ރީފްސައިޑުން ސްޓޮކް އެކްސްޗޭންޖުގައި ލިސްޓް ކޮށްފައިވަނީ އިޖާރާ ފައިނޭންސިން ޞުކޫކްއެއް މެދުވެރިކޮށް 28 މިލިއަން ހޯދުމަށެވެ. މި ސްކޫކް ގަންނަ ފަރާތްތަކަށް އެންމެ މަދުން ގަނެވޭނެ އަދަދކީ 5،000 (5 ސްކޫކް) އެވެ.

ވިޔަފާރިއަށް ބޭނުންވާ ފައިސާ ހޯދަން މިޒަމާނުގައި ގިނަ ގޮތް ތަކެއް ހުރެ އެވެ. މީގެތެރޭން އެއްގޮތަކީ އަމިއްލަ ސޭވިން ފައިސާ ހަމަޖެއްސުމެވެ. ނުވަތަ އާއިލާ މެންބަރެއް ނުވަތަ ކޮންމެ ވެސް މީހެއްގެ އަތުން ފައިސާ ހޯދުމެވެ. ބޭންކް އަކުން ލޯނެއް ނެގުމެވެ. ނުވަތަ ކެޕިޓަލް މާކެޓުގެ (ހިއްސާގެ ބާޒާރުގެ) ތެރެއިން ހިއްސާ ނުވަތަ ސުކޫކްއެއް ވިއްކައިގެން ފައިސާ ހޯދުމެވެ. ނަމަވެސް ގިނަ ބަޔަކު ޖެހިލުންވާ އެއް ކަމަކީ ހިއްސާ ނުވަތަ ސުކޫކް ވިއްކައިގެން ފައިސާ ހޯދުމެވެ. ސަބަބަކީ މިފަދަ ކަމެއް ކުރަން ދިމާކޮށްފިނަމަ ކުންފުންޏެއްގެ މާލީ ހިސާބުތައް އާއްމު ކުރަން ޖެހުމެވެ. ފޮރުވާފަ އެއްވެސް އެއްޗެއް ނުބާއްވާ ހާމަކުރުމެވެ. މިކަން ގިނަ ފަހަރު ނުވަނީ އެހެންވެ އެވެ. ނަމަވެސް އަންނަ އަހަރު ބައި ގަރުނު ފުރޭ ރީފްސައިޑުގެ ހިއްސާދާރުން ހިޔާރު ކުރީ ކެޕިޓަލް މަކެޓަށް ދިއުމެވެ. މި މަގުސަދުގައި ރީފްސައިޑުން މިވަނީ އިޖާރާ ފައިނޭންސިން ޞުކޫކްއެއް މެދުވެރިކޮށް 28 މިލިއަން ރުފިޔާ ރެއިޒް ކުރަން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކޮށްފަ އެވެ.
ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގެ ތާރީހުގައި އަމިއްލަ ފަރާތަކުން ލިސްޓްކުރާ ފުރަތަމަ ސުކޫކް އިޖާރާ ފައިނޭންސިން ވަސީލަތް ތައާރަފުކޮށްދެއްވީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ މުހައްމަދު އައުސަމް އެވެ.
ރީފްސައިޑުގެ ވެރިޔާ ހަސަން ޒާހިރު (ރާޑޯ ޒާހިރު) ގަބޫލު ކުރައްވާ ގޮތުގައި މި ނިންމެވުމަކީ ދުރަށް ވިސްނައި ފަރުވާތެރިކަމާއެކު ނިންމެވި ނިންމެވުމެވެ. މި ނިންމެވުމާއެކު މުސްތަގުބަލްގައި ޒާހިރުގެ ހުވަފެނަކީ މާދުރުނޫން މުސްތަގުބަލްގައި ކުންފުނީގެ ހިއްސާ އާންމުންނަށް ވިއްކުމަށްޓަކައި، އިނީޝިއަޕް ޕަބްލިކް އޮފަރިން (އައިޕީއޯ) އަކަށް ދިއުމެވެ. މަގުސަދަކީ ރީފްސައިޑްގެ ވިޔަފާރީގައި އާއްމުންގެ ބައިވެރިވުން އިތުރުކުރުމެވެ.

މި މަގުސަދުގައި ރީފްސައިޑުން މޯލްޑިވްސް ސްޓޮކް އެކްޗޭންޖުގެ ވިއަނަ ޕޯޓަލްގައި މިހާރު ލިސްޓުކޮށްފައިވާ އިޖާރާ ފައިނޭންސިން ޞުކޫކްގައި އިންވެސްޓް ކުރާ ފަރާތްތަކަށް ލިބޭނެ އެންމެ ބޮޑު ޔަގީންމަކީ ރީފްސައިޑުގެ ފަސްބައި ސާފު ބައިގަރުނާ ކައިރިވެފައިވާ ވިޔަފާރި އެވެ. ރާޑޯ ޒާހިރުގެ ބައްޕަ، ކަޅުހޮއްކޮ ކުޑަދޮންމަނިކް (ކޭކޭއެމް) އެޅުއްވި ބިންގަލުގެ މަތީގައި މީގެ 49 އަހަރު ކުރިން ބިންގާ އެޅުއްވި ރީފްސައިޑުން ސްޓޮކް އެކްސްޗޭޖުގައި ލިސްޓް ކުރި އިޖާރާ ޞުކޫކްއަކީ ޕްރައިވެޓް ކުންފުންޏަކުން ރާއްޖޭގައި މިފަދަ މާލީ ވަސީލަތެއް ވިއްކާ ފުރަތަމަ ފަހަރެވެ.

ރީފް ސައިޑުގެ މި ސުކޫކް ގަންނަ ފަރާތްތަކަށް ލިބިގެންދާނެ އެންމެ ބޮޑު ޔަގީން ކަމަކީ ފައިދާ ލިބޭނެ ކަމުގެ ޔަގީންކަމެވެ. މި ސުކޫކް ގަންނަ ފަރާތްތަކަށް ރީފްސައިޑުން މާލޭގެ އެންމެ ޕްރައިމް ލޮކޭޝަންގައި ހަދާފައިވާ ކޭކޭމް ބިލްޑިންގްއިން ފައިދާ ލިބޭނެ އެވެ. އެހެން ސުކޫކްތަކުގައި މިހާތަނަށް ފެންނަނީ އާ އިންވެސްޓްމަންޓުތަކަށް ވިއްކާ ސުކޫކް ތަކެވެ. ނަމަވެސް މި ސުކޫކް ފަރުމާކޮށްފައިވަނީ އިންވެސްޓްމަންޓް ވެހިކަލްއެއްގެ ގޮތުގައި ރީފްސައިޑްގެ މައި އިމާރާތް ބޭނުން ކުރާ ގޮތަށެވެ. މިއީ އަގުމަގުކޮށްފައިވާ 40 މިލިއަން ރުފިޔާގެ އަގު ހުރި އިމާރާތެކެވެ. ސުކޫކް ގަންނަ ފަރާތްތަކަށް ލިބޭނީ މި ބިލްޑިންގެ ކުލީގެ މަންފާއިންނެވެ. މީގެ އިތުރުން ރީފްސައިޑްއަކީ ދުނިޔޭގެ އެންމެ އަގުބޮޑު ގަޑީގެ ބްރޭންޑްތަކާއެކު މަސައްކަތް ކުރާ ކުންފުންޏެކެވެ. މީގެ އިތުރުން ސޮނީ ފަދަ ބްރޭންޑްތަކާއެކު މަސައްކަތް ކުރުމަކީ ލިބޭނެ އެންމެ ބޮޑު ޔަގީން ކަމެވެ.
ސުކޫކް އިޖާރާއަކީ ކޮބާ ؟ ސުކޫކް އިޖާރާއަކީ އިސްލާމީ މާލީ ނިޒާމުގައި ބޭނުންކުރާ، އިންވެސްޓްމަންޓް ސެޓްފިކެޓެކެވެ. މިއީ އާދައިގެ "ބޮންޑު" ތަކާ ހިލާފަށް އިންޓްރެސްޓުން ސަލާމަތްވެފައިވާ، އަދި ޝަރީއާ ހުއްދަކުރާ ގޮތަށް ފައިސާ ހޯދުމަށް ނުވަތަ އިންވެސްޓްކުރުމަށް ބޭނުން ކުރާ ވަސީލަތެކެވެ. ސުކޫކް އިޖާރާ މަސައްކަތް ކުރާ ގޮތަކީ، ފައިސާ ހޯދަން ބޭނުންވާ ފަރާތުން މިސާލަކަށް ސަރުކާރު ނުވަތަ ކުންފުންޏަކުން އެފަރާތުގެ މިލްކިއްޔާތުގައިވާ، ބިމާއި އިމާރާތް ނުވަތަ އޮފީސް ބްލޮކެއްފަދަ ހަގީގީ ހަރު މުދަލެއްގެ މަންފާ ލިބިގަތުމުގެ ޙައްޤު ޞުކޫކުގެ މުއްދަތުގައި އިންވެސްޓަރުންނަށް ލިބިދިނުމެވެ. މިގޮތުން އިޖާރާ ސުކޫކެއްގައި އިންވެސްޓަރުންނަށް ލިބިދެވޭނީ އެމުދާ ކުއްޔަށްދީގެން ހޯދާ ކުލީގެ އާމްދަނީއެވެ. އެހެންވެ، މިއީ މީގެ ސަބަބުން އިންވެސްޓަރުންނަށް ލިބޭނެ ބޮޑު ޔަގީން ކަމެކެވެ.
އަދި ކިޔާލަން - ރީފްސައިޑްގެ ފެށުން | ކޭކޭއެމް ބިލްޑިންގް އާއި ކަޅުހޮއްކޮ ކުޑަދޮންމަނިކުގެ އީޖާދީ ވިސްނުން