މާލީ ދާއިރާ އިތުރު ހަރުފަތަކަށް | ޕޭމަންޓް މޯލްޑިވްސް ވުޖޫދުކޮށްފި

ޕޭމަންޓް މޯލްޑިވްސްއަކީ އެމްއެމްއޭގެ މަސްއޫލިއްޔަތާއި ވަކިކުރެވި ފަވަރަ އާއި އޮޓޯމޭޓެޑް ކްލިއަރިން ހައުސް (އޭސީއެޗް) ފަދަ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް މެދުވެރިކޮށް ދެވޭ ހިދުމަތްތައް ވަކި މެނޭޖްމަންޓެއްގެ ދަށުން ކުންފުންޏަކަށެވެ.

ގަވަރުނަރު އަހުމަދު މުނައްވަރު ޕޭމަންޓް މޯލްޑިވްސް ކުންފުނި އިފްތިތާހު ކޮށްދެއްވަނީ -- އެމްއެމްއޭ

ރާއްޖޭގެ ޕޭމަންޓް ސިސްޓަމް ތަރައްގީކޮށް އާންމުންނާއި ވިޔަފާރިތަކަށް ބޭނުންކުރަން ފަސޭހަ ޕޭމަންޓް ހިދުމަތްތަކެއް މިހާރަށްވުރެ ހަލުވިކޮށް ތައާރަފް ކުރެވޭނެ ފަދަ އިންފްރާސްޓްރަކްޗާއެއް ގާއިމް ކުރުމުގެ މަގުސަދުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ޕޭމަންޓް މޯލްޑިވްސް) ގެ ނަމުގައި ކުންފުންޏެއް އުފައްދައިފި އެވެ. 

މި ކުންފުނި ރަސްމީކޮށް މިއަދު އިފްތިތާޚްކޮށްދެއްވީ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. މި ކުންފުނި ވެގެންދާނީ ރާއްޖޭގައި ހިންގާ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް ހަރުދަނާ ގޮތެއްގައި ހިންގުމުގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އައު އިޖާދީ ޕޭމަންޓް ހިދުމަތްތައް ތައާރަފުކުރުމަށް މަގުފަހިކޮށްދޭ ކުންފުންޏަކަށެވެ. އަދި ރާއްޖޭގައި މާލީ ބައިވެރިވުން އިތުރުކުރުމަށްޓަކައި އިގްތިސާދުގައި ހަރަކާތްތެރިވާ އެކި ސެގްމަންޓްތަކަށް ބޭނުންވާ ޕޭމަންޓް ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް އެ މަސައްކަތްތައް ވިލަރެސްކުރާ މައިގަނޑު މުއައްސަސާއަށެވެ.

އެމްއެމްއޭ އިން ބުނީ ޕޭމަންޓް މޯލްޑިވްސް ވެގެން ދާނީ މަރުކަޒީ ބޭންކު، އެމްއެމްއޭގެ މަސްއޫލިއްޔަތާއި ވަކިކުރެވި ފަވަރަ އާއި އޮޓޯމޭޓެޑް ކްލިއަރިން ހައުސް (އޭސީއެޗް) ފަދަ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް މެދުވެރިކޮށް ދެވޭ ހިދުމަތްތައް ވަކި މެނޭޖްމަންޓެއްގެ ދަށުން ކުރިއެރުވުމުގެ ޒިންމާ މަތިކުރެވިފައިވާ ކުންފުންޏަކަށެވެ.

ޕޭމަންޓް މޯލްޑިވްސްގެ ސަބަބުން މުޅި ޕޭމަންޓް އިންފްރާސްޓްރަކްޗާގެ ތަރައްގީގެ މަސައްކަތްތަކުގެ ދުވެލި އަވަސްވެގެންދާނެ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ. އޭގެއިތުރުން، މާލީ ޚިދުމަތްދޭ ފަރާތްތަކުގެ ބައިވެރިވުމާއެކު މިފަދަ މަޝްރޫއުތައް ހިންގުމުން، އައު އީޖާދީ ހިދުމަތްތައް ތައާރަފްކުރުމުގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި އެ ފަރާތްތަކުގެ އެއްބާރުލުން ލިބުމުގައި ފަސޭހަ ވެގެންދާނެ ކަމަށްވެސް އެމްއެމްއޭއިން ހާމަކުރެ އެވެ. 

އެގޮތުން ކުންފުނީގެ މަސައްކަތް ފެށިގެންދާއިރު ފަވަރަ އާއި އޮޓޯމޭޓެޑް ކްލިއަރިން ހައުސް (އޭސީއެޗް) ގެ ހިންގުން ޕޭމަންޓް މޯލްޑިވްސްގެ ދަށަށް ބަދަލުކުރެވިގެންދާއިރު، ޕޭމަންޓް ސިސްޓަމް ތަރައްގީ ކުރުމުގެ ގޮތުން މިހާރުވެސް ފެށިގެން ކުރިޔަށްދާ މުހިއްމު މަޝްރޫއުތައް ކަމުގައިވާ ފަވަރަ އާއި އިންޑިއާގެ ޔޫޕީއައި އާއި ގުޅާލާ ކްރޮސް ބޯޑާ އިންޓަގްރޭޝަން ގާއިމްކުރުމުގެ މަޝްރޫއުގެ އިތުރުން، ޕޭއެމްވީ ކިއުއާރު ކޯޑު ތަންފީޒު ކުރުމުގެ މަސައްކަތްވެސް ދެން ކުރިޔަށް ގެންދާނީ ޕޭމަންޓް މޯލްޑިވްސް އިން އެވެ.

ޕޭމަންޓް މޯލްޑިވްސް ކުންފުނި އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތު

ޕޭމަންޓް މޯލްޑިވްސް އަކީ އެމްއެމްއޭގެ އިސްނެގުމާއެކު އެ ފަރާތުގެ 60% ހިއްސާ ހިމެނޭހެން އުފައްދާފައިވާ ކުންފުންޏަކަށްވިޔަސް އެ ކުންފުންނި ހިންގުމަށް ނިންމާފައިވަނީ ވަކި މެނޭޖްމަންޓެއްގެ ދަށުންނެވެ. އޭގެ ސަބަބައްކަމަށް އެމްއެމްއޭ އިން ހާމަކުރަނީ، ދުނިޔޭގެ ޕޭމަންޓް ޓެކްނޮލޮޖީ އަށް އަންނަމުންދާ ބަދަލުތަކާއި ކުރިއެރުންތަކުގެ ދިރާސާތައްކޮށް އެޔާއި ގުޅޭ މަޝްރޫއުތަކުގެ ކަންކަން އެ ކަމަށް ހާއްސަވެގެން ތިބޭ މުވައްޒަފުންނާއިއެކު ކުރިޔަށްގެންދިއުމެވެ. އެގޮތުން އިނޮވޭޝަނާއި، ޕްރޮޑްކަޓް ޑިވެލޮޕްކުރުމާއި އިންފޮމޭޝަން ޓެކްނޮލޮޖީ އިތުރުންވެސް ކަމާގުޅޭ ދާއިރާތަކުގެ ފަންނީ ތަޖުރިބާ ލިބިފައިވާ މުވައްޒަފުންނާއިއެކު ޕޭމަންޓު މޯލްޑިވްސް ހިންގުމުގެ ސަބަބުން، އައު އީޖާދީ ހިދުމަތްތައް ކަސްޓަމަރުންނާއި ހަމަޔަށް ތައާރަފް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސް ދުވެއްޔެއްގައި ގެންދިޔުމުގެ އިތުރަށް، މިހާރު އޮޕަރޭޓް ކުރަމުންދާ ސިސްޓަމުތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށްވެސް އެމްއެމްއޭއިން ދެކެ އެވެ.

ވަކި މެނޭޖްމަންޓެއްގެ ދަށުން ހިންގަމުން ގެންދިޔަ ނަމަވެސް، ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ މައިގަނޑު މަގުސަދު ކަމުގައިވާ ރައްކާތެރި އަދި ހަރުދަނާ ޕޭމަންޓް ސިސްޓަމްގެ ނިޒާމެއް ގާއިމުކުރުމާއި ރާއްޖޭގައި މާލީ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދު ހާސިލުވާކަން ކަށަވަރު ކުރުމުގެ ގޮތުން ހިއްސާގެ އިންސައްތައެއް މަރުކަޒީ ބޭންކުގައި ބޭއްވުމަށް ވަނީ ރާވާފައިވާކަމަށް އެމްއެމްއޭއިން ހާމަކުރެ އެވެ.

މިފަދަ ކުންފުނިތަކަކީ ދުނިޔޭގެ ކާމިޔާބު މޮޑެލްއެއް

މި މޮޑެލް އަކީ ދުނިޔޭގެ ކުރިއަރާފައިވާ އެހެނިހެން ގައުމުތަކުގައިވެސް ކާމިޔާބުކަމާއެކު ތަންފީޒްކޮށްފައިވާ މޮޑެލްއެކެވެ. އިންޑިއާ، އޮސްޓްރޭލިޔާ، ތައިލެންޑް، އަދި ޖޯޑަން ފަދަ ޤައުމުތަކުން މިފަދަ މޮޑެލްތައް ކާމިޔާބުކަމާއެކު ތަންފީޒުކޮށް، އެ ޤައުމުތަކުގެ މާލީ ނިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެ އެވެ.

 އިންޑިއާގެ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިޔާ (އެންޕީސީއައި) ރިޒާވް ބޭންކް އޮފް އިންޑިއާ އަދި އިންޑިއަން ބޭންކްސް އެސޯސިއޭޝަނާ ގުޅިގެން ތަރައްގީކުރި ކުންފުނިން ޔޫޕީއައި ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ރިއަލްޓައިމް ޑިޖިޓަލް ޕޭމަންޓްތައް ފޯރުކޮށްދެ އެވެ. އޮސްޓްރޭލިޔާގެ އެންޕީޕީ އޮސްޓްރޭލިޔާ އުފެއްދީ ރިޒާވް ބޭންކް އޮފް އޮސްޓްރޭލިޔާ އަދި ބޮޑެތި ބޭންކުތަކުގެ އެހީތެރިކަމާއެކު، އޮސްޓްރޭލިޔާގެ ހުރިހާ ރައްޔިތުންނަށް ރިއަލްޓައިމް އިންފްރާސްޓްރަކްޗަރ ފޯރުކޮށްދިނުމަށެވެ. ޖޯޑަން އަދި ތައިލެންޑުން ވެސް ވަނީ މިފަދަ ކުންފުނި ތަކެއް އުފައްދާފަ އެވެ.

ޕޭމަންޓް މޯލްޑިވްސް ކުންފުނި އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތު

ޕޭމަންޓް މޯލްޑިވްސް އާއިއެކު މާލީ ނިޒާމަށް ބޮޑު ބަދަލެއް

ޑިޖިޓަލް-ފަސްޓް މާލީ ނިޒާމަކާ ދިމާއަށް ޕޭމަންޓް މޯލްޑިވްސް ތަޢާރަފުކުރުމަކީ ޑިޖިޓަލް ރާއްޖެއެއްގެ ދަތުރުގައި އެޅުނު މުހިންމު ފިޔަވަޅެކެވެ. ގިނަ ދިވެހިން ޑިޖިޓަލް ޕޭމަންޓު ބޭނުންކުރަން ފެށުމާއެކު، ހަރުދަނާ، ރައްކާތެރި، އަދި އެންމެންނަށް ބައިވެރިވެވޭ އިންފްރާސްޓްރަކްޗަރއެއްގެ ބޭނުން އިތުރުވެފައިވެއެވެ. އެމްއެމްއޭއިން ދެކޭގޮތުގައި ޕޭމަންޓް މޯލްޑިވްސްއަކީ މިހާރުގެ ނިޒާމުތަކަށް އެހީތެރިވުމުގެ އިތުރުން، ކުރިމަގުގެ ބޭނުންތަކަށް ތައްޔާރުވެ އެ ބޭނުންތައް ފުއްދައިދޭނެ ޕްލެޓްފޯމް އެވެ.

ޕޭމަންޓް މޯލްޑިވްސް އިން ލިބޭނެ ފައިދާތައް

  • އަވަސް އަދި ފަސޭހަ ޕޭމަންޓް ހިދުމަތްތައް
  • އިތުރު ރައްކާތެރިކަމާއެކު މާލީ މުއާމަލާތްތައް ކުރުމުގެ ފުރުޞަތު
  • އައު އީޖާދީ މާލީ ޚިދުމަތްތަކަށް ފަސޭހައިން ވާޞިލުވުމުގެ ފުރުސަތު
  • މާލީ ޝާމިލުވުން އިތުރުވެ އިތުރު ބަޔަކަށް ރަސްމީ މާލީ ނިޒާމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ލިބުން
  • ވިޔަފާރިތަކަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި؛
  •  ޕޭމަންޓް ޕްރޮސެސިސިން ޚަރަދުތައް ކުޑަވުން
  •  އައު ޓެކްނޮލޮޖީތަކާއި ޚިދުމަތްތަކަށް ފަސޭހައިން އަހުލުވެރިވުމުގެ ފުރުޞަތު ލިބުން
  •  ބައިނަލްއަޤްވާމީ ވިޔަފާރީގެ ފުރުސަތުތައް އިތުރުވުން

ޕޭމަންޓް މޯލްޑިވްސް ވެގެންދާނީ ރާއްޖޭގެ މާލީ ދާއިރާގެ މުސްތަގަބަލަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި ފިޔަވަޅުގެ ސަބަބުން ރާއްޖޭގެ މާލީ އިންފްރާސްޓްރަކްޗާ ހަރުދަނާވެ، އައު އީޖާދުތަކަށް މަގުފަހިވެ، އަދި ޑިޖިޓަލް އިޤްތިޞާދަކާ ދިމާއަށް ދަތުރުކުރުމަށް ބާރުލިބިގެންދާނެ އެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ރައްޔިތުންނަށާއި ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކާއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރެވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.