އެމްއޭސީއެލް އިން ބުނީ "ސައިޓް އޭ" ހިމެނޭ 138 ހެކްޓަރު ސަރަހައްދުގެ 49 ހެކްޓަރު ވަނީ ހިއްކާފަ އެވެ. މިއީ ހިއްކަން ކަނޑައަޅާފައިވާ ސަރަހައްދުގެ 36 ޕަސެންޓެވެ.

ރަސްމާލެ ހިއްކަން ކުރަމުންދާ ސައިޓް "އޭ" ސަރަހައްދުން ގާތްގަނޑަކަށް %36 މަަސައްކަތް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެމްއޭސީއެލް އިން ބުނީ "ސައިޓް އޭ" ހިމެނޭ 138 ހެކްޓަރު ސަރަހައްދުގެ 49 ހެކްޓަރު ވަނީ ހިއްކާފަ އެވެ. މިއީ ހިއްކަން ކަނޑައަޅާފައިވާ ސަރަހައްދުގެ 36 ޕަސެންޓެވެ.
ރަސްމާލެ މިހާރު ހިއްކަމުން ދަނީ ދުނިޔޭގައި މި ވަގުތު އޮތް އެންމެ ބޮޑު ދެ ޑްރެޖަރުގެ ތެރޭގައި ހިމެނޭ ކްރިސްޓަބަލް ކޮލޯންއިންނެވެ.
ކްރިސްޓަބަލް ކޮލޯންއަކީ 46,000 ކިއުބިކް މީޓަރުގެ ވެލި 155 މީޓަރު އަޑިން ނެގުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ. ތަންކޮޅެއް ތިލަކޮށް ބުނާނަމަ މިއީ އާންމު ޓީވީން ފެންނަ ފީފާ ސްޓޭންޑަޑުގެ ފުޓްބޯޅަ ދަނޑަކަށް 21 ފޫޓު އުސް މިނުގައި ވެލި އެޅުމުގެ ކުޅަދާނަކަން ހުރި އުޅަނދެކެވެ. މި އުޅަނދުގެ ދެ ފަރާތުގައި ބޮޑު ވެކިއުމް ކްލީނަރެއްހެން ހަރުކޮށްފައިވާ ވެލި ދަމާ ދަތްގަނޑަކީ ބިމުއަޑީގައި ހުންނަ ވެލިގަނޑުން 20 ޓަނުގެ ވެލި ގަޑިއެއްގެ ތެރޭ އުޅަނދު ބަރުކޮށްލެވޭ ވަރުގެ ޕްރެޝަރު ހުރި ދެ "އަތެ" އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި މި ޑްރެޖަރާއެކު މަސައްކަތް ތިން ގުނަ އަވަސް ވެގެންދާނެ އެވެ. މި ރަށް ފެނިގެންދާނީ ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ގޯތިގެދޮރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ހިންގާ އެ މަނިކުފާނުގެ އެންމެ ޑްރީމް ޕްރޮޖެކްޓް ސަތޭކަ ޕަސެންޓު ނެޓް ޒީރޯ ކާބަން، ސްްމާޓް އިކޯ ސިޓީއެއްގެ ގޮތުގަ އެވެ. އަދި މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ކްލައިމެޓް އެޑެޕްޓޭޝަން މަޝްރޫއު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެެ.
މި މަޝްރޫގެ ދަށުން ފުށިދިއްގަރުފަޅުން ޖުމްލަ 1280 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.