ގަވަރުނަރު މުނައްވަރު ވިދާޅުވި ގޮތުގައި ޕޭމަންޓް މޯލްޑިވްސްގެ ސަބަބުން ބޭންކްތަކާއި އަމިއްަލަ ފިންޓެކް ކުންފުނިތަކަށް ގިނަ ފައިދާތަކެއް ކުރާނެ އެވެ. އަދި ރާއްޖޭގެ ޑިޖިޓަލް ދަތުރު ފުރިހަމަވާނެ އެެވެ/

ޕޭމަންޓް މޯލްޑިވްސްގެ ސަބަބުން ފިންޓެކް ހިދުމަތްދޭ އަމިއްލަ ފަރާތްތަކަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މާލީ ދާއިރާއަށް ބޮޑު ބަދަލެއް ގެންނަން ދުނިޔޭގެ އެހެން ގައުމުތަކޭ އެއްގޮތަށް ފިންޓެކް ވަސީލަތް ތައާރަފު ކުރަން އުފެއްދި ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ޕޭމަންޓް މޯލްޑިވްސް) ގެ މަސައްކަތްތަކާ ބެހޭ ގޮތުން ބާސެލާސް ނަސަންދުރަ ހޮޓެލްގައި މިއަދު ވާހަކަ ދައްކަވަމުން ގަވަނަރު މުނައްވަރު ވިދާޅުވި ގޮތުގައި ޕޭމަންޓް މޯލްޑިވްސްއަކީ ހަމައެކަނި އިންފްރާސްޓްރަކްޗާގެ ވަސީލަތެއް ނޫން ކަމަށާ މި ކުންފުނިކޮށްދޭނެ ކަމަކީ ބޭންކްތަކާއި ފިންޓެކް ހިދުމަތްދޭ ފަރާތްތައް ގުޅުވާލައިގެން ރައްކާތެރި، ފުރިހަމަ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށް ދިނުމެވެ.
"މީގެ ސަބަބުން ވިޔަފާރިވެރިންނާއި އަމިއްލަ ފަރާތްތަކަށް ލިބިދޭ ފުރުސަތުތައް ގިނަވާނެ. މި ކުންފުނީގެ ސަބަބުން ރާއްޖޭގެ ކްރިއޭޓިވް އިންޑަސްޓްރީ އިން ޖީޑީޕީގެ ހިއްސާ 15 ޕަސެންޓަށް މަތި ކުރަން 2030 ގެ ނިޔަލަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި އަށް ވާސިލްވާން އެހީތެރިވެދޭނެ،" މުނައްވަރު ވިދާޅުވި އެވެ.
އެމްއެމްއޭގައި ގިނަ ހިދުމަތްތަކެއް ކުރެއްވި މުނައްވަރު ވިދާޅުވި ގޮތުގައި ޕޭމަންޓް މޯލްޑިވްސް ވެގެންދާނީ ރާއްޖެ 2.0 އަށް ކުރާ ޑިޖިޓަލް ދަތުރުގެ މުހިންމު ބައިވެރިއެއްގެ ގޮތުގަ އެވެ. މި ބަދަލު އަންނާނެ ގޮތުގެ މިސާލުތައް ވިދާޅުވެ ދެއްވަމުން ގަވަރުނަރު ވިދާޅުވީ މީގެ ހަ އަހަރު ކުރީގައި ޕޭމަންޓްތަކުގެ 40 ޕަސެންޓް ފުރިހަމަ ކުރަނީ ޗެކުންނެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ އެންމެ ހަތް ޕަސެންޓަށް މަދުވެފަ އެވެ.
"ކޮވިޑަށްފަހު އެކައުންޓް ޓްރާންސްފާ ވަނީ 49 ޕަސެންޓުން 80 ޕަސެންޓަށް މަތިވެފަ. ފަވަރަ ތައާރަފު ކުރިތާ ދެ އަހަރު ތެރޭ ފަވަރަ މެދުވެރިކޮށް ހެދި، އަށް މިލިއަން ޓްރާންސެކްޝަންގެ އަގު 23 ބިލިއަން ރުފިޔާއަށްވުރެ މަތި،" މުނައްވަރު ވިދާޅުވި އެވެ.