ފިނޭންސް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިގޮތް ތަކެއް ހޯދައިދިނުމުގެ ގޮތުން މި މިނިސްޓްރީން ދަނީ ތަފާތު އެކި މަސައްކަތްތައް ކުރަމުންނެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިގޮތް ތަކެއް ހޯދައިދިނުމުގެ ގޮތުން މި މިނިސްޓްރީން ދަނީ ތަފާތު އެކި މަސައްކަތްތައް ކުރަމުންނެވެ.
މި ގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ ތެރެއިން މިހާރަށްވުރެ ފަހި ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އެގޮތުން ދައުލަތުގެ އޮފީސް ތަކުން އާއްމުކޮށް އިޢުލާންކޮށްގެން ކުރިއަށް ގެންދާ ބީލަންތަކުގެ ތެރެއިން، ޖުމުލަ އަގުގެ ގޮތުން ވަކި އަދަދަކަށްވުރެ ކުޑަ ބީލަންތަކަކީ ހަމައެކަނި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ބީލަންތަކެއްގެ ގޮތުގައި ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
މި ބަދަލު ގެނައުމަށް މަޝްވަރާކުރަންޖެހޭ ދައުލަތުގެ އިދާރާތަކާ މަޝްވަރާކުރުމާއި ޤާނޫނާއި ގަވާއިދު އަދި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލު ގެނައުމުގެ މަސައްކަތްތައް މި މިނިސްޓްރީން ކުރަމުން އަންނަކަމަށް އެ މިނިސްޓްރީން ބުނެފަ އެވެ.
"މީގެ އިތުރުން ދައުލަތުގެ ޕްރޮކިއުމަންޓު ނިޒާމުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދައުލަތުގެ ބީލަންތަކުގައި ބައިވެރިވުމަށް ހުރި ހުރަސްތައް ނައްތާލައި، ޕްރޮކިއުމަންޓުގެ މަރުހަލާތައް މިހާރަށްވުރެ ލުއި ފަސޭހަކޮށްދިނުމާއި ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ވާދަވެރިކަން އިތުރުވާނެގޮތަށް އެ ނިޒާމު ބައްޓަންކުރުމުގެ މަސައްކަތްތައް ދަނީ ކުރި އަށެވެ،" އެ މިނިސްޓްރީން ބުނެފައިވެ އެވެ.
ފިނޭންސް އިން ބުނީ ހަމަމިއާއެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދައުލަތުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ހާއްސަ އިސްކަމެއްދީގެން ކުރެވޭ ކަންތައްތަކުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހި މިހާތަނަށް ނުދެއްކި ވާ ޓެކުހުގެ ފައިސާ ސެޓްލްކުރާނެ ފަސޭހަ ގޮތެއް މޯލްޑިވްސް އިންލަންޑް ރެވެނިޔު އޮތޯރިޓީއާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ މަޝްވަރާކޮށް ހަމަޖެއްސުމުގެ މަސައްކަތް ހިމެނެ އެވެ.
އެ މިނިސްޓްރީން ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޭ ޚިދުމަތްތަކާއި ފީތައް ވީ އެންމެ ކުޑަކޮށްދެވޭނެ ގޮތްތައް ހޯދައި އެ ވިޔަފާރިތަކުން ޑޮލަރުން ދައްކަމުންދާ ފީތައް ދިވެހި ރުފިޔާއިން ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށް ވީ އެންމެ އަވަހަށް މި ބަދަލު ތަންފީޒުކުރުމުގެ މަސައްކަތްވެސް މި މިނިސްޓްރީން ކުރަމުންދާކަން ފާހަގަ ކުރަމެވެ. މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހި މިހާތަނަށް ނުދެއްކި ވާ ޓެކުހުގެ ފައިސާ ދެއްކުމަށް އެދެވޭ ހައްލެއް ލިބިގެންދާނެއެވެ.