ފާއިޒު ވަކިކުރަން ނިންމި އެއް މައްސަލައަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތު ކުރާ ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމުންނެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު އެ މަގާމުން ވަކިކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ނިންމައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފާއިޒުގެ މައްސަލަތަކެއް ބެލުމަށްފަހު، އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.
އެ މައްސަލަ ދިރާސާ ކުރުމަށް ބޭއްވީ ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމުގައި، ޖޭއެސްސީން އެގޮތަށް ނިންމީ އިޖުރާއަތްތައް ފުރިހަމަ ކޮށްގެން ކަމަށާއި، އެހެންކަމުން ފާއިޒު ވަކިކުރުމަށް ތަޅުމަށް ފޮނުވަން ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދެވެ.
ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ތާއީދު ކުރެއްވި އެ ހުށަހެޅުން ފާސްވީ ކޮމެޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
ފާއިޒު ވަކިކުރަން ނިންމި އެއް މައްސަލައަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތު ކުރާ ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމުންނެވެ. އަދި، މަރުގެ ދައުވާ ކޮށް، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުރި ހަލީމަތު ލަމްހާ އަބްދުއްރަހްމާން ބަންދުން ދޫކޮށްލި މައްސަލަތަކާ ގުޅިގެންނެވެ.
އަންވަރަކީ މީގެ ކުރިން އީރާނު ބޯޓަކުން ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރު ކުރި މީހެކެވެ. އެފަހުން މިދިޔަ ހަފްތާ އޭނާ ވަނީ މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި ހައްޔަރު ކޮށްފަ އެވެ. އޭނާގެ ބަންދަށް ފަސް ދުވަސް ދިނުމަށްފަހު މިދިޔަ ހޮނިހިރު ދުވަހު ގާޒީ ފާއިޒް ވަނީ އޭނާ ބަންދުން ދޫކޮށްލަން އަމުރުކޮށްފަ އެވެ.
މިނިވަން ވުމާއެކު އަންވަރު ވަނީ ސްރީ ލަންކާއަށް ދިއުމަށް މަސައްކަތްކޮށްފަ އެވެ. އެކަމަކު، އެ ގައުމަށް އޭނާ ނުވައްދައި ޑީޕޯޓުކޮށްލުމުން އަނބުރާ ރާއްޖެ އަންނަންޖެހުނެވެ. އޭގެ ފަހުން އިތުރު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އޭނާ އަލުން ހައްޔަރުކޮށްފަ އެވެ.
އޭގެ އިތުރުން، އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި ކަމަށް ތުހުމަތު ކުރެވޭ ލަމްހާގެ މައްސަލަ ވެސް ކޯޓުގައި ބަލަމުންދަނީ ގާޒީ ފާއިޒް އެވެ. މީގެ ކުރިން ލަމްހާ ދެ ފަހަރެއްގެ މަތިން ދޫކޮށްލުމުން ދައުލަތުން ހައިކޯޓަށް މައްސަލަ ހުށަހަޅައިގެން ލަމްހާ އަލުން ބަންދުކޮށްފައިވެ އެވެ. ނަމަވެސް މިމަހުގެ ކުރީކޮޅު އަލުން ލަމްހާ ވަނީ ބަންދުން ދޫކޮށްލާފަ އެވެ. އެ ނިންމުން ވެސް ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން ވަނީ ބަންދާމެދު އަލުން ގޮތެއް ނިންމުމަށް އަމުރުކޮށްފަ އެވެ.
އެކަމަކު ލަމްހާގެ ބަންދާމެދު ގޮތެއް ނިންމޭނީ އޭނާގެ ފުށުން މުޖުތަމައުއަށް ނުރައްކާ އޮތް މިންވަރު ދެނެގަނެވޭނެ އެސެސްމެންޓެއް ހެދުމުން ކަމަށާއި، އެ އެސެސްމެންޓް ހަދާފައި ނުވާ ކަމަށް ގާޒީ ފާއިޒް ވަނީ އަންގާފަ އެވެ.
މި މައްސަލަތަކާ ގުޅިގެން އޭނާ މިހާރު ވެސް ހުންނެވީ ސަސްޕެންޝަންގަ އެވެ.