މަރުކަޒީ ބޭންކުން ބުނީ ޑިސެމްބަރު މަހުގެ އަދަދުދުގައިވާ ގޮތުން މިދިޔަ ނޮވެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 886.5 މިލިއަން ޑޮލަރެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ޔޫޒަބަލް ރިޒާވް އޮކްޓޫބަރު މަހާ އަޅާބަލާއިރު ދެ ޕަސެންޓް އިތުރުވެ، ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުންކުރެވޭ ރިޒާވް 220.3 މިލިއަން ޑޮލަރަށް އުފުލިއްޖެ އެވެ.
މަރުކަޒީ ބޭންކްއިން، މަހަކު އެއްފަހަރު ނެރޭ، އިކޮނޮމިކް އަޕްޑޭޓް (އީޔޫ) ގެ ޑިސެމްބަރު މަހުގެ އަދަދުދުގައިވާ ގޮތުން މިދިޔަ ނޮވެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 886.5 މިލިއަން ޑޮލަރެވެ. މި އަދަދަކީ އޮކްޓޫބަރު މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވްގައި ހުރި 866.3 މިލިއަން ޑޮލަރާ އަޅާބަލާއިރު 20.2 މިލިއަން ޑޮލަރު ނުވަތަ ދެ ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މިއީ 2024 ނޮވެމްބަރު މަހު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރި 616.2 މިލިއަން ޑޮލަރާ އަޅާބަލާއިރު 270.4 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.
މިދިޔަ އަހަރު ޖުމްލަ ރިޒާވް އެންމެ ބޮޑަށ އިތުރުވެފައިވަނީ ސެޕްޓެމްބަރު މަހުން އޮކްޓޫބަރު މަހު އެވެ. ޖުމްލަ ރިޒާވް ގާތްގަނޑަކަށް 354 މިލިއަން ޑޮލަރު އިތުރުވިއެވެ. މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ އިންޑިއާގެ ރިޒާވް ބޭންކުން ހަމަޖައްސައިދިން ކަރަންސީ ސްވޮޕް ފެސިލިޓީގެ ސަބަބުން އައި ކުރިއެރުމެކެވެ. ޖުމްލަ ރިޒާވް އެންމެ ބޮޑަށް ދަށްވެފައިވަނީ ޖުލައި މަހު އެވެ. މި ދަށްވުމުގެ ސަބަބަކީ ބޭރުގެ ދަރަނިތަކެއް އަދާކުރަން ޖެހުމާ ގުޅިގެންނެވެ. މިއީ މިދިޔަ އަހަރު ރާއްޖޭގެ ރިޒާވް އެންމެ ބޮޑަށް ދަށްވި މަހެވެ.
ޖުމްލަ ރިޒާވް އިތުރުވިއިރު، ޔޫޒަބަލް ރިޒާވް ނުވަތަ ވަގުތުން ވަގުތަށް ނަަގައިގެން ބޭނުން ކުރެވެން އޮތް ރިޒާވްވެސް ވަނީ އިތުރުވެފަ އެވެ. ޔޫޒަބަލް ރިޒާވް އަގު ކުރަނީ ޖުމްލަ ރިޒާވުން ކުރު މުއްދަތުގެ ދަރަނި ކެނޑުމަށްފަހު ބާކީ ހުންނަ އަދަދެވެ. މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުރި ކަމަށް ދައްކަނީ 220.3 މިލިއަން ޑޮލަރެވެ. މިއީ ގާތްގަނޑަކަށް 2.1 މަސް ދުވަހުގެ އިމްޕޯޓަށް ބޭނުންވާ ފައިސާ ހަމަޖެއްސޭނެ ފައިސާ އެވެ. އަންދާޒާ ކުރެވޭ ގޮތުގައި މިދިޔަ ޑިސެމްބަރު މަހު ރާއްޖޭގެ ޔޫޒަބަލް ރިޒާވްވެސް ހުންނާނީ 215 މިލިއަން ޑޮލަރުގަ އެވެ.
ރާއްޖޭގެ ޔޫޒަބަލް ރިޒާވްވެސް އެންމެ ބޮޑަށް ދަށްވެފައިވަނީ ޖުލައި މަހު އެވެ. އެއީ ދަރަނި އަދާކުރި މަހެވެ.
ބޭރުކުރެވޭ ރިޒާވްއަށް ވާނެ ގޮތް - ޔޫޒަބަލް ރިޒާވްއަކީ އޮފިޝަލް ރިޒާވް ގެ އަދަދުން، ދައުލަތަށް ކުރު މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ބޭރު ފައިސާގެ ދަރަނި އުނިކުރުމަށް ފަހު މަރުކަޒީ ބޭންކަށް ހުންނަ ބޭރު ފައިސާގެ އަދަދެކެވެ.
މި އަހަރުގެ ބަޖެޓުގައިވާ ގޮތުން އަހަރު ނިމޭއިރު ރާއްޖޭގެ ރިޒާވް ހުންނާނީ އެއް ބިލިއަން ޑޮލަރާ ގާތުގަ އެވެ. އަހަރު ނިމޭއިރު ޖުމްލަ ރިޒާވް 903.7 މިލިއަން ޑޮލަރުގައި ހިފެހެއްޓޭނެ އެވެ. މި އަހަރު ނިމޭއިރު ރިޒާވް ހުންނާނީ 848.6 މިލިއަން ޑޮލަރުގަ އެވެ.