ރާއްޖޭގައި ނަމެއްގެ މިލްކުވެރިކަން ހޯދޭނެ ގޮތަކީ އިކޮނޮމިކް މިނިސްޓްރީން އެ ނަމެއް ނެގުމެވެ. ނުވަތަ ރީޒާވް ކުރުމެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީގައި މިކަން އެއްވެސް ފަރާތަކުން ނަގާފައެއް ނެތެވެ.

ރާއްޖޭގެ ލޯކަލް ޓޫރިޒަމްގެ ރަސްގެފާނު ކަމަށްވާ މާފުށިން - ހާޓް އޮފް މޯލްޑިވްސް - ގެ ނަމުގައި ޓެގްލައިނެއް ހަދައި ބްރޭންޑިން ދައްކާލުންވީ ގިނަ ބަޔަކު ޝައުގުވެރިވި ކަމަށެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކަމަށެވެ. ނަމަވެސް މި ފުރިހަމަ މަސައްކަތް ދައްކާލިތާ 24 ގަޑިއިރު ނުވަނީސް މާފުއްޓާއި ލޯކަލް ޓޫރިޒަމްގައި ވާދަވެރި އއ. ރަސްދޫ އިން މިވަނީ "ހާޓް އޮފް މޯލްޑިވްސް" އަކީ އެ މީހުންގެ އަމިއްލަ އެއްޗެއް ކަމަށް ދައުވާކޮށްފަ އެވެ.
ސުވާލަކީ "ހާޓް އޮފް މޯލްޑިވްސް" އަކީ ކޮން ބައެއްގެ މިލްކެއް ހެއްޔެވެ؟ އެއްވެސް ބައެއްގެ ޓްރޭޑް މާކެއް ނުވަތަ ބްރޭންޑެއް ހެއްޔެވެ؟
އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރީން ފެންނަ ގޮތުންނަމަ "ހާޓް އޮފް މޯލްޑިވްސް" އަކީ އެއްވެސް ބައެއްގެ މިލްކެއް ނޫނެވެ. މިއީ ހަމަ "އައިލަވް ރަސްދޫ" ނުވަތަ "އައިލަވް މާފުށި" ނޫނީ "އައިލަވް މޯލްޑިވްސް" ފަދަ އެންމެން ބޭނުންކުރާ ޓެގްލައިންއެކެވެ.
ރާއްޖޭގައި ނަމެއްގެ މިލްކުވެރިކަން ހޯދޭނެ ގޮތަކީ އިކޮނޮމިކް މިނިސްޓްރީން އެ ނަމެއް ނެގުމެވެ. ނުވަތަ ރީޒާވް ކުރުމެވެ. ރަސްދޫ އިން ހާޓް އޮފް މޯލްޑިވްސްއަކީ އެރަށު ކައުންސިލްގެ ނަމެއްގެ ގޮތުގައި ދައުވާ ކުރާ ސަބަބެއްގެ ގޮތުގައި ދައްކަނީ 2019 ވަނަ އަހަރު އެ ރަށުގައި ބޭއްވި ހަފުލާއެއްގައި އެ ނަން ލޯންޗް ކުރުމެވެ. އެކަން ކުރެއްވީ ރައީސް މުހައްމަދު ނަޝީދު އެވެ. އަދި މާފުށި ބްރޭންޑްކޮށް ސްލޯގަން ލޯންޗްކޮށްދެއްވީ ވެސް ހަމަ ރައީސް ނަޝީދު އެވެ.
ދެން އޮތީ "ހާޓް އޮފް މޯލްޑިވްސް" ގެ މިލްކުވެރިކަން ލިބެން އޮތް މަގުތަކެވެ.
ރާއްޖޭގައި މިވަގުތު ޓްރޭޑްމާކު ގާނޫނެއް ނެތެވެ. ނަމަވެސް ރައްޔިތުން މަޖިލީހުން ދާދިފަހުން ވަނީ ޓްރޭޑްމާކް ގާނޫނެއް ފާސްކޮށް އެ ގާނޫނު ރައީސްވަނީ ތަންފީޒު ވެސް ކުރައްވާފަ އެވެ. ނަމަވެސް މި ގާނޫނަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
ރާއްޖޭގެ ޓްރޭޑްމާކް ގާނޫނާއެކު އެ ބަޔަކަށް ލޯގޯ ނުވަތަ ނަމުގެ އެކްސްކްލޫޒިވް ހައްޤު ލިބިދޭނެ އެވެ. އަދި އެކަންވާނީ އެ ނަމެއް ރަޖިސްޓްރީކުރުމުނެވެ. އަދި އެއްވެސް ފަރާތަކުން ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކެއްގެ ވެރިފަރާތުގެ ހުއްދަ ހޯދުމަކާ ނުލައި އެ މާކް ބޭނުންކުރުމުގެ ސަބަބުން އޮޅުން އެރުމުގެ ފުރުސަތު އޮންނަ ހާލަތްތަކުގައި އެފަދައިން އެ ނިޝާނެއް ބޭނުންކުރުން ހުއްޓުވުމުގެ ފުރިހަމަ ހައްޤު ރަޖިސްޓްރީކޮށްފައިވާ މާކްގެ ވެރިފަރާތަށް މި ގާނޫނުން ލިބޭނެ އެވެ. ބިލުގެ 33 ވަނަ މާއްދާގައި ބުނެފައިވަނީ، އެއްވެސް ފަރާތަކުން ޓްރޭޑްމާރކްގެ ހައްގަށް އަރައިގެންފިކަމަށް ނުވަތަ އެފަދަ ހައްގަކަށް އަރައިގަންނަން އުޅޭކަމަށް ޤަބޫލުކުރެވިގެން، މާކްގެ ވެރިފަރާތުން ކޯޓަށް މައްސަލައެއް ހުށަހަޅައިފިނަމަ، އެކަން ހުއްޓުވުމަށް ވަގުތީ ފިޔަވަޅު އެޅުމަށް އަމުރުތައް ނެރެދިނުމުގެ ބާރު ކޯޓަށް ލިބިގެންވެ އެވެ. އަދި ގެއްލުމުގެ ބަދަލު ނަގައިދިނުމާއި، މި ބިލުގައި ބުނެފައިވާ އެހެން ފަރުވާތައް ނަގައިދިނުމުގެ ބާރު ވެސް ކޯޓަށް ލިބިގެންވާ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.