޕޮލިސް ކޮމިޝަނަރު ކަމުގައި ހުންނެވި އަލީ ޝުޖާއު، ކުއްލި ގޮތަކަށް ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.